ބޯމަތީ ދަރަނީގެ ކޮޅިގަނޑެއް، އަސްލު ވެސް ނުދެއްކިދާނެތަ؟

ރައީސް މުއިއްޒާއި މާލީ ވަޒީރު: ދަރަނި ނުދެއްކުމުގެ ބިރު ރާއްޖެއަށް ވަރަށް ބޮޑު -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ފަހު ހާފުގައި ދަރަންޏަށް 688 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އެއީ، ދިވެހި ރުފިޔާއިން 10.6 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރު ދަރަންޏަށް 1.1 ބިލިއަން ޑޮލަރު ދައްކަންޖެހެއެވެ. އެއީ، ދިވެހި ރުފިޔާއިން 16.9 ބިލިއަން ރުފިޔާއެވެ. ޖުމުލަ 1.78 ބިލިއަން ޑޮލަރެވެ. ނުވަތަ، 27.57 ބިލިއަން ރުފިޔާއެވެ.

ރާއްޖޭގެ މި އަހަރުގެ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާއެވެ.

ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ބުނަނީ މައިގަނޑު އެއް ވާހަކައެކެވެ. ދަރަނި ނުދެއްކި، ބަނގުރޫޓުވުމަކީ ރާއްޖެއަށް ބޮޑު ބިރެކެވެ. ސަރުކާރުން ކިތަންމެ ހިތްވަރުލާފައި ބުނި ނަމަވެސް ދަރަނި ނުދެއްކި، ޑިފޯލްޓުވުމުގެ ބިރު ބޮޑުކަން އެނގެނީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން 'ޖަންކް' ރޭޓިންގައި ދެމެހެއްޓުމުންނެވެ.

މުޅި ރޭޓިންގެ ޚުލާސާ އޮޅައިލާފައި، އޭގައި އޮތް ހަމައެކަނި 'ޕޮޒިޓިވް ޖުމުލަ' ނަގައިގެން މީހުންނަށް ދެއްކިދާނެއެވެ. އެކަމަކު، ހަގީގަތެއް ބަދަލެއް ނުކުރެވޭނެއެވެ.

https://sun.mv/207206

ހަގީގަތަކީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު އަދިވެސް ވަރަށް ބޮޑެވެ. ނަންބަރުތަކުން އެކަން އެނގެއެވެ.

ޚަރަދު ކުޑަނުކުރެވި، މަޝްރޫއުތައް ހުއްޓާލާފައި

މަޝްރޫއުތައް އޮތީ ގާތްގަނޑަކަށް އެއްކޮށް ހުއްޓާލައިފައެވެ. ހިސާބުތަކުން އެކަން އެނގެއެވެ. ސަރުކާރުގެ ކުންފުނިތަކާ މަޝްރޫއު ހަވާލުކުރާ ކަމަށް ދެއްކި ނަމަވެސް އެ މަސައްކަތެއް ނުހިނގައެވެ. އެ ޚަރަދެއް ބަޖެޓު ފޮތަކުން ނުފެނެއެވެ.

އެންމެ ފަހުން މާލީ ވުޒާރާއިން އާންމުކުރި ޚަރަދުބަރަދުގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި މި އަހަރު މިހާތަނަށް މަޝްރޫއުތަކަށް ޚަރަދުކުރީ އެންމެ 1.4 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު 5.2 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެހެންވެ، މިދިޔަ އަހަރަށް ވުރެ މަޝްރޫއުތަކަށް ކުރި ޚަރަދު އެ ވަނީ 3.7 ބިލިއަން ރުފިޔާ ދަށްވެފައެވެ.

ޚަރަދު ކުޑަކުރަން ލައްކަ ކަންކަން ސަރުކާރުން އިއުލާނުކުރިއެވެ. އެކިއެކި ނަންބަރުތައް ދެއްކިއެވެ.

https://sun.mv/203651

އެކަމަކު، އެއްވެސް ކަމެއް ނުވިއެވެ. އެންމެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން ނުވިކަމަށް އެއްބަސްވެލައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ދެން ޚަރަދު ކުޑަކުރާނީ މަޝްރޫއުތައް ހިންގާ ގޮތަށް ބަދަލު ގެނެސްގެން ކަމަށެވެ. އެހެން ވިދާޅުވެފައި ހުރިހާ މަޝްރޫއެއް ހަވާލުކުރަނީ ސަރުކާރު ކުންފުނިތަކާއެވެ. އެ މަޝްރޫއުތައް ހިންގުމުގެ ގާބިލުކަން ނެތް ބަޔަކާއެވެ. އެ ނިންމުމުން އެކަނި ވެސް އިގުތިސާދަށް ލިބޭނީ ބޮޑެތި ގެއްލުންތަކެވެ.

ބަޖެޓު ހުށަހެޅީ 7.7 ބިލިއަން ރުފިޔާގެ މާލީ އިސްލާހާ އެކެވެ. މާނައަކީ ޚަރަދު ކުޑަކޮށްގެންނާއި އާމްދަނީ އިތުރުކޮށްގެން އެ އަދަދު ސަލާމަތްކުރާނަމޭއެވެ. އެކަމަކު، އެ ހިސާބު ދިމާނުވާނެއެވެ. އެއީ، ޚަރަދު ކުޑަކުރުން މިހާރު ހަނދާން ނައްތާލައިފިއެވެ. ކެނޑި އަނެއް ފޮންޏަކީ މުސާރަތައް ކުޑަކޮށްގެން އެކަނި ވެސް 14 މިލިއަން ރުފިޔާ ސަލާމަތްކުރާނެ ކަމަށް ވިދާޅުވެ ދެއްކި ވާހަކައެވެ.

https://sun.mv/205679

ހިސާބު ފޮތް އެ ވާހަކަ ވެސް ދޮގުކުރެއެވެ. މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ މާ ބޮޑެވެ. އެ އަހަރު އެ ކަމަށް ޚަރަދުކުރީ 5.6 ބިލިއަން ރުފިޔާއެވެ. މި އަހަރު އެކަމަކު 6 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. ގާތްގަނޑަކަށް 400 މިލިއަންގެ ބޮޑުވުމެކެވެ. ކުޑައެއް ނުވެއެވެ. ދެއްކި ވާހަކަ ހަނދާން ނެތިއްޖެއެވެ. އެ ވާހަކަ މިހާރު ނުވެސް ދައްކައެވެ.

ރައްޔިތުންނަށް އެނގެންޖެހޭ ކަމަކީ ތި ރަށު ނަރުދަމާ ލަސްވަނީ، ބަނދަރު ލަސްވަނީ ނޫނީ އެހެން ވެސް މަޝްރޫއުތައް ލަސްވަނީ ސަރުކާރަށް ޚަރަދު ކުޑަކުރަން ނުކެރުމުންނެވެ. ސަރުކާރުގެ މަތިބަރުކަން ކުޑަނުވީމައެވެ.

އެމްއެމްއޭ: ރާއްޖޭގެ ރިޒާވްގައި ދޮޅު މަސް ދުވަހަށް ބޭނުންވާ އަދަަދަށް ވެސް ފައިސާއެއް ނެތް ކަމަށް ތަފާސްހިސާބުން ދައްކާ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަސްލު ވެސް ދަރަނި ނުދެއްކިދާނެތަ؟

އޭޕްރީލްގެ ނިޔަލަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްގައި ހުރީ 856 މިލިއަން ޑޮލަރެވެ. އެއީ، އެކަމަކު ވަރަށް ކުޑަކުޑަ އަދަދެކެވެ. ކުރިއަށް އޮތް 12 މަސް ދުވަހު ދައްކަންޖެހޭ ދަރަނި އުނިކުރުމުން ރިޒާވްގައި އިންނާނީ އެންމެ 28 މިލިއަން ޑޮލަރެވެ. ދޮޅު މަސް ދުވަހަށް ބޭނުންވާ އަދަަދަށް ވެސް ރިޒާވްގައި ފައިސާއެއް ނެތެވެ.

ރާއްޖޭގެ އާމްދަނީއަކީ 23-25 ބިލިއަން ރުފިޔާއެވެ. ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރެވެ.

އެކަމަކު، އެ ފައިސާއެކީ ދަރަނި ދައްކާކަށް ހޭދައެއް ނުކުރެވޭނެއެވެ. އެއިން އެއްކަލަ ކުޑަނުކުރެވުނު މުސާރައާއި އެ ނޫން ވެސް ޒަރޫރީ ކަންކަމަށް ޚަރަދުކުރަން ޖެހޭނެއެވެ. ސިއްހީ ދާއިރާއާއި ތައުލީމާއި އެ ނޫން ވެސް ހިންގުމުގެ ޚަރަދުތައް ވެސް ކުރަން ހުރީ އެ ފައިސާއިންނެވެ.

https://sun.mv/199871

ލިބޭ ކަމަށް ނަންބަރުތަކުން ނުފެންނަ ހިލޭ އެހީއާއި ލޯނާ އެކު ޖުމުލަ ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓު ފޮތުގައި އަންދާޒާކޮށްފައިވެއެވެ. އެ އާމްދަނީގެ 25 އިންސައްތަ ދެ އަހަރު ދުވަހު ރައްކާކޮށްފި ނަމަ އެއީ 1.30 ބިލިއަން ޑޮލަރެވެ. އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވްގައި ހުރީ 217 މިލިއަން ޑޮލަރެވެ.

އެއީ އެންމެ ރަނގަޅު ހާލަތަށް ބަލައިގެން ހިސާބު ޖެހީމައެވެ. އެކަމަކު، އެއީ ވެސް ފުދޭ އަދަދެއް ނޫނެވެ.

ހިސާބުތަކުން ފެންނަ މަންޒަރަކީ އެއީއެވެ. ބޯމަތީ އޮތީ ދަރަނީގެ ކޮޅިގަނޑެކެވެ. އެކަނި ހާލައިގެން ދަރަނި ދެއްކިދާނެތޯ އެއީ އަދިވެސް އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ. ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ވެސް އިހަށް ދުވަހު ރާއްޖޭގެ ރޭޓިން 'ސީސީ'ގައި ބާއްވަން ނިންމީ އެހެންވެއެވެ. ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ބިރު ބޮޑުކަމުންނެވެ. ހިސާބު އަކުރުން ފެންނަ އޮޅުވައިނުލެވޭނެ ހަގީގަތަކީ އެއީއެވެ.

ބޭރުގެ އެހީ ހޯދަން ސަރުކާރުން އެ ވަރަށް 'ތެޅެނީ' އެހެންވެއެވެ. އަދި މިއޮތް ހާލަތުން ބޮޑު ދަރަނި ދެއްކެން އޮތީ އެހީއެއް ލިބިގެންނެވެ.

ނަންބަރުތަކުން ފެންނަނީ ބޯމަތީ އޮތް ދަރަނީގެ ކޮޅިގަނޑުގެ ސީރިއަސްކަމެވެ. ސަރުކާރުން އެ ކޮޅިގަނޑާ މެދު ހަގީގަތަށް ވާހަކަދައްކަން ފަށަން ވެއްޖެއެވެ. ރައްޔިތުންނަށް ވާނުވާ ބުނެދޭން ޖެހެއެވެ. ތެދު ބަހުން އެ ވާހަކަ ކިޔައިދޭން ޖެހެއެވެ. އެ ކޮޅިގަނޑުން ރައްކާތެރިވާން އަޅާ ފިޔަވަޅުތައް ބުނެދޭން ޖެހެއެވެ. އެއިން އެއްވެސް ކަމެއް ނުކޮށް، ދަރަނި ދެއްކޭނޭ، ހަމަ އަސްލު ވެސް އެއްވެސް ހާސްކަމެއް ނެތޭ ވިދާޅުވިޔަސް ގަބޫލުކުރެވޭކަށް ނެތެވެ.

comment ކޮމެންޓް