621 އޮޑިޓުން ނިންމުނީ 189 އޮޑިޓު

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ: ގިނަ އޮޑިޓުތައް ނުނިމޭ --- ފޮޓޯ/ ޝުއައިބު މުޙައްމަދު

ޖުމުލަ 621 އޮޑިޓު ރިޕޯޓު މިދިޔަ އަހަރު ތެރޭ އޮޑިޓާ ޖެނެރަލް ފުރިހަމަ ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، ނިންމިފައިވަނީ އެންމެ 189 އޮޑިޓުކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ހާމަކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީގައި ވަނީ އޮޑިޓާ ޖެނެރަލްގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން، އެ މަޝްވަރާގެ ތެރެއިން މެންބަރުން ވަނީ އޮޑިޓުތައް ލަސްވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، އެ އޮފީހުގެ ފައިނޭންޝަލް މައްސަލައެއް ފާހަގަނުވިޔަސް އޮފީހުގެ ޕާފޯމަންސާ ދޭތެރޭ ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އެއީ، ބައެއް މިނިސްޓްރީތަކުގެ ރިޕޯޓުތައް ފަސް އަހަރު ފަހުން ގަނޑުކޮށް ނުކުންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން --- ފޮޓޯ/ މަޖިލިސް

އޮޑިޓާ ޖެނެރަލް އޮފީހުގެ ގޮތްޕެެއް އައްޑޫ ސިޓީއާއި އުތުރުގައި ހުރިއިރު، ކޮންމެ އަހަރަކު އެއް މުވައްޒަފުންތަކެއް އޮޑިޓުކުރާތީ އެކަން ވެސް އެއްގޯސްވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ފެނިދެނިވެ، މިހެން ރައްޓެހިވީމާ އޮޑިޓްކުރުމާ ކަންތައްތަކުގައި އިޝޫސްތައް އުޅޭނެކަމަށް ވަނީ. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ މާނަވީ ގޮތެއްގައި ރަނގަޅަށް މިކަން [އޮޑިޓް] ކުރެވޭކަން ޔަގީންކުރަން،" ނާޒިމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީން ސުންގަޑި ދީފައި ހުރި އޮޑިޓްތައް ވެސް ނުނިމި، ތާރީޚުން 'ކައްސާލައިގެން' ގޮސްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި، ފެނަކަ ކޯޕަރޭޝަންގެ ޚާއްސަ އޮޑިޓް ރިޕޯޓު ހިމެނޭއިރު، ފެނަކައިގެ އޮޑިޓުތައް ބަރާބަރަށް ނުލިބޭތީ އެކަމުގެ ޝަކުވާ އެންވަޔަރަމަންޓް މިނިސްޓްރީން ކޮށްފައިވާކަން ނާޒިމް ފާހަގަކުރެެއްވިއެވެ.

މިނިސްޓްރީއާ ހަވާލާދީ ނާޒިމް ވިދާޅުވީ، އެ އޮޑިޓުތައް ލަސްވާތީ ކަރަންޓަށް ކުރާ ޚަރަދުކުޑަކުރަން ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅިގެން ހިންގާ މަޝްރޫއޫތަކަށް ބުރޫ އަރާ ކަމަށެވެ.

ކޮމިޓީގައި މިއަދު މުގައްރިރަކަށް އިންނެވި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ---- ފޮޓޯ/ މަޖިލިސް

ވޯލްޑް ބޭންކުގެ އެހީގައި ގއ. އަތޮޅާއި ގދ. އަތޮޅުގައި ހިންގާ މަޝްރޫއެއް ވެސް މިހާރު ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ނާޒިމް ވަނީ އެއީ އޮޑިޓު ބަރާބަރަށް ނުކުރެވޭތީ އެކަމުގެ ނަތީޖާކަން ފާހަގަކުރައްވާފައެވެ.

އޮޑިޓް އޮފީސް އޮޑިޓުކުރުމަށް މާލިއްޔަތު ކޮމިޓީން ހަވާލުކުރީ ކޭޕީއެމްޖީއާއެވެ. އެ ތަނުން ވަނީ، އޮޑިޓު ރިޕޯޓު ކޮމިޓީއަށް ހުށަހަޅާފައެވެ.

ނާޒިމް ވިދާޅުވީ، 621 އޮޑިޓު ފުރިހަމަކުރާނެ ކަމަށް އޮޑިޓާ ޖެނެރަލް ޔަގީންކަން ދެއްވި ނަމަވެސް، ނިމިފައިވަނީ އެންމެ 189 އޮޑިޓު ކަމަށެވެ. ބާކީ، 432 އޮޑިޓު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ މައްސަލައިގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، އަހަރެއް ތެރޭ އޮޑިޓު އޮފީހުން 600 އަށް ވުރެ ގިނަ އޮޑިޓު އޮޑިޓު އޮފީހުން ހަދަން ޖެހޭ ކަމަށެވެ. އެ އޮޑިޓުތައް ބަންދު ދުވަސްތައް ހިމަނައިގެން ދުވާލަކަށް ދެ އޮޑިޓު ހެދިޔަސް ނުނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ -- ފޮޓޯ/ މަޖިލިސް

"އެމްއެންޑީއެފާއި ޕޮލިސް ނެރެގެން ވެސް މިކަން ނުކުރެވޭނެ. އެހެންވީމާ އުސޫލެއް މީގައި ކަނޑައަޅައި ގޮތްތަކެއް ނިންމައިގެން މިކަން ކުރެވޭނީ،" ގަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޚާއްސަ އޮޑިޓެއް ކޮށްދިނުމަށް އެދިފައި އޮތް ނަމަވެސް، ކޮމިޓީއަށް އަންނަނީ ބައިބައި ވަކިން ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑަށް ފެނޭ އޮޑިޓު އޮފީހުގެ ޕާފޯމަންސް އަދި މި ކަހަލަ ކަންކަމާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލާ ބައްދަލުކޮށްގެން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ޓައިމްލީކޮށް މި ކަންކަން ނިމޭނެ ގޮތެއް ހަމަޖައްސަން،" ނާޒިމް ވިދާޅުވިއެވެ.

އޭނާގެ ހުށަހެޅުއްވުމާ ގުޅުވައި ހުޅުމާލޭ ދެކުނު ދާއިރާގެ ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، އޮޑިޓާ ޖެނެރަލް އެކަނި ހާޒިރުކޮށްގެން މައްސަލަ ހައްލުނުވާނެ ކަމަށެވެ.

އޮޑިޓުތައް ވަގުތުން ވަގުތަށް ނިމެން ޖެހުނަސް އޮޑިޓަސް ބޭނުންވާ މައުލޫމާތުތައް ހަމައަށް ނުލިބުމަކީ މުއައްސަސާތަކުގެ މައްސަލަ ކަމަށް ޝަމްހީދު ގަބޫލުކުރައްވައެވެ. އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި އޮޑިޓުގެ މައްސަލަ ހައްލުވާނީ ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ)އާއި ފިނޭންސް މިނިސްޓްރީގެ އެއްބާރުލުމާ އެކުގައެވެ.

ކޮމިޓީގެ މުގައްރިރަކަށް މިއަދު އިންނެވި އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ނިންމެވީ، އެ މައްސަލަތަކަށް ހައްލު ހޯދުމަށް އޮޑިޓާ ޖެނެރަލް ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާކުރުމަށް ދުވަހެއް ކަނޑައެޅުމަށެވެ.

comment ކޮމެންޓް