ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށްފައިވާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުން މިއަދު ފަށައި، ހަމަ މިއަދު ނިންމާލައިފިއެވެ.
ޝަމްއާން ހައްޔަރުކުރީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
އެ މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މާރިޗް މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ވަނީ އަމުރުކޮށްފައެވެ.

ޝަމްއާންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލާ ބެންޗު ----
ޝަމްއާން ބަންދުކުރުމަށް ކުރި ދެ އަމުރު އޭނާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ނަމަވެސް އޭޕްރިލް މަހުގެ 29ގައި ހައި ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ ދެ އަމުރު ވެސް ބާތިލު ކުރާނެ ތަނެއް ނެތް ކަމަށެވެ.
އޭގެފަހުން، މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް މައްސަލަ ބަލައިދިނުމަށް އެދި އަލުން ހުށަހެޅުމުން މިމަހު އެ ކޯޓުން ވަނީ، ޝަމްއާން ބަންދުކުރި މައްސަލަ ބަލައިގަތުމަށް ނިންމައިފައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ސުޕްރީމް ކޯޓުން ފަށައި، ހެނދުނާއި މެންދުރު ދެ ދަންފަޅިއެއް ކުރިއަށްގެންގޮސްފައިވެއެވެ. ފުރަތަމަ ދަންފަޅީގައި ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި، ޖަވާބުދީފައެވެ.

ޝަމްއާންގެ މައްސަލައިގައި ދައުލަތުން ވަކާލާތު ކުރާ ވަކީލު އައިމިނަތު ޝާމާ ނަސީރު ----
ޝަމްއާން ވަކީލު ނޫރުއްސަލާމް ކޯޓުގައި ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ބާރު ގާނޫނުން އޭސީސީއަށް ދީފައިވަނިކޮށް އެ މައްސަލައިގައި އެ ކޮމިޝަން ބައިވެރިނުކޮށް، ފުލުހުން އެކަނި މައްސަލަ ބެލުމަކީ ޖިނާއީ އަދުލުގެ ނިޒާމާ ފުށު އަރާ ކަމެއް ކަމަށެވެ.
އެއީ، އޭސީސީއާ ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުތައް ބައިވަރު ހުރިއިރު، މައްސަލައިގައި ލަސްވުމެއް އަންނާނެ ކަމަށް ދެކިގެން ފުލުހުން އަމިއްލައަށް އެ މައްސަލަ ބެލީ ކަމަށް ހައިކޯޓުން ބުނާ ވާހަކައަކީ ކަން ހިނގަމުންދާ ގޮތާ ޚިލާފަށް ބުނެފައިވާ ވާހަކައަކަށް ވާތީ ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
އެ ވާހަކައަށް ރައްދުދެއްވައި ދައުލަތުގެ ވަކީލު ހައްވާ ނާހީ ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް އެކަނި ބެލިދާނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ކަމަށް ޝަމްއާންގެ ވަކީލު ވިދާޅުވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
އެ ކޯޓުން ކަނޑައަޅާފައި އޮތީ، އެފަދަ މައްސަލަތަކުގެ ބާރު މުތުލަގަށް ފުލުހުންނަށް ދެވޭ ގޮތަކަށް ނޫން ކަމަށް ނާހީ ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުލުހުން ކޮރަޕްޝަނުގެ މައްސަލަ ބެލީ މަނީ ލޯންޑަރިންގެ ކުށާ ގުޅުވައި ކަމަށާއި، މަނީ ލޯންޑަރިންގެ ކުށް ފުލުހުން އެކަނި ބެލުމުގެ އިހުތިސާސް އެ މުއައްސަސާއަށް ލިބިގެންވާ ކަމަށް ދައުލަތުން ފާހަގަކުރިއެވެ.

ޝަމްއާންގެ ވަކީލު ނޫރުއްސަލާމް މިއަދުގެ އަޑުއެހުމުގައި -----
ދެވަނަ ދަންފަޅީގައި ދައުލަތުން ވާކާލާތު ކުރެއްވީ ވަކީލު އައިމިނަތު ޝާމާ ނަސީރެވެ. އޭނާ ވިދާޅުވީ، މި މައްސަލައިގައި ހެކި ބަސް ދޭން ތިބީ މައްސަލައަށް ނުފޫޒު ފޯރުވާފައި ތިބި މީހުން ކަމަށާއި އެއީ ޝަމްއާން ބަންދުން ދޫނުކުރެވޭނެ ސަބަބެއް ކަމަށް ކޯޓުން ވެސް ފާހަގަކޮށްފައި އޮތް ކަމެއް ކަމަށެވެ.
"ދައުލަތުން ދެކޭ ގޮތުގައި، [ޝަމްއާން] ވަޒީފާގައި ނެތް ނަމަވެސް އެ އާރާއި ބާރު އަދިވެސް [އިމިގްރޭޝަންގައި] އޮންނާނެ. އެއީ ވަރަށް ގިނަ ދުވަހު އެ ފަރާތުން އަދާކުރި މަގާމެއް. އަދިވެސް އެ ނުފޫޒު އޮންނާނެ ކަމަށް ގަބޫލުކުރެވެނީ،" ޝާމާ ވިދާޅުވިއެވެ.
މި މައްސަލައިގައި ދައުލަތުން އެދިފައި ވަނީ، ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ އިސްތިއުނާފު ނުރެވޭނެ ނުކުތާތަކެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށެވެ. އަދި، އެ ނޫން ގޮތަކަށް ނިންމާނަމަ، ފުލުހުންނަށް ކޮރްޕަޝަންގެ މައްސަލަތައް އެކަނި ބެލިދާނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުން ދަމަހައްޓައިދިނުމަށެވެ.
އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ، އެ މައްސަލަ ދިރާސާކުރަމުންދާއިރު، އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެން އެ މައްސަލައިގައި ބާއްވާނީ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެއް ކަމަށް އިއުލާނުކޮށްފައެވެ. އެކަމަކު، އަޑުއެހުން އޮންނާނެ ތާރީޚެއް އިއުލާނުކުރައްވާފައެއް ނުވެއެވެ.