ކްލަބް ވޯލްޑްކަޕްގެ ފުރަތަމަ މެޗު: އަލް އަހްލީ އާއި އިންޓާ މަޔާމީގެ ކުރިމަތިލުން އެއްވަރު

ފީފާ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗު އެއްވަރު

ފީފާއިން ގިނަ ބަދަލު ތަަކަކާއެކު ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާގޮތަށް ފެށި ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ.

އެމެރިކާގައި ކުރިއަށްދާ މިމުބާރާތުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެފްރިކާއަށް ނިސްބަތްވާ އަލް އަހްލީ އާއި އެމެރިކާ ތަމްސީލްކުރާ ދެޓީމުގެ ތެރެއިން އެއް ޓީމު ކަމުގައި އިންޓާ މައޭމީގެ މެޗު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. މައޭމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާޖެންޓީނާގެ ލިއޮނެލް މެސީ ކުޅެމުންދާ އިންޓާ މައޭމީންނެވެ.

ނަމަވެސް މިމެޗުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ލިބިފައި ވަނީ އަލް އަހްލީ އަށެވެ. މިގޮތުން މިމެޗުގައި އަލް އަހްލީއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް މި ޕެނަލްޓީ ވަނީ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރި މައޭމީގެ ކީޕާ އޮސްކާ އުސްޓާރީ ދިފާއު ކޮށްފައެވެ.

މީގެ އިތުރުންވެސް މިމެޗުގައި އުސްޓާރީ ވަނީ ނުރައްކާތެރި ހަމަލާ ތަކެއް ދިފާއު ކޮށްފައެވެ. މިމެޗުގައި މެސީއަށް ވެސް މެޗުގެ ލީޑު ނަގައިދޭނެ ރަނގަޅު ދެތިން ފުރުސަތު ލިބުނެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފުނީ އަލް އަހްލީގެ ޑިފެންސް އަދި ކީޕާ މުހަންމަދު އެލް ޝެނާވީގެ ހުޝިޔާރު ކަމުންނެވެ.

މިމުބާރާތް ފެށުނީ ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތަކާއެކުއެވެ. މިމުބާރާތުގައި މިރެއާއި މާދަމާ ހެދުނު ހަތަރު މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިރޭ ނުވައެއް ޖަހާއިރު ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ސީގެ ބަޔޭން މިޔުނިކާއި އޯކްލަންޑް ސިޓީއެވެ.

ދަންވަރު 12 ޖަހާއިރު ފަށާ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕްގެ ޕެރިސް ސެއިންޓް ޖާމެއިން އާއި އެޓްލެޓިކޯ މެޑްރިޑެވެ. ދަންވަރު ތިނެއް ޖަހާއިރު ފަށާ ގްރޫޕް އޭގެ މެޗުގައި ޕަލްމެއިރާސް އާއި ޕޯޓޯ ބައްދަލުކުރާއިރު މާދަމާ ހެނދުނު ހަތެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ސިއާޓްލް ސައުންޑަސް އާއި ބޮޓަފޯގޯއެވެ.

comment ކޮމެންޓް