ފަތުރުވެރިކަން ހަރުދަނާކުރަން އިންސާނީ ވަސީލަތްތަކަށް އިންވެސްޓްކުރަން ޖެހޭ: ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ވިދާޅުވީ ޓޫރިޒަމުން އިންސާނީ ވަސީލަތަށް އިންވެސްޓު ކުރަންޖެހޭ ކަމަށް -- ފޮޓޯ/ ހޮޓެލިއާ މޯލްޑިވްސް

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ ދާއިރާ ހަރުދަނާކުރުމަށްޓަކައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ބާސެލޯ ނަސަންދުރައިގައި މިރޭ ބޭއްވި ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ މަގުބޫލު ހޮސްޕިޓާލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކައިގައިވަނީ، ރާއްޖޭގެ އިގުތިސާދުގެ ބިންގަލުގެ ގޮތުގައި ޓޫރިޒަމް ސިނާއަތް ދެމި އޮތީ، އެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަލުންގެ ބުރަ މަސައްކަތުންކަން ފާހަގަ ކުރައްވައިފައެވެ.

ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑެއްގެ ގޮތުގައ ރާއްޖެ ފާހަގަވެފައި އޮތީ އެ ފަރާތްތަކުން މި ކަމަށް ބަހައްޓާ ޝައުގުވެރިކަމާއި، ހުނަރާއި މަސައްކަތުގެ އަޚުލާގުގެ ސަބަބުން. ފަތުރުވެރިން ރާއްޖެ ޚިޔާރު ކުރަނީ އެ ފަރާތްތަކުން ދޭ ޚިދުމަތުގެ ސަބަބުން" ޒަމީރު ވިދާޅުވިއެވެ.

މިރެއަކީ އެ މަސައްކަތްތެރިންގެ އަގުވަޒަންކުރުމުގެ ރެއެއްކަން ފާހަގަ ކުރައްވައި ޒަމީރު ވިދާޅުވީ، އެއާއެކު އެ ޓޫރިޒަމް ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްގީ ކުރަން ވެސް ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޑިޒައިންތަކާއި އިންފްރާސްޓްރަކްޗަރު މުހިންމު ނަމަވެސް، ފަތުރުވެރިންގެ ހަގީގީ ތަޖުރިބާ ބިނާވަނީ ހުނަރާއި، ސަގާފަތާއި ލީޑަޝިޕުގެ މައްޗަށެވެ.

އެ ގޮތުން ސަރުކާރުން މަސައްކަތް ކުރަނީ އަމިއްލަ ވިޔަފާރިތަކަށް ކުރިއެރޭނެ، އަދި ގިނަ ފުރުސަތުތައް ލިބޭނެފަދަ ފަހި މާހައުލެއް ގެނެސްދޭން ކަމަށާއި، އެ ކަމަށްޓަކައި ވިޔަފާރިވެރިންގެ އިންވެސްޓްމަންޓު މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޮޓެލިއާ މޯލްޑިވްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ކުރިއަރާފައިވާ ބީ2ބީ ބްރޭންޑެވެ. ޕްރިންޓް އަދި އޮންލައިން މީޑިއާގައި ލިބެން ހުންނަ މި ބްރޭންޑުން އެކިއެކި ހަރަކާތްތައް ބާއްވައެވެ. އޭގެ ތެރޭގައި ކޮންމެ އަހަރަކު ބާއްވާ ޖީއެމް ފޯރަމް އަދި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ހިމެނެއެވެ.

comment ކޮމެންޓް