ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފިލްމު ކުންފުނިތަކުގެތެރޭ ހިމެނޭ ޔަޝް ރާޖް ފިލްމްސްގެ ގޮފި ސްޕައި ޔުނިވާސްގެ ފިލްމެއް އެކްޓަރު ވިކީ ކޯޝަލްއަށް ހުށަހަޅާފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފިއެވެ.
ވައިއާރްއެފްގެ އިސް ފަރާތަކާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ، މަޝްހޫރު ސްޕައި ޔުނިވާސްއަށް ވިކީ ގެނައުމުގެ ވިސްނުމެއް އެ ކުންފުނިން ނުގެންގުޅޭ ކަމަށެވެ.
ދާދިފަހުން ރިލީޒްކުރި މެޑްޑޮކް ފިލްމްސްގެ "ޗާވާ"އަށް ބޮކްސް އޮފީހުގައި ލިބުނު ކާމިޔާބީއާ ގުޅިގެން ވިކީ ހިމެނިފައި ވަނީ ބޮލީވުޑްގެ އެންމެ ޑިމާންޑު އޮތް އެކްޓަރުންގެތެރޭއެވެ. އެ ފިލްމުގައި ވިކީ ދެއްކި މޮޅު އެކްޓިންގްއަށް ފަހު ވަރަށް ގިނަ ފިލްމު ހުށަހެޅުންތައް ވިކީއަށް އަންނަނީ ލިބެމުންނެވެ.

އެކްޓަރު ވިކީ ކޯޝަލް އަދި ބަތަލާ ރަޝްމިކާ ފިލްމު "ޗާވާ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ބޮލީވުޑްގެ އޭ-ލިސްޓު އެކްޓަރުން ކަމަށްވާ ޝާހްރުކް ޚާން އާއި ސަލްމާން ޚާން މުހިއްމު ރޯލް ކުޅޭ ފިލްމު "ޓައިގާ ވާސަސް ޕަތާން"ގެ ރޯލެއް ސްޕައި ޔުނިވާސްއިން ވިކީއަށް ހުށަހަޅާފައިވާ ކަމުގެ ޚަބަރުތައް ފެތުރެން ފެށީ ވެސް ވިކީއަށް ލިބެމުން އަންނަ މަގުބޫލުކަމާ ވިދިގެންނެވެ.
ރިޕޯޓުތައް ބުނާގޮތުން ކުރިމަގުގައި މުޅީން އާ ތަރިންތަކެއް ހިމަނައިގެން ސްޕައި ޔުނިވާސްއިން އިތުރު އުފެއްދުންތަކެއް ބެލުންތެރިންނަށް ގެނެސްދޭން ވަނީ ނިންމާފައެވެ. ނަމަވެސް އެއީ ކޮން ފިލްމީ ތަރިންތަކެއް ހިމަނައިގެންކަން އަދި ކަށަވަރުނުވާ ކަމަށާއި އެއީ ސްޕައި ޔުނިވާސްގެ އިސްވެރިންގެ މެދުގައި ކުރެވެމުން އަންނަ މަޝްވަރާތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސްޕައި ޔުނިވާސްއިން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 14 ގައި ރިލީޒްކުރާ ފިލްމު "ވޯ 2"އެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ ރިތިކް ރޯޝަން، ޖޫނިއަ އެންޓީ އާރް އަދި ކިއާރާ އަދުވާނީއެވެ.