މަޒުމޫނާއި ކުރު ވާހަކަ ލިޔުމާއި ޅެން ހެދުމުގެ މުބާރާތްތައް ފަސްކޮށްފި

މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތެއްގެ ތެރެއިން: ދިވެހި ބަހުގެ އެކެޑަމީގެ ގައުމީ ތިން މުބާރާތް ވަނީ ފަސްކޮށްފައި ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި އަހަރު ދިވެހިބަހުގެ އެކެޑަމީން ބާއްވާ ގައުމީ މުބާރާތްތަކުގެ ތެރެއިން މަޒުމޫނު، ކުރު ވާހަކަ އަދި ޅެން މުބާރާތް މި މަހުގެ 28 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ފަސްކުރީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 40ވަނަ ގައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 37ވަނަ ގައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 28 ވަނަ ގައުމީ މުބާރާތެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނީ އެ މުބާރާތްތައް ފަސްކުރީ، ކުރިން އެ މުބާރާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ދުވަސް ކަމަށްވާ، މިމަހުގެ 21ގައި އެޑިއުކޭޝަން މިނިސްޓްރީން އެހެން ހަރަކާތެއް ކުރިއަށްގެންދިޔުމަށް ނިންމައިފައިވާތީ ކަމަށެވެ. އެހެންވެ، އެ މުބާރާތްތައް މި މަހުގެ 28 ވަނަ ދުވަހަށް ފަސްކުރަން މިނިސްޓްރީން އިރުޝާދު ދިނުމުން އެ ބަދަލު ގެނައީ ކަމަށް އެކެޑަމީން ބުންޏެވެ.

މި އަހަރު ބާއްވާ މަޒުމޫނު ލިޔުމުގެ 40 ވަނަ މުބާރާތަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާކަން ދިވެހިބަހުގެ އެކެޑަމީން ފާހަގަކުރިއެވެ. މީގެ ކުރިން އެ މުބާރާތުގައި މަޒުމޫނު ލިޔަނީ މަޒުމޫނު ލިޔުމަށް އެކެޑަމީން ދީފައިވާ ދާއިރާތައް ގުރުއަތުލައިގެން ގުރުއަތުން ދިމާވި ދާއިރާއެއްގައި ހިމެނޭ މައުޟޫޢުތަކުން އެ ބައިވެރިއަކު އިޙްތިޔާރުކުރާ މައުޟޫޢަކަށެވެ. ނަމަވެސް މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގެ މައުޟޫޢުތައް މުބާރާތް ބޭއްވުމުގެ 45 ގަޑިއިރު ކުރިން އާންމުކުރާނެ ކަމަށް އެ އެކެޑަމީން ބުންޏެވެ.

އެހެން ނަމަވެސް ބައިވެރިން މަޒުމޫނު ލިޔާނެ މައުޟޫޢު ކަނޑައަޅާނީ މުބާރާތް ބާއްވާ މާލަމުގައި ވަގުތުން ގުރުއަތު ނަގައިގެންކަން ދިވެހިބަހުގެ އެކެޑަމީން ބުންޏެވެ.

ތިން ދަންފަޅިއަށް ބަހައިލައިގެން ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ ރާއްޖޭގެ ހުރިހައި ސަރަހަށްދެއްގައި ވެސް އެއް ވަގުތެއްގައެވެ. އެ މުބާރާތުގައި ބައިވެރިވާ އަތޮޅުތަކުގެ ދަރިވަރުން މުބާރާތުގައި ލިޔާނީ އެ ދަރިވަރަކު ބައިވެރިވި މަރުކަޒެއްގައެވެ. އަދި މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ދަރިވަރުން ލިޔާނީ ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާ ތަނެއްގައެވެ.

މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތެއްގެ ތެރެއިން: ދިވެހި ބަހުގެ އެކެޑަމީގެ ގައުމީ ތިން މުބާރާތް ވަނީ ފަސްކޮށްފައި ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

މީގެ އިތުރުން އަމިއްލަ ގޮތުން މި މުބާރާތްތަކުގައި ބައިވެރި ފަރާތްތަކުން މުބާރާތުގައި ލިޔާނީ އެ މީހަކު ރަޖިސްޓަރީވުމަށް ފޯމުގައި ނޯޓުކޮށްފައިވާ މިހާރު ދިރިއުޅޭ ރަށެއްގައި އެކެޑަމީން މުބާރާތް ކުރިއަށް ގެންދިޔުމަށް ކަނޑައަޅައިފައިވާ ތަނެއްގައެވެ.

މި މުބާރާތަކީ އޮންލައިންކޮށް މޮނިޓާކުރާ މުބާރާތްތަކެއް ނަމަވެސް ބައެއް އަތޮޅުތަކުގައި ދިވެހިބަހުގެ އެކެޑަމީގެ ކޯޑިނޭޓަރުން މި އަހަރު ހަރަކާތްތެރިވާނެ ކަމަށް އެ އެކެޑަމީން ބުންޏެވެ. އެގޮތުން ލ، ޏ، ހދ، އަދި އައްޑޫ ސިޓީގައި އަމަލީ ގޮތުން އެކެޑަމީގެ ފަރާތުން މުބާރާތް ހިނގަމުންދާ ގޮތް މޮނިޓާ ކުރާނެ ކަމަށް އެކެޑަމީން ބުންޏެވެ.

އެހެން ސަރަހައްދުތައް މުބާރާތް އޮންނަ ވަގުތު އޮންލައިންކޮށް މޮނިޓާކުރާނެއެވެ.

މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓު އޮތޯރިޓީއާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައެވެ. އެ ގޮތުން މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން 1095 ބައިވެރިން ބައިވެރިވެފައިވެއެވެ. ވާހަކައިގައި 1007 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 529 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ތިން މުބާރާތުގައި ޖުމްލަ 2631 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ނިމިދިޔަ އަހަރު ބޭއްވި މި ތިން މުބާރާތަށް އިންސާފުކޮށްދެއްވި ފަނޑިޔާރުން ފާހަގަކުރައްވައިފައިވާ ކަންކަމާއި މި އަހަރު މި ތިން މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް
ޓަކައި މިދިޔަ މަހުގެ 24ވީ ހޮނިހިރު ދުވަހު ވަނީ މުޅި ރާއްޖެއަށް ހުޅުވައިލައިގެން މައުމޫލާ ތުދިނުމުގެ ސެޝަންތަކެއް ވެސް ބާއްވައިފައެވެ.

comment ކޮމެންޓް