ހުޅުމާލޭގެ ފުލެޓުތަކަށް ގަވާއިދުން ކުލި ނުދައްކާ މީހުންނަށް ތިން މަހުން ނޯޓިސްއެއް ފޮނުވަން ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފިއެވެ.
"ސަން"އިން އެދުނު މައުލޫމާތު ދެމުން އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުތަކެއްގެ ތެރެއިން، ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000އެއްހައި ޔުނިޓުގެ ވެރިންނެވެ. އަދި، ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެން އިތުރު ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ކުލި ނުދައްކާ މީހުން ފްލެޓްތަކުން ނެރުމުގެ ބާރު އެގްރީމެންޓުން އެޗްޑީސީއަށް ލިބިދީފައިވީ ނަމަވެސް މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެކަން 'ސަން'އިން ރިޕޯޓުކުރުމުން އާންމުން ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ.
އެގޮތުން، ކުލި ނުދައްކާ މީހުންނާ މެދު އަޅާ ފިޔަވަޅަކާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، އެ މީހުންނަށް ކޮންމެ ތިން މަހަކުން ނޯޓިސެއް ފޮނުވާނެ ކަމަށެވެ. އެއީ، ކުލި ދައްކަން ނަސޭހަތް ދީ ފޮނުވާ ނޯޓިސެއް ކަމަށާއި އެއީ އެފަދަ މީހުންނާ މެދު އަބަދު ވެސް އަމަލުކުރާ ގޮތް ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ގަވާއިދުން ކުލި ނުދައްކާ ކަމަށް 5،099 ސޯޝަލް ހައުސިން ޔުނިޓު ރިކޯޑުކުރެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
މި އަހަރުގެ 28 ފެބްރުއަރީއާ ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ލިބެންޖެހޭ ކުލީގެ ތެރެއިން އެޗްޑީސީއަށް 728،193،616.18 ރުފިޔާ ނުލިބިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ފްލެޓްތަކުގެ ކުލި ގަވައިދުން ދައްކާ ބަޔަކު އުޅުނު ކަމުގައިވީ ނަމަވެސް، ކޮވިޑަށް ފަހު މާލީ ދަތިކަން ކުރިމަތިވެ ގަވައިދުން ކުލި ދައްކަން ގިނަ ބަޔަކަށް ދަތިވިއެވެ. އެއާއެކު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އެ ކަމަށް ލުއި ގޮތެއް ހަމަޖެއްސިއެވެ.
އެއަށް ފަހު، މިހާރުގެ ވެރިކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ކުޑަ ވެސް ކޮށްދެއްވައިފައެވެ.