ފިރިމީހާއާ އެކު އިނގިރޭސިވިލާތުގެ ބްރިސްޓަލްގައި ދިރިއުޅެމުން އަންނަ ބޫމީ ޗޯހަން އިންޑިއާއަށް ކުރި ދަތުރު ނިންމާލުމަށްފަހު އެނބުރި އިނގިރޭސިވިލާތަށް ދިއުމަށް މިދިޔަ ބުރާސްފަތި ދުވަހު ދަތުރުފެށިއެވެ.
އިންޑިއާގެ އަހްމަދުއާބާދު އެއާޕޯޓަށް ދިއުމަށްކުރި ދިގު ދަތުރުގައި މަގުމަތީގައި ކާރޫބާރޫ ބޮޑުވެ ޓްރެފިކްގައި ތާށިވުމާ ގުޅިގެން 23 އަހަރުގެ މި ޒުވާނާއަށް އެއާޕޯޓަށް ދެވުނީ ދާން އޮތް ގަޑިއަށްވުރެ 10 މިނެޓު ލަހުންނެވެ.
އެކަމާ، އޭނާގެ ޓެކްސީ ޑްރައިވަރު ދެކެ އެވަގުތު އިންތިހާއަށް ރުޅިއައެވެ. ނަމަވެސް ފަހުން އެކަމާ އުފާކުރަންވީ ކަމެއް ނުވަތަ ޝުކުރުވެރިވާންވީ ކަމެއް ވެސް ނޭނގުނު ކަމަށް ބޫމީ ވަނީ ބުނެފައެވެ.
ފުރަން އެއާޕޯޓަށް ދިއުމަށްފަހު އެ ދުވަހު ނުފުރޭނެކަން ޔަގީންވުމުން އެނބުރި ގެއަށްދިޔަ ކަމަށާއި ގެއަށްދިޔަ މަގުމަތީ ވެސް އޭނާގެ ޓެކްސީ ޑްރައިވަރާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި ހުރި ކަމަށް ބޫމީ ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހު ވެއްޓުނު އެއާ އިންޑިއާ ބޯޓުގެ ހާދިސާގައި ސަލާމަތްވި ވިޝަވަޝްކުމާރު ރަމޭޝްއާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވަނީ--ފޮޓޯ/ބީބީސީ
ގެއަށްދިޔަ މަގުމަތީގައި ބޫމީ މަޑުކޮށްލީ ނާސްތާ ކުރުމަށް ކެފޭއަކަށް ކަމަށާއި އެ ފްލައިޓްގެ ރީފަންޑު ލިބޭނެ ގޮތެއް ހޯދުމަށް އޭނާގެ ޓްރެވެލް އެޖެންޓަށް ގުޅިކަމަށް ބޫމީ ބުނެފައިވެއެވެ.
ބޫމީ ދަތުރުކުރަން ނިންމައިގެން ހުރި އެއާ އިންޑިއާގެ ފްލައިޓް ވެއްޓި ބޯޓުގައި ދަތުރުކުރި މީހުން މަރުވި ޚަބަރު ލިބުނީ އެ ފޯން ކޯލާ އެކު ކަމަށާއި އެވަގުތު ބުނާނެ އެއްޗެއް އެއްގޮތަކަށްވެސް ނުވިސްނުނު ކަމަށް ބޫމީ ވަނީ ބުނެފައެވެ.
ބޫމީ އެއާޕޯޓަށް ދިޔައީ އޮންލައިންކޮށް ޗެކިންކޮށްގެން ކަމަށާއި އެންމެ 10 މިނެޓު ލަސްވުމުން އެއާލައިންގެ ސްޓާފުން ގާތު އޭނާ އެތެރެއަށް ފޮނުވައިދިނުމުގެ ހުއްދައަށް އެދި އާދޭސްކުރި ކަމަށް ވެސް ބޫމީ ވަނީ ބުނެފައެވެ.
ނަމަވެސް އެ ހުއްދަ ނުލިބުމުން ލިބުނު މާޔޫސްކަމާ އެކު ގެއަށް ދިއުމަށް މިސްރާބުޖެހި ކަމަށް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ބޫމީ ވަނީ ބުނެފައެވެ.
ގުޖުރާތުގެ ބީބީސީ ސާވިސްއަށް މައުލޫމާތު ދެމުން ބޫމީ ބުނީ ބުރާސްފަތި ދުވަހު ލަހުން އެއާޕޯޓަށް ދެވުނުކަމީ އޭނާގެ ނަސީބު ކަމަށާއި އެކަމާ މިހާރު ޝުކުރުވެރިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ. އިންޑިއާގެ ދަރިކޮޅުގެ ވިޝްވަޝްކުމާރު ރަމޭޝް ނަމަކަށް ކިޔާ މީހަކު ފިޔަވައި އެ ބޯޓުން ދަތުރުކުރި 241 މީހުން ވަނީ ބޯޓު ވެއްޓުނު ހާދިސާގައި މަރުވެފައެވެ.