ރައްކާތެރިކަމާއެކު އެނބުރި ދެވެންދެން އީރާންގެ ހައްޖުވެރިންނަށް އެހީވާން ސައުދީ ރަސްގެފާނުގެ އަމުރެއް

އިރާނުގެ އެތައް ހާސް ހައްޖުވެރިންނެއް ކޮންމެ އަހަރުވެސް ހައްޖުގެ އަޅުކަން އަދާކުރޭ. ފޮޓޯ/އޭއެފްޕީ

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ދަތުރުކޮށްފައިވާ އީރާނުގެ ހައްޖުވެރިންނަށް ރައްކާތެރިކަމާއެކު އެނބުރި ގައުމަށް ދެވެންދެން، އެ މީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ލިބޭނެގޮތް ހެދުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދު އަމުރުކުރައްވައިފިއެވެ.

ސައުދީ ރަސްގެފާނު އެފަދައިން އެންގެވީ، ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުން އީރާނަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. ވައިގެ މަގުން ދިން އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ނިއުކްލިއާ ސައިންސްވެރިންނަށާއި އަސްކަރީ މަރުކަޒުތަކަށެވެ. ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

އެހެންވެ، ގައުމަށް އަނބުރާ ނުދެވި ތިބި އީރާނުގެ ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަސްގެފާނަށް ހުށަހެޅުއްވީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ސައުދީ ޕްރެސް އެޖެންސީން ބުނެއެވެ.

ހައްޖުވެރިންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދޭނީ ހައްޖު އެންޑް އުމްރާ މިނިސްޓްރީ މެދުވެރިކޮށް ކަމަށްވެސް ޕްރެސް އެޖެންސީ ބުނެއެވެ.

އީރާނުގެ ނޫސްތަކުން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު އެ ގައުމުން ހައްޖަށް ދާ މީހުންގެ އަދަދު 85،000އަށް އަރައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.6 މިލިއަނަށްވުރެ ގިނަ މީހުން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ޒިޔާރަތްކޮށްފައިވެއެވެ.

https://sun.mv/207286

އިސްރާއީލުގެ ހަމަލާތަކުގެ ރައްދުގައި އީރާނުން ރެއިން ފަށައިގެން އަންނަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ، ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ އެއާބޭސްތަކަށާއި، އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ.

comment ކޮމެންޓް