އިސްރާއީލުން ހަމަލާތައް ކުރިއަށް ގެންދާހާ ހިނދަކު ހަމަލާތައް ހުއްޓާލުމަށް މަޝްވަރާތައް ނުކުރާނެ ކަމަށް އީރާނުން ބުނެފިއެވެ.
ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ޤަޠަރާއި އޮމާން މެދުވެރިވެގެންނެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނުން ސީރިއަސް މަޝްވަރާތަކަށް ދާނީ އިސްރާއީލުން ފުރަތަމަ ދިން ހަމަލާތަކުގެ ރައްދު ދިނުމަށް ފަހުގައި ކަމަށް ޤަޠަރަށާއި އޮމާނަށް އީރާނުން ވަނީ އަންގާފައެވެ.
އީރާނުން ވަނީ "ހަމަލާ ދެމުން ދަނިކޮށް މަޝްވަރާ ނުކުރާނެކަން ވަރަށް ސާފުކޮށް ބުނެފައި،" އޮފިޝަލް ވިދާޅުވިއެވެ.
ހަނގުރާމަ ހުއްޓާލުމުގެ މެދުވެރިއަކަށް އެމެރިކާ ހެދުމަށް ޤަޠަރަށާއި އޮމާނަށް އިލްތިމާސްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކައާއި ނިއްކުލިއާ އެއްބަސްވުމުގެ މަޝްވަރާތައް އީރާނުން އަލުން ފަށާނެ ކަމަށް ދެކެވޭ ވާހައަކީ ހަގީގަތެއް ނޫން ކަމަށް ވެސް ރޮއިޓާސްގެ މީޑިއާ ރިޕޯޓްތަކަށް މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވިއެވެ.

އީރާނުން އިސްރާއީލަށް ދިން ހަމަލާއެއްގައި އިމާރާތެއް ހަލާކުވެފައި. ފޮޓޯ/ރޮއިޓާސް
އެމެރިކާއާއި އީރާނާ ދެމެދު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް އިސްރާއީލުން އީރާނަށް ވައިގެ މަގުން ހަމަލާތައް ދޭން ފެށުމުން އީރާނުން ވަނީ މަޝްވަރާތައް ހުއްޓާލާފައެވެ.
ފާއިތުވި މަސްތަކުގައި އޮމާނުން ވަނީ އެމެރިކާއާއި އީރާނާ ދެމެދު ނިއުކްލިއާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. ގަތަރުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގެ ދައުރު އަދާކޮށްފައެވެ. އޮމާނާއި ގަތަރަކީ އީރާނާއި އެމެރިކާއާ ވެސް ރަނގަޅު ގުޅުމެއް އޮންނަ ދެ ގައުމެވެ.
އިސްރާއީލުން ހުކުރު ދުވަހުގެ ހެނދުނު އީރާނަށް ދޭން ފެށި ހަމަލާތަކުގައި އީރާނުގެ އަސްކަރީ ކޮމާންޑުގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ވަނީ އަވަހާރަވެފައެވެ.
ނިއުކްލިއާ ސައިޓްތަކަށާއި އެހެނިހެން އިމާރާތްތަކަށް ވެސް ގެއްލުން ލިބިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހަމަލާތައް އިތުރަށް ވަރުގަދަވާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިސްރާއީލުގެ އެ ހަމަލާތަކުގެ ބަދަލުގައި އީރާނުން ވެސް އަންނަނީ އިސްރާއީލަށް ހަމަލާތައް ދެމުންނެވެ. އިރާނުން އެންމެ ފަހުން ހަމަލާތައް އަމާޒުކޮށްފައި ވަނީ އިސްރާއީލުގެ މެދުތެރެއަށެވެ.