ރާއްޖޭގައި ލޭގެ ޚިދުމަތް ދޭ ކޮންމެ ތަނަކުން ތަފާސްހިސާބު ބެލެހެއްޓޭނެ ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ވަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަފުލާއެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓުރޭޝަން އޮޑިޓޯރިއަމްގައި ބާއްވައިފައެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައިވަނީ، ލޭ އެޅުމުގެ ޚިދުމަތް ދެވޭ މިންވަރު ދެނެގަތުމަށް ލޭގެ ޚިދުމަތް ދޭ ކޮންމެ ތަނަކުން ތަފާސްހިސާބު ބެލެހެއްޓޭނެ ނިޒާމު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފަށައިފައިވާކަން ހާމަކޮށްފައެވެ.
އެ މަސައްކަތުގެ ދަށުން، ކޮންމެ މަހަކު ލޭ އަޅާ ފަރާތްތަކަށް ލޭ ފޯރުކޮށްދެވޭ ގޮތުގެ ތަފާސްހިސާބުގެ ރެކޯޑް، ސްފޮޓްވެއާއެއް މެދުވެރިކޮށް ނެގޭނެ އިންތިޒާމު މުޅި ރާއްޖޭގައި މިއަދު ފަށާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތަށް ތަފާސްހިސާބު އެއްކުރުމުން ލޭ ހަދިޔާ ކުރާ މިންވަރާއި އުމުރުފުރައާއި ލޭ އެންމެ ބޮޑަށް ބޭނުންވާ ހާލަތްތަކާއި ސަރަހައްދުތައް ފަސޭހައިން ދެނެގަނެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
"މީގެ އެހީގައި ބޭނުންތެރި ދިރާސާތައް ކުރެވި ދިރާސާގެ އަލީގައި ރާއްޖެއަށް ބޭނުންވާ ލޭގެ ޚިދުމަތުގެ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވާނެ،" މިނިސްޓްރީން ބުންޏެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ ރަސްމީ ހަފުލާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަންގެ އިތުރުން އެކި ކޮލެޖުތަކުގެ ދަރިވަރުންގެ ޖަމްއިއްޔާތަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެ އެއްބަސްވުމުގެ ދަށުން ލޭ ހަދިޔާކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އެ އެއްބަސްވުމުގައި އެކުލެވޭ ކަންތައްތަކުގެ ތެރޭގައި:
- ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، އުނގަންނައިދިނުމުގެ ތެރެއިންނާއި އާންމުންގެ އެއްބާރުލުން ހޯދައިގެން ހިލޭސާބަހަށް ލޭ ހަދިޔާކުރުމަށް އެހީތެރިވެ އެކަން ކުރިއެރުވުމަށް މަސައްކަތްކުރުން
- މުޖުތަމައުގެ ގިނަ ބަޔަކީ ގަވާއިދުން ހިލޭސާބަހަށް ލޭ ހަދިޔާކުރާ ބަޔަކަށް ހެދުމަށް ހިތްވަރުދިނުން
- ލޭ ހަދިޔާކުރުމުގެ މަ ސައްކަތްތައް ހަރުދަނާކުރުމަށް ގައުމީ އިދާރާތަކާއި ކަމާގުޅޭ ޖަމްއިއްޔާތަކާއެކު މަސައްކަތްކުރުން
- ފުރާނަ ސަލާމަތްކުރުމަށް ކުރާ މަސައްކަތަށްޓަކައި ހިލޭސާބަހަށް ލޭ ހަދިޔާކުރާ މީހުންގެ އަގުވަޒަންކުރުން
- ލޭ ބޭނުންވާ އެންމެންނަށް ރައްކާތެރި، އިތުބާރުހުރި އަދި އެކަށީގެންވާ މިންވަރަށް ލޭ ލިބޭކަން ކަށަވަރުކުރުމަށް އެކި ދާއިރާތަކާއި މުއައްސަސާތަކާއެކު މަސައްކަތްކުރުން
އެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ، ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގާ ކެމްޕޭންގެ ސަބަބުން ލޭ ހަދިޔާކުރާ މީހުންގެ އަދަދު އިތުރުވެ، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ލޭ ލިބުމުގެ ދަތިކަން ކުޑަވާނެ ކަމަށެވެ. އެއީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވޭނެ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.