މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން ކޮމިޓީން އެންމެ މަތިން މާކްސްދިން ޒަމްއަތު އަހްމަދު ވަހީދަށް މަޖިލީހުން ރުހުން ދީފިއެވެ.
މިއަދު އޮތް މަޖިލިސް ޖަލްސާގައި ޒަމްއަތު ބްރޯޑްކޮމް މެންބަރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 54 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ. ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.
ޒަމްއަތަކީ، އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމު ފުރުއްވަމުންދާ ބޭފުޅެކެވެ. އޭނާވަނީ މީގެ ކުރިން ޕަބްލިކް ސާވިސް މީޑިއާގައި ގިނަ އަހަރުތަކެއް ވަންދެން ނޫސްވެރިއަކަށް މަސައްކަތް ކުރައްވައިފައެވެ. އޭގެ އިތުރުން ބައެއް އަމިއްލަ މީޑިއާތަކުގައި ވެސް މަސައްކަތް ކުރެއްވެވިއެވެ. ޒަމްއަތު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހައްދަވައިފައެވެ.
ބްރޯޑްކޮމްއަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޓީން އެންމެ މަތިން މާކްސް ދިނީ ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރަށް ނަމަވެސް މަޖިލީހުން ރުހުން ދިނީ ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިޟުވާނަށެވެ. އަދި ރައީސް ވަނީ އޭނާ ބްރޯޑްކޮމްއަށް އައްޔަންކުރައްވައިފައެވެ.
އެއަށްފަހު މިދިޔަ މަހުގެ 12ގައި ރައީސް ވަނީ އެ ކޮމިޝަނަށް އައްޔަންކުރަން ހަ ބޭފުޅުންގެ އިތުރު ލިސްޓެއް ފޮނުއްވައިފައެވެ. އެއީ އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވާތީއެވެ.
އަނާގެ މަގާމަށް ރައީސް ފޮނުއްވި ލިސްޓުގެ ތަރުތީބަކީ:
- ޒަމްއަތު އަހުމަދު ވަހީދު/ މަލަ، ގދ. ތިނަދޫ
- އިބްރާހީމް އަޝްރަފް/ ވ. މަށަވެލި
- މޫސާ ރިޟްވާން/ މ. ހާވިލާ
- ޒީނާ ޒާހިރު/ އަތިރިގޭ، ގދ. ގައްދޫ
- އަލީ ޔޫސުފް/ ބާރަނާ، ޅ. ހިންނަވަރު
- ޝިމްލާ އަހުމަދު/ އާސްޓްރަލްގެ، ސ. ހިތަދޫ
ރައީސް ފޮނުއްވި ލިސްޓަށް ކޮމިޓީން މާކްސް ދިން ތަރުތީބަކީ:
- ޒަމްއަތު އަހުމަދު ވަހީދު - 89.29 ޕަސެންޓް
- ޒީނާ ޒާހިރު - 84.57 ޕަސެންޓް
- ޝިމްލާ އަހުމަދު - 76.86 ޕަސެންޓް
- އިބްރާހީމް އަޝްރަފް - 67.71 ޕަސެންޓް
- އަލީ ޔޫސުފް - 64.17 ޕަސެންޓް