ފާފަ ފުހެވި ޠާރުވުން ވަނީ މައްކާއިން އެނބުރި އައުމުގައެއް ނޫނެވެ.

«والحَجُّ المَبْرُورُ ليسَ له جَزَاءٌ إلَّا الجَنَّةُ.» (أخرجه البخاري: 1773)، (ومسلم: 1349) މާނައީ: "މަބުރޫރު ޙައްޖަކަށް ސުވަރުގެ ނޫން އެހެން ޖަޒާއެއް ނުވެއެވެ." އެ މީހެއްގެ ކިބައިން މާތް ﷲ ޙައްޖު ޤަބޫލުކުރެއްވި ކޮންމެ މީހަކަށް އެ ލިބުނީ މަބުރޫރު ޙައްޖެކެވެ. އޭނާއަށް އޮތް އިނާމަކީ ސުވަރުގެއެވެ.

ޙައްޖުގެ އަޅުކަން ނިންމައި އެނބުރި އަމިއްލަ ވަޒަނަށް އަންނަ ކޮންމެ މީހަކީ "މަބުރޫރު ޙައްޖެއްގެ ވެރިއެއްތޯ؟ ނުވަތަ ނޫންތޯ؟" މިއީ ސުވާލު އުފެދޭ ކަމެކެވެ. ފާފަ ފުހެވި ޠާހިރުވުންވަނީ މައްކާއިން އެނބުރި އައުމުގައެއް ނޫނެވެ. ފާފަ ފުހެވި ޠާހިރުވުން ވަނީ މަބުރޫރު ޙައްޖެއް ލިބުމުގައެވެ.

މަބުރޫރު ޙައްޖަކީ މާތް ﷲގެ ޙަޟްރަތުގައި މަޤުބޫލުވެވިގެންވާ ޙައްޖެވެ. ކޮންމެ މީހަކު ވެސް ޙައްޖަށް ދާނީ އެ އުންމީދުގައި ކަން ކަށަވަރެވެ. އަދި ޙައްޖުވާނީ ވެސް އެ މީހަކަށް އެނގިހުރި މިންވަރަކުން އެ ކަން ހާސިލުކުރުމުގެ އެދުމުގައި ކަން ވެސް ޔަޤީނެވެ. އެ ހުރިހާ އުންމީދަކާއި އެދުމެއްގެ މައްޗަށް އޭނާއާ ކުރިމަތިވާ އިމްތިޙާނަކީ މުޞީބާތްތަކާ ތުރާލަށް ކެތްކުރުމެވެ.

ޙައްޖުގެ މަނާސިކުތައް ފުރިހަމަކުރުމުގައި މަޑުމައިތިރިކަމާއި ކެތްތެރިކަން އިސްކޮށް ހަމަހިމޭންކަން މަތީ ޙައްޖު ނިންމައިފި ކޮންމެ މީހަކަށް މަބުރޫރު ޙައްޖަކަށް އުންމީދު ކުރެވިދާނެއެވެ. އަބޫހުރައިރަތުގެފާނު ވިދާޅުވެފައި ވެއެވެ. «سَمِعْتُ النبيَّ صَلَّى اللهُ عليه وسلَّمَ يقولُ: مَن حَجَّ لِلَّهِ فَلَمْ يَرْفُثْ، ولَمْ يَفْسُقْ، رَجَعَ كَيَومِ ولَدَتْهُ أُمُّهُ.» (البخاري: 1521) މާނައީ:- ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވީތީ ތިމަން އަޑުއެއްސެވީމެވެ. "ﷲއަށް ޓަކައި މީހަކު ޙައްޖަށް ގޮސް، އަރައިރުންނުވެ، ފާސިޤުމަގުން އެއްވެސް ކަމެއްނުކޮށް އުޅެފި މީހާ، އެނބުރި އަންނަހުށީ އޭނާގެ މަންމަގެ ބަނޑުން ވިހެއި ދުވަސް ފަދައިންނެވެ. (އެބަހީ ފާފައިން ޠާހިރުވެފައިހުރި މީހެއް ފަދައިންނެވެ.)"

ޙައްޖުނިންމައި އެނބުރި ވަޒަނަށް އައިސް އުޅޭއުޅުމުގައި އެ މީހާގެ ކިބައިން ފެންނަ ކަންކަމަކީ ވެސް އޭނާ ކުޅަ ޙައްޖުގެ ނަތީޖާ މިންކޮށްލަން ހުރި ފާހަގަތަކެއްކަން ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. އޭނާގެ ޙައްޖު މަޤުބޫލުވެގެންވާ މީހާގެ ކިބައިން ފެންނާނޭ އެންމެ މުހިންމު ފާހަގައަކީ ދިރިއުޅުން އިޞްލާޙުވުމެވެ. ކިބުރުވެރިކަމާ ބޮޑާކަމުން ދުރު، ސާދާ ސީދާ ދިރިއުޅުމެއްގައި ދުވަސްތައް ހޭދަކުރުމެވެ. ދެއްކުންތެރިކަމުން ދުރުވެ، ތަވާޟަޢުވެރިކަން އިސްކުރުމެވެ. މާތް ﷲއަށް ބިރުވެތިވާ ހިތަކައިގެން ތަޤުވާވެރިކަން އިތުރުކުރުމެވެ.

މި ޒަމާނުގައި ޙައްޖުން އެނބުރި އަންނަ ބައެއް މީހުންގެ ކިބައިން މި ދެންނެވި ކަންކަމާ އިދިކޮޅަށް ބައެއް ޢަމަލުތައް ފާޅުވާކަމީ ހިތާމަހުރި ކަމެކެވެ. އެފަދަ މީހުން އެ ކަންކަން އިޞްލާޙުކޮށްލުމަށް ނަސޭހަތްތެރިވެ ވަޞިއްޔަތްކުރަމެވެ. މި ބުނި ބީދައިން ހެދޭ ބައެއް ގޯސްތައް މި ލިޔުމުގައި ހިމަނައިލައިނަމެވެ.

އެންމެ ފުރަތަމަ ކަމަކަށް ޤަބޫލުކުރަންވީ ޙަޤީޤަތަކީ، ފާފަ ފުހެވި ޠާހިރުވުންވަނީ މައްކާއިން އެނބުރި އައުމުން ނޫންކަމެވެ. އެއީ މަބުރޫރު ޙައްޖަކަށް އޮތް ހެޔޮ ޖަޒާކަމެވެ. މި ސަބަބަށް ޓަކައި ޙައްޖު ދަތުރެއް ދެވުނީތީ އަދި ޙައްޖުން އެނބުރި އާދެވުނީތީ އެކަމުގެ މައްޗަށް ފަޚުރުވެރި ނުވާށެވެ. ހެޔޮ ކަމުގައި ދެމިހުރެވޭތޯއާއި ﷲގެ ރުހިވޮޑިގަތުން ލިބޭތޯ އެއިލާހުގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވެ، ގިނަގިނައިން ތައުބާވުން މަތީ ދެމިހުންނާށެވެ.

ގޯސްކޮށް ކުރެވޭ އަނެއްކަމަކީ މޫސުމީ މުސްލިމުންނަށް ވުމެވެ. ރޯދަމަހު އަޅުކަންކުރުމާއި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހު ހެޔޮ ޢަމަލުކުރުން ފަދަ ދީނީ މޫމުސްތަކާ ގުޅިފައިހުރި ކަންކަން އެކަނިކޮށްފައި ދެންހުރި ދުވަސްތައް ހަނދާން ނައްތައި ނުލާށެވެ. ﷲ سبحانه وتعالىއަކީ ވަކި ދުވަސްވަރަކަށް ނުވަތަ ވަކި މޫސުމަކަށް ޚާއްޞަ އިލާހެއް ނޫނެވެ. އެއީ ހުރިހާ އަހަރަކާއި ހުރިހާ މަހަކާއި ހުރިހާ ހަފުތާއަކާއި ހުރިހާ ރެއަކާދުވާލެއްގެ ވެސް ވެރި އިލާހެވެ. އެއިލާހަށް ނިދިޖެހުމެއް ނުވަތަ ވަރުބަލިވުމެއް ނުވެއެވެ. އަޅުންގެ ކަންކަން ބެއްލެވުމުގައި ދިރިދެމިވޮޑިގެން ވެއެވެ. ވީމާ ހައްޖުން އެނބުރި އައުމަށްފަހު ވެސް ހެޔޮ ޢަމަލުކުރުން ހުއްޓައި ނުލާށެވެ. މަބުރޫރު ޙައްޖެއްގެ ވެރިޔާ އަބަދުވެސް ހެޔޮ ޢަމަލުކުރުންމަތީ ދެމިހުންނާނެއެވެ.

ގޯސްކަމެއް ކަމުގައި ބެލެވޭ އަނެއް ކަމަކީ ނުބައި ޢަމަލުތައް ދޫކޮށް ނުލުމެވެ. ޙައްޖުގެ ކުރިން ކުރެވެމުން އައި ނުބައި ޢަމަލުތައް ޙައްޖަށްފަހު ނުކުރެވުމަކީ އޭނާއަށް މަބުރޫރު ޙައްޖެއް ލިބުނު ކަމުގެ ފާހަގައެކެވެ. އެހެނަސް ނުބައި ޢަލަމުތަކަށް އަރައިގަނެ ވިޔާނުދާ މީހެއްގެ ގޮތުގައި އަދިވެސް އުޅޭ ނަމަ އޭނާގެ ކިބައިން ޙައްޖު ޤަބޫލުވެވުނުތޯ ސުވާލުކޮށްލުން މުހިންމެވެ.

އެހެންކަމުން ޙައްޖަށް ދެވުމަކުން ނުވަތަ މައްކާއިން އެނބުރި އާދެވުމަކުން ތިމާއީ ކުށުން ޠާހިރުވެފައި ހުރި މީހެއް ކަމަށް ކަނޑައަޅައިގެން ކިބުރުވެ ބޮޑާވެގެން ނުވާނެއެވެ. ﷲގެ ރަޙުމަތްފުޅަށް އެދި ތާ އަބަދު ދަންނަވަންވާނެއެވެ. ޙައްޖަށްފަހު އިޞްލާޙީ ދިރިއުޅުމެއް އުޅެންވާނެއެވެ. އީމާންވެ ޞާލިޙު ޢަމަލުން ޢަމަލުކުރުމަށްފަހު، އެހެން މީހުންނަށް ހެޔޮ ކަމުގެ މަގަށް ގޮވައިލަން ވާނެއެވެ. އަދި އޭގެ ސަބަބުން ދިމާވާ މުޞީބާތްތަކަށް ކެތްތެރިވާން ވެސް ވާނެއެވެ.

comment ކޮމެންޓް