ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވީ ނޫން ކަމަށާއި، ޝަހީދުކޮށްލީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ޑރ. އަބްދުލްމަޖީދު ގެ ކުއްލި މަރާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ." އޭނާ ލިޔުއްވާފައިވެއެވެ.
މަޖީދު އުމުރުފުޅުން 55 އަހަރުގައި އަވަހާރަވީ މެއި 22، 2018ގައެވެ. އެއީ އޭގެ ހަތަރު ދުވަސް ކުރިން، ސްޓްރޯކެއް ޖެހުމުން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
އެންމެ ފަހުން އޮތް އެމްޑީޕީގެ ވެރިކަމުގައި އިމްރާން ހޯމް މިނިސްޓަރުކަން ކުރެއްވި ނަމަވެސް، މީގެ ކުރިން ޑރ. މަޖީދު އަވަހާރަވުމާ ގުޅޭ ގޮތުން ޝައްކު ކުރެވޭ ކަމެއް ފާހަގަވި ކަމަށް ވިދާޅުވެފައެއްނުވެއެވެ.
މީގެ ކުރިން 2012ގައި އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ އަދި މަޖިލިސް މެންބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުވައި، ކިތާބީ ހެކި ހުރި ކަމަށް ވިދާޅުވެ 2015ގައި އިމްރާން ވާހަކަދެއްކެވިއެވެ. އެ މައްސަލައާ ގުޅިގެން އިމްރާން ހައްޔަރުކޮށް، ޖަލުގައި ދުވަސްތަކެއް ހޭދަކުރެއްވިއެވެ.
ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވި މަޖީދަކީ، އަދާލަތު ޕާޓީ 2005ގައި އުފެއްދިއިރު އެ ޕާޓީގެ ރައީސެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008ގައި ވެރިކަމަށް ވަޑައިގެންނެވީ އެއިރު އަދާލަތު ޕާޓީ ވެސް ހިމެނުނު ކޯލިޝަނެއްގައެވެ. އަދި އެ މަނިކުފާނު ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދެވި އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރު ކަމަށް ޑރ. މަޖީދު އައްޔަންކުރެއްވިއެވެ.
ޑރ. މަޖީދަކީ ރާއްޖެއިން ގުރުއާނުގެ ތަފްސީރުގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރެއްވި ފުރަތަމަ ބޭފުޅާއެވެ. އަދި ތައުލީމީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވައި، ދިވެހިބަހާއި އަރަބިން ވެސް ފޮތްތައް ލިޔުއްވާފައިވެއެވެ.