އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން ލިބޭ އެލަވަންސް ބޮޑުކުރަން ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް ކޯޓު 'ހުއްޓުވާލި'ކަމަށް ތުހުމަތުކުރެވިފައި އޮއްވައި މުއުތަސިމް ވަނީ ރިޓަޔާކުރައްވަން ހުށަހަޅުއްވާފައެވެ. އެ މަނިކުފާނުގެ ރިޓަޔާމަންޓާ މެދު ޖޭއެސްސީން އަދި ވަކި ގޮތެއް ނުނިންމައެވެ.
އެކަމަކު، އެ މަނިކުފާނަށް އިތުރު އިނާޔަތްތަކެއް ދޭން އެ ކޮމިޝަނުން އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
'ސަން'އަށް ލިބިފައިވާ ޖޭއެސްސީގެ ސިޓީން އެނގޭ ގޮތުގައި މިހާރު އޮތް ގޮތުން މުއުތަސިމް ރިޓަޔާކުރެއްވުމުން ގަނޑުކޮށް ލިބިލައްވާނީ 185،100 ރުފިޔާއެވެ. އެކަމަކު، ޖޭއެސްސީން ހުށަހެޅި އިސްލާހުތަކާ އެކު އެ އަދަދު 493،600 ރުފިޔާއަށް ބޮޑުވާނެއެވެ. އަދި، މިހާރު މަހަކު އެ މަނިކުފާނަށް ލިބެން އޮތް 47،182.50 ރުފިޔާ 70،000 ރުފިޔާއަށް ބޮޑުވާނެއެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ އެ މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދަން ހުށަހަޅުއްވައިފައެވެ. އަދި، އެއަށް ފަހު ފިނޭންސްގެ ލަފަޔާ އެކު ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް ގަވާއިދު އިސްލާހުކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ޖޭއެސްސީން ވަނީ އުއްތަމަފަނޑިޔާރު ރިޓަޔާކުރެއްވުމުން ލިވިން އެލަވަންސާއި އަދި ދަތުރުފަތުރުގެ އެލަވަންސްގެ ގޮތުގައި ޑްރައިވަރެއްގެ މުސާރައާއި ޕެޓްރޯލް ހަމަޖައްސަން އެދިފައެވެ. އަދި، ރިޓަޔާކުރައްވާއިރު ފަނޑިޔާރުކަން ކުރެއްވި މުއްދަތުގެ ބަދަލުގައި މުޅި ދައުލަތަށް ޚިދުމަތްކުރެއްވި މުއްދަތް ގުނަން ވެސް ވަނީ އެދިފައެވެ.
މުއުތަސިމް ފަނޑިޔާރުކަން ކުރެއްވީ ނުވަ އަހަރާއި ހަ މަހާއި 11 ދުވަހެވެ. އެކަމަކު، އެ މަނިކުފާނު ވަނީ 24 އަހަރާއި ހަތަރު މަހާއި 18 ދުވަހު ދައުލަތަށް ޚިދުމަތްކުރައްވާފައެވެ.
އުއްތަމަފަނޑިޔާރު ރިޓަޔާކުރައްވަން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް ކޯޓު ހުއްޓިފައި އޮއްވައެވެ. ހުސްނުއްސުއޫދު ފަހުން އިސްތިއުފާދެއްވި ނަމަވެސް އަނެއް ދެ ފަނޑިޔާރުން ސަސްޕެންޑުކޮށްފައި ބޭތިއްބުމަށް ފަހު ވަނީ މަގާމުން ވަކިކޮށްފައެވެ.
އެކަން ކުރީ އޭރު ބަލަމުން އައި ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވުނެވެ. އެކަމަކު، އެއީ ދޮގެއް ކަމަށް ސަރުކާރުން ބުނެއެވެ.