ޕްރަބާސްގެ "ދަ ރާޖާ ސާބް"ގެ ޓީޒާ ދައްކާލައިފި

ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި އެކްޓަރު ޕްރަބާސްގެ ފިލްމު "ދަ ރާޖާ ސާބް"ގެ ޓީޒާ އާއްމުކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި މި ފިލްމުގެ ޓީޒާ އާއްމުކުރިއިރު މީގެ ދެ ދުވަސްކުރިން ބަޔަކު މީހުން ވަނީ "ދަ ރާޖާ ސާބް"ގެ ޓީޒާގެ ބައެއް މަންޒަރުތައް ލީކުކޮށްފައެވެ.

މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ ކާމިޔާބު ސައުތު އެކްޓަރު ޑަބަލް ރޯލްއިން ފެންނާނެ ހޮރޯ ކޮމެޑީއެކެވެ. މިއީ މީގެކުރިން ޕްރަބާސް ފެނިފައިނުވާ ޖޯންރާއެއްގެ ފިލްމެއް ކަމުން ފިލްމު ސިނަމާތަކަށް ގެންނާނެ ދުވަހަކަށް ބެލުންތެރިން އަންނަނީ އިންތިޒާރުކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕްރަބާސްއާއެކު މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ ނިދީ އަގަރުވާލް އަދި މަލާވިކާ މޯހަނާން ހިމެނެއެވެ. މީގެއިތުރުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ސަންޖޭ ދަތު، ބޮމަން އިރާނީ އަދި އަނިލް ކަޕޫރު ވެސް މި ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ބެލުންތެރިންނަށް ފެންނާނެއެވެ.

ފިލްމު "ދަ ރާޖާ ސާބް"ގެ ޕޯސްޓަރެއް--ފޮޓޯ/ހިންދުސްތާންޓައިމްސް

ފިލްމުގެ ޓީޒާއިން ފެންނަ ގޮތުގައި މިއީ ބިރުން ފިއްކަނޑައިގެންދާ ފަދަ މަންޒަރުތަކެއް ސިނަމާ ހޯލްގައި ބެލުންތެރިން ތަޖުރިބާކުރާނެ ފިލްމެކެވެ.

ޕްރަބާސް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ޑައިރެކްޓަރު ނާގް އަޝްވިން ގެނެސްދިން ފިލްމު "ކަލްކީ"އިންނެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި މި ފިލްމުގެ ދެވަނަ ބައެއް އުފައްދާނެކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ.

ޕްރަބާސްގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމުތަކުގެތެރޭ 2023ވަނަ އަހަރު ރިލީޒްވި ފިލްމު "ސަލާރު: ޕާޓް 1 – ސީޒްފަޔަ"ގެ ސީކުއަލް އަދި ދާދިފަހުން ޕްރަބާސް ސޮއިކުރި ޑައިރެކްޓަރު ސަންދީޕް ރެޑީގެ ފިލްމު "ސްޕިރިޓް" ހިމެނެއެވެ.

comment ކޮމެންޓް