މީގެ 27 އަހަރުކުރިން ތައިލޭންޑްގެ ތައި އެއާވެއިސް މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވި އެ ޤައުމުގެ ލަވަކިޔުންތެރިޔާ ރުއަންގްސަކް ޖޭމްސް ވެސް ދަތުރުކުރީ 11އޭ ސީޓުގައި ކަމަށް ބުނެފިއެވެ.
އުމުރުން 47 އަހަރުގެ ލަވަކިޔުންތެރިޔާ ބުނެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު އެއާ އިންޑިއާގެ ބޯޓުން ސަލާމަތްވި ހަމައެކަނި ފަސިންޖަރު ކަމަށްވާ ރަމޭޝް ވިޝްވާޝްކުމާރު ވެސް ދަތުރުކުރީ 11އޭ ސީޓުގައި ކަން އެނގުމުން އޭނާގެ ގައިން ހީބިހިނަގައިގެންދިޔަ ކަމަށެވެ.
ތައި އެއާވެއިސް ވެއްޓުނު އެ ހާދިސާގައި 101 ފަސިންޖަރުން މަރުވިއިރު ސަލާމަތްވި 45 ފަސިންޖަރުންގެ ތެރޭ ރުއަންގްސަކް ވެސް ހިމެނެއެވެ. އޭނާ ވެސް ދަތުރުކުރި ސީޓް ނަމްބަރަކީ 11އޭ ކަމަށްވެފައި އެއާ އިންޑިއާ ބޯޓުން ސަލާމަތްވި މީހާގެ ސީޓު ނަމްބަރަކީ އެއީ ކަމަށްވުމުން މި ދިމާވީ ވަރަށް ބޮޑު އިއްތިފާގެއް ކަމަށް ރުއަންގްސަކް ވަނީ ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު އެއާ އިންޑިއާ ބޯޓުން ސަލާމަތްވި ހަމައެކަނި ފަސިންޖަރު ރަމޭޝް ވިޝްވާޝްކުމާރު އަދިރުއަންގްސަކް. ދެ މީހުން ދަތުރުކުރި ސީޓު ނަމްބަރަކީ 11އޭ--ފޮޓޯ/ހިންދުސްތާންޓައިމްސް
ތައިލޭންޑްގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާއަށް ދިހަ އަހަރުވެފައިވާއިރު މަތިންދާބޯޓުގައި ދަތުރުކުރުމަކީ އޭނާއަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ގެނުވައިދޭ ކަމެއް ކަމަށާއި ހިތުގައި އަބަދުވެސް ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް ލަވަކިޔުންތެރިޔާ ރުއަންގްސަކް ވަނީ ބުނެފައެވެ.
މީގެއިތުރުން މީހުން ގިނަ ތަންތަނަށް ދިއުމުގެ އިތުރުން އުޑުމަތީގައި ހުންނަ ވިލާތައް ފެނުމުން ވެސް ހިތަށް ނުތަނަވަސްކަން ވެރިވާކަމަށް އޭނާ ވަނީ ބުނެފައެވެ.
އިންޑިއާގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާއާ އެކު ކުރީގެ ވަރަށް ގިނަ ހަނދާންތަކެއް ކުރުވައިފި ކަމަށާއި ހާއްސަކޮށް އެ ހާދިސާއިން ސަލާމަތްވި މީހާ ވެސް ދަތުރުކުރީ ރުއަންގްސަކް އެކޭ އެއްގޮތަށް 11އޭ ސީޓުގައިކަން އެނގުމުން ވަރަށް އެހެންކަހަލަ އިހުސާސްތަކެއް ކުރުވައިފިކަމަށް ވަނީ ބުނެފައެވެ.
ފްލައިޓް ވެއްޓުނު ހާދިސާގެ މަތިން މިހާރު ވެސް ހަނދާންވާ ކަމަށާއި އެ އަޑުތަކާއި އެ މާހައުލުން ދުވި ވަސް ވެސް ދުވަހަކު ވެސް ހަނދާންނުނެތޭނެ ކަމަށް ތައިލޭންޑްގެ ލަވަކިޔުންތެރިޔާ ރުއަންގްސަކް ޖޭމްސް ވަނީ ބުނެފައެވެ.