އީރާނާއި އިސްރާއީލުން ވެސް ހަމަލާތައް ހުއްޓައެއްނުލާ، ހަނގުރާމައެއްގެ ބިރު!

ތެހެރާންގެ ހުޅަނގު އުތުރުގައި އޮންނަ ޝަހުރާންގެ ތެޔޮ ގުދަންތަކުގައި ކައިރީގައި އަލިފާން ރޯވެފައި. ފޮޓޯ/އޭއެފްޕީ

އިސްރާއީލާއި އީރާނުގެ ހަމަލާތަކުގައި ދެ ގައުމުގެ މުހިންމު ސިޓީތަކަށް ހަމަލާތައް ދީފައިވާއިރު، ސަރަހައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ހަމަލާތައް ބަދަލުކުރާތާ މިއަދަށް މިއީ ތިން ވަނަ ދުވަހެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ރައްދުގައި ރޭ ދަންވަރު އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް އީރާނުން ވަނީ މިސައިލް ހަމަލާ ދޭން ފަށާފައެވެ. އެ ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގެ ފަސް މީހަކު މަރުވެ، 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެއެވެ.

ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އިސްރާއީލުގެ އުތުރަށެވެ. އީރާނުގެ ހަމަލާތަކުގެ ރައްދުގައި މިއަދު ފަތިހު އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ދިފާއީ ވުޒާރާގެ މައި މަރުކަޒަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެއެވެ.

އަދި ތެހެރާނުގެ ހުޅަނގު އުތުރުގައި އޮންނަ ޝަހުރާންގެ ތެޔޮ ޑިޕޯއަށް އިސްރާއީލުން ހަމަލާދީފައިވާ ކަމަށް ވެސް އީރާނުގެ އޮފިޝަލުން ބުނެއެވެ. ތަސްނީމް ނިއުސްއިން ބުނީ ރެސްކިއު ޓީމުތައް މިހާރު ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން ކަމަށެވެ.

އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން ދަންވަރު ދިން މިސައިލް ހަމަލާތައް ވަނީ އިސްރާއީލުގެ އުތުރުގައި އޮންނަ ބަނދަރު ސިޓީ، ހައިފާ އާއި ކައިރީގައި އޮންނަ ތަމްރާއަށް އަރާފައެވެ. ހައިފާގެ އައްސޭރިފަށުގައި އޮންނަ ސިޓީގައި ގޭސް އުފައްދާ މުހިންމު މަރުކަޒެއް ހުންނާތީ، ހައިފާއަށް ހަމަލާދޭނެ ކަމަށް ކުރިން ވެސް ބެލެވުނު ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާނުގެ ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިސްރާއީލުގެ އިމާރާތެއް ކައިރީގައި ސާޗް އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ. ފޮޓޯ/އަނަދޮލް

އަދި އެއީ އީރާނުގެ ބުޝެހްރާއި އަބަދާން ކައިރީގައި ހުންނަ ހަކަތައާ ބެހޭ މުހިންމު ތަންތަނަށް އިސްރާއީލުން ހަމަލާ ދިނުމުން، ރައްދުގައި އީރާނުން ދޭނެ ކަމަށް ވައުދުވި ހަމަލާތަކުގެ ފެށުން ކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިސްރާއީލުން މަސައްކަތް ކުރަނީ އީރާނުގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދޭން

އިސްރާއީލުން އަސްކަރީ ކެމްޕޭނު ވަރުގަދަކޮށް، ހަކަތައިގެ މުހިންމު މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން އިއްޔެ ވަނީ ބުނެފައެވެ. އަދި އޭގެ ސަބަބުން އެ ގައުމުގެ އިގްތިޞާދަށް ގެއްލުންވެފައިވާ ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.

އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި ސައުތު ޕާސް ގޭސް ފީލްޑްގައި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހަކަތައާ ބެހޭ މާހިރު މަނޫޗެހް ޓާކިންއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެތެރޭގެ ބޭނުންކުރުމާއި ވިޔަފާރީގެ ބޭނުންތަކަށް މުހިންމު ސައުތު ޕާސް އަށް އަމާޒުކޮށް ހަމަލާދިނުމުން އީރާނުގެ އެތެރޭގެ ހަކަތައިގެ ދަތިކަން ބޮޑުވާނެއެވެ.

"މިއީ އީރާނުގެ އިގްތިސާދު ޕެރެލައިޒް ކުރުމަށް ކުރާ މަސައްކަތެއް،" ޓާކިން ވިދާޅުވިއެވެ. ޑޮމެސްޓިކް ގޭސް ނެޓްވޯކް ކުރިން ވެސް އޮތީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޕްރެޝަރުގައި."

ބަދަލު ހިފާނެ ކަމަށް އީރާނުން ވަނީ ވައުދުވެފައި

ވެރިރަށް ތެހެރާނުގެ މީހުން ދިރިއުޅޭ ތަންތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގާތްގަޑަކަށް 80 މީހުން މަރުވެ 320 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މަރުވި މީހުންގެ ތެރޭގައި ނިއުކްލިއާ ސައިންސްވެރިންގެ ތެރެއިން ނުވަ ސައިންސްވެރިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުގެ ހައިޓެކް މިސައިލްތައް އީރާނުން ވައްޓާލާފައިވާއިރު، ހުކުރު ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގައި ފަސް މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

އެގޮތުން އިސްރާއީލުގެ އާސަނަލްގައި ހުރި އެންމެ ޒަމާނީ އެއް މަތިންދާބޯޓު ކަމަށްވާ އިސްރާއީލުގެ އެފް-35 ފަޔާ ޖެޓެއް ވައްޓާލާފައިވާ ކަމަށް ވެސް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވެއެވެ.

މިއަދު އޮމާންގައި ބާއްވަން ނިންމާފައިވާ އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް ވެސް އީރާނުން ވަނީ ކެންސަލްކޮށްފައެވެ.

އިސްރާއީލުން އިރާނަށް ދޭ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު މަޝްވަރާތައް ކުރިއަށް ނުގެންދާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު، އައްބާސް އަރަޣްސީ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ހަމަލާތައް އެތައް ހަފްތާއަކަށް ކުރިއަށް ގެންދާނެ ކަމަށް ބުނެ އިސްރާއީލުން ވަނީ އީރާނަށް އިންޒާރު ދީފައެވެ. އަދި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ، އިސްވެ ހުންނަވައި އިސްރާއީލަށް ހަމަލާދޭނަމަ، ތެހެރާން އަނދާނެ ކަމަށްވެސް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ވިދާޅުވެފައެވެ.

ސަރަހައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު

ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ލީޑަރުން ދެމުންދާ އިންޒާރުތަކަކީ ސަރަހައްދީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވުމުން ދޭ އިންޒާރުތަކެއް ކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ.

ހަމަނުޖެހުން ބޮޑުވެއްޖެނަމަ، ޕާޝިއަން ގަލްފާއި ގަލްފް އޮފް އޮމާންއާ ދެމެދު އޮންނަ ކަނޑުއޮޅި، މަލީޤް ހުމުޒް، ބަންދުކޮށްފާނެ ކަމުގެ އިޝާރާތެއް އީރާނުން ވަނީ ދީފައެވެ. އެ ކަނޑުއޮޅިއަކީ ދުވާލަކު އެތައް މިލިއަން ފީފާގެ ތެޔޮ ހިފައިގެން ދަތުރުކުރާ ކަނޑުއޮޅިއެކެވެ.

އަދި އިސްރާއީލަށް އެހީތެރިވާ ބޭރުގެ ކޮންމެ އަސްކަރީ މަރުކަޒަކަށް ބަދަލު ހިފުމުގެ ހަމަލާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް އީރާނުން ދީފައިވެއެވެ.

ހަމަލާތަކާ ގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން އާއި ވެސް ފޯނުން ވާހަކަ ދައްކަވާފައެވެ. އެ ހަމަލާތަކުގެ ޒިންމާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އުފުއްލަވަން ޖެހޭނެ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

އުރުދުޣާންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރަހައްދީ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލު ކަމަށާއި، އެ ގައުމުގެ އަމަލުތައް ވަގުތުން ހުއްޓާލުމަށް އުރުދުޣާން އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.

"ނިއުކްލިއާ މައްސަލަ ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ މަޝްވަރާތައް," އުރުދުޣާން ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވެސް ވަނީ ހޮނިހިރު ދުވަހު 50 މިނެޓުގެ ކޯލެއް ކުރައްވާފައެވެ. އިސްރާއީލުގެ ހަމަލާތަކަށް ޓްރަމްޕް ތައުރީފުކޮށް، އީރާނަށް މިއަށްވުރެ ހަރުކަށި ނަތީޖާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދެއްވިއިރު، ޕޫޓިން ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، އަސްކަރީ ކެމްޕޭން ހުއްޓުވުމަށް ގޮވާލައްވާފައެވެ.

comment ކޮމެންޓް