ޖަލު އޮފިސަރުންނަކީ ހީވާގި ބައެއް، މަދުން ނޫނީ މައްސަލައެއް ފާހަގަނުވޭ: އިހުސާން

މިނިސްޓަރު އިހުސާން: ވިދާޅުވީ، ޖަލު އޮފިސަރުންނަކީ ހީވާގި މަސައްކަތްތަކެއް ކުރާ ބައެއް، މަދުން ނޫނީ މައްސަލައެއް ފާހަގަނުވާ ކަމަށް ---- ފޮޓޯ/ ކަރެކްޝަންސް

ޖަލު އޮފިސަރުންނަކީ ހީވަގިކަމާ އެކު މަސައްކަތްކުރާ ޒިންމާ ބޮޑު ބައެއް ކަމަށާއި މަދުން ނޫނީ އޮފިސަރުންގެ މައްސަލައެއް ފާހަގަނުވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.

ކަރެކްޝަނަލް އޮފިސާ ޓްރެއިނިން ޕްރޮގްރާމް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވަނީ އަލަށް ހުވައިކުރި އޮފިސަރުންނާ މުޚާތަބުކޮށް ވާހަކަދައްކަވައިފައެވެ.

އެ މުއައްސަސާގެ ހިންގުން ހަރުދަނާވެފައިވަނީ ގިނަ އޮފިސަރުންގެ ބުރަ މަސައްކަތާއެކުކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެކަށީގެންވާ ވަރަށް އޮފިސަރުން ރެކްރޫޓް ނުކުރެވުނަސް މަސައްކަތުގެ މާހައުލުގައި ޒިންމާ އަދާކުރަން އޮފިސަރުން ގިނަ ވަގުތުތަކެއް ހޭދަކުރާކަން ފާހަގަކުރައްވައިފައެވެ.

ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި ޒިންމާ ބޮޑު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށާއި ރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ޖަލުތަކާ އަޅާ ބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށް އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން، ދިމާވާ ޙާލަތްތަކުގައި މަދުން ނޫނީ ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ފާހަގަނުކުރެވޭ ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.

މި ރަސްމިއްޔާތުގައި އިހުސާންގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީއާއި ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ސީނިއާ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރި ކުދިންނަށް ޖަލު އޮފިސަރުންގެ ހުވާލައިދެއްވީ މާފުށީ ކޯޓްގެ ފަނޑިޔާރު ޖިނާން އިބްރާހިމް ލަޠީފެވެ.

ދަސްވެނިންނަށް މަރުޙަބާ ދަންނަވައި، ޒަރީރު ވިދާޅުވީ ކަރެކްޝަންސްއަށް ބޭނުންވަނީ ޢިލްމީ އޮފިސަރުން ކަމަށެވެ.

އެގޮތުން، ޖަލުތަކުގައި މުރާލިކަމާ އެކު އޮފިސަރުން މަސައްކަތްކުރަނީ ޤައުމުގެ މަސްލަހަތަށް ކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ. އަދި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަމާ އެކު މަސައްކަތްކުރެއްވުމަށް ދަސްވެނިންގެ ކިބައިން އޭނާ ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް