އެތެރެއިން: 'ވަކިކުރި' މުވައްޒަފުން ތިބީ ސަރުކާރުގައި؟

ރައީސް މުއިއްޒު ސަރުކާރުގެ ހަފުލާއަކަށް ވަޑައިގަންނަވަނީ: ވަކިކުރި ކަމަށް ބުނާ މުވައްޒަފުންގެ ނަން ވެސް ސަރުކާރުން ނުބުނޭ -- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑަށް ހަމަ މި ތަނުން މި އެނގުނީ،"

ވަކިކުރި ކަމަށް ބުނެ ސަރުކާރުން އިއުލާނުކުރި ސިޔާސީ މުވައްޒަފުންގެ އެއްވެސް ތަފުސީލެއް ނުދޭންވެގެން އެ މަނިކުފާނު ހިންގަވާ ސަރުކާރުގެ އެ މަނިކުފާނު އިންނަވާ ރައީސް އޮފީހުން ހައިކޯޓަށް މައްސަލަ ހުށަހަޅުއްވާފައި އޮތްކަން 'ހަމަ ހަގީގަތުގައި' ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހި އެންމެހައި ނޫސްވެރިންގެ ކުރިމަތީގައި ހުންނަވައިގެން ލައިވް ޓީވީގައެވެ.

"މި ތަނުން، މި އޮފީހުން ތި ބޭފުޅުންނަށް ލިޔުމުން އެ މައުލޫމާތު ދޭނަން،"

ސީދާ އެ ރޭ ނުދެއްވިދާނެ ކަމަށް އެއްބަސްވެވަޑައިގެންނެވިއެވެ. އެކަމަކު، ލަސްނުކުރައްވައި އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އަތްޕުޅުގައި އެ މައުލޫމާތު ހުންނާނެ ކަމަށް ވެސް އިއުތިރާފުވެ ވަޑައިގެންނެވިއެވެ.

އެ މައުލޫމާތު ނުދީ އޮތުމުން ހިތްޕުޅުހަމަޖެހިވަޑައިނުގެން، ކޯފާވެވަޑައިގެންނެވީހެން ވެސް ހީވިއެވެ.

އެކަމަކު، އެ މައުލޫމާތެއް އަދިއަދަށް ވެސް ހާމައެއް ނުކުރައްވައެވެ. އެ ވާހަކަފުޅުތައް ދައްކަވައި ވައުދާއި އަހުދު ވެވަޑައިގެންނެވިތާ މަހަކަށްވުރެ ގިނަ ދުވަސްވީއެވެ.

https://sun.mv/205552

ހިސާބު ނަންބަރުގެ ކަންކަން އޮޅުވާލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަމުދުން އެ އިލްމުގެ އަހުލުވެރިން ތިއްބައެވެ. އިޤްތިޞާދީ ކަންކަމަކީ ހިސާބު އަކުރުން ފެންނަން ހުންނަ ކަންކަމެވެ. އެ ކަންކަމުގައި ދޮގު ހެދުމަކީ ބޭނުމެއް އޮތް ކަމެއް ނޫނެވެ.

ސިޔާސީ މުވައްޒަފުންގެ ގޮތްނޭނގޭ ލިސްޓުން 228 ބޭފުޅުން ވަކިކޮށް، ބޭރުކޮށްލާނެކަން އިއުލާނުކުރެއްވީ ސީދާ ރައީސް މުއިއްޒެވެ. ފަހުން، އެ ބޭފުޅުންނާއި، އޭގެ އިތުރަށް ވެސް ބޭފުޅުން ވަކިކޮށްފީމޭ އިއުލާނުކުރެއްވީ، އެ މަނިކުފާނުގެ ތަރުޖަމާނު ހީނާ ވަލީދެވެ. ދެ ބޭފުޅުންނަށް އެނގިވަޑައިނުގެންނެވި ކަމަކީ އެއީ ހިސާބު އަކުރުން ފެންނަން އޮންނާނެ ކަމެއް ކަމެވެ.

ވަކިކުރާނެ ކަމަށް ރައީސް އޮކްޓޫބަރު 15، 2024 ގައި އިއުލާނުކުރެއްވި ލިސްޓު:

  • ހަތް ސްޓޭޓް މިނިސްޓަރުން
  • 43 ޑެޕިއުޓީ މިނިސްޓަރުން
  • 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން
  • 69 ޕޮލިޓިކަލް ޑިރެކްޓަރުން

https://sun.mv/205863

ރައީސް ހަމައެކަނި ލިސްޓެއް ދެއްވީއެއް ނޫނެވެ. ހިސާބު އަކުރުން އެ ތަފުސީލު ކިޔައިދެއްވިއެވެ. އެ މަނިކުފާނު ސާފުކޮށް ވިދާޅުވީ، އެ އިސްލާހާ އެކު 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. "ސާބަހޭ، ޝުކުރިއްޔާ ރައީސް" ކިޔައި، ސަރުކާރުން، މީހުން "ހެސްކިޔާފައި" ސަނާ ކިޔަން ފެށީ ވެސް އެހެންވެއެވެ.

ހަގީގަތް ވަރަށް ތަފާތު

ވަކިކުރި މުވައްޒަފުންގެ މައުލޫމާތު ހޯދަން އުޅުނު އެކަކުގެ ހައިސިއްޔަތުން އެކަން ހިނގި ގޮތް އަޅުގަނޑަށް އެނގެއެވެ. ހޯދަން އެދުނީ އެ މީހުން މަސައްކަތްކުރި ތަންތަނާއި އެ މީހުންނަކީ ކޮން ބައެއްކަމެވެ. އެކަމަކު، އެ މައުލޫމާތު ނުދޭން އެތައް ބަހަނާއެއް ރައީސް އޮފީހުން ގެންދިޔައީ ދައްކަމުންނެވެ. އެއީ އެ މީހުންގެ ޒާތީ މައުލޫމާތެކޭ ވެސް އެ އޮފީހުން ބުންޏެވެ.

އެންމެ ފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން، ޖަނަވަރީ 23 ގައި ވަނީ އެ މައުލޫމާތު ދޭން ރައީސް އޮފީހަށް އަންގައިފައެވެ.

އެކަމަކު، އެ ކަމާ ވެސް ހިތްހަމަނުޖެހި، ރައީސް އޮފީހުން ދިޔައީ ހައިކޯޓަށެވެ. އެންމެ ބޭނުމެއްގައެވެ. ވަކިކުރި މުވައްޒަފުންގެ މައުލޫމާތަކީ 'ދައުލަތުގެ ބޮޑު ސިއްރެއް' ކަމަށް ހައްދަވާށެވެ. ރައީސް މުއިއްޒަށް ވެސް ނާންގަވައި، އެ އޮފީހުން ކޯޓަށް ދިޔައީ ކަމަށް އެ މަނިކުފާނު 'ރިކޯޑު ހެއްދެވި' ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މި މަހު ތިންވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު: ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިތާ މަހަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް އެ މައުލޫމާތު ހާމަކޮށްފައެއް ނުވޭ -- ފޮޓޯ/ ރައީސް އޮފީސް

"ރައީސް އޮފީހުގެ ކަންކަން އޮންނަ ގޮތުން އަދި އަމުދުން ރައީސް މުއިއްޒު ކަންކުރައްވާ ގޮތުން އެއީ ތެދެއް ކަމަށް ނުބެލެވޭ. ރައީސް އޮފީހުން ނޫސްވެރިންތަކަކާ ދެކޮޅަށް ހައިކޯޓަކަށް ނުދާނެ ރައީސަށް ނޭނގިއެއް،" ސަރުކާރުގެ އިސް މަގާމެއްގައި ކުރިން ހުންނެވި ބޭފުޅަކު އެ ކަމާ ކުޑަކޮށް ހިތްހަމަޖެހިވަޑައިނުގެން ހުންނަވާ ވިދާޅުވިއެވެ.

'އެ ވަރުގެ ކަމެއް ރައީސަށް ނޭނގި ރައީސް އޮފީހުން ކުރުމަކީ ވެސް މައްސަލައެއްތާ،"

އެއީ ވަރަށް ބޮޑު ތެދުފުޅެކެވެ. އެ ވަރުގެ ބޮޑު ކަމެއް ރައީސަށް ނޭނގި އެ މަނިކުފާނުގެ އޮފީހުން ކުރީމާ އެ މައްސަލަ ވެސް ބަލަންވާނެތާއެވެ. އެއީ، ކިހާ ބޮޑު ގޯހެއް ހެއްޔެވެ؟ ރައީސަށް އެ ކަން އެނގިވަޑައިގަންނަވަންވާނީ ނޫސްވެރިން ސުވާލުކުރިމައެއް ނޫންތާއެވެ؟

"ވަތްކެއް ނުކުރޭ، ޓްރާންސްފާ ކުރީ"

ރަސްމީ އިދާރާތަކުން މައުލޫމާތު ނުލިބުނީމާ ދެން ޖެހޭނީ ވަލު ދޮރާށިން ވަދެގެން މައުލޫމާތު ހޯދާށެވެ. މި ޒަމާނުގައި، އަމުދުން ސިޔާސީ މީހުންގެ 'އިޚުލާސްތެރިކަން' އަރައި އޮއްސޭ އިރާ އެކު ބަދަލުވާ ޒަމާނެއްގައި، އެ މައުލޫމާތު ހޯދުމަކީ އުނދަގޫ ކަމެއް ނޫނެވެ. ސަރުކާރުގެ ތެރެއިން އެ މައުލޫމާތު ކިޔައިދޭނެއެވެ. އެކިއެކި ސިޔާސީ ބޭނުމުގައާއި އެ މީހުންނަށް ފައިދާވާނެ ކޮޅެއް ފެންނާތީއެވެ.

އޭގެ ކުރިން ބަލަން ޖެހޭނީ ނަންބަރުތަކަށެވެ. ރައީސް ވިދާޅުވި ގޮތަށް ކަންވެފައި އޮތްތޯއެވެ.

ރައީސް ވިދާޅުވީ، އެ ބަދަލާ އެކު 5.7 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ޚަރަދުބަރަދުގެ ރިޕޯޓުން އެނގެނީ އެކަން ނުވާ ކަމެވެ. މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު ވީ ބޮޑެވެ. އެއްވެސް އެއްޗެއް ސަލާމަތެއް ނުކުރެވެއެވެ. އެހެންވީމާ، އެ ނަންބަރުތައް ބުނެދޭ އެންމެ މުހިންމު ވާހަކައަކީ ވަކިކުރިއޭ ވިދާޅުވި ނަމަވެސް ދައުލަތުން އެންމެ ބައިލާރި ވެސް ސަލާމަތްނުކުރެވުނު ކަމެވެ.

އޭގެ ބަދަލުގައި، މުސާރައަށް ކުރި ޚަރަދު ފާއިތުވި އަހަރާ އަޅައިކިޔާއިރު 415.5 މިލިއަން ރުފިޔާ ވީ ބޮޑެވެ.

ރައީސް މުއިއްޒާއި މާލީ ވަޒީރު ޒަމީރު: ޚަރަދުގެ ރިޕޯޓުން އެނގެނީ މުސާރައަށް ކުރި ހޭދަ އެންމެ ތަންކޮޅެއް ވެސް ކުޑަނުވާކަން -- ފޮޓޯ/ ރައީސް އޮފީސް

"ވަތްކެއް ނުކުރޭ، އެ މީހުން އެހެން ތަންތަނަށް ޓްރާންސްފާ ކުރީ އަސްލު،" ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި، ރައީސް މުއިއްޒުގެ ވަރަށް އަރިހުގައި މަސައްކަތްކުރައްވާ ބޭފުޅަކު ނަން ނުޖަހާން ޝަރުތުކޮށް ވިދާޅުވިއެވެ.

"ބައެއް މީހުން ހަމަ ޔަގީނުން ވެސް އެސްއޯއީތަކާއި އެހެން ތަންތަނަށް ބަދަލުކުރި. ހަމަ ގައިމު ވެސް އަހަންނަށް އެނގިގެންނެއް އެއްވެސް މީހަކު ކަނޑައެއްނުލާ،"

އެ ބޭފުޅާ އެ ވާހަކަ ކިޔައިދެއްވީ ކޮންމެ ސަބަބަކާ ހުރެ ކަމަށް ވެސް ވެދާނެއެވެ. އެކަމަކު، ހިސާބުތަކުން ވެސް އެ ބޭފުޅާ ދެއްކެވި ވާހަކައަށް ބާރުލިބެއެވެ. ސަރުކާރުން މި މައުލޫމާތަކީ 'ދައުލަތުގެ ބޮޑު ސިއްރެއް' ގޮތުގައި ބާއްވަން އުޅެނީ ވެސް ސަބަބެއް އޮތީމައެވެ. އެ ބޭފުޅުން ވަކިކޮށް، ޚަރަދު ކުޑަކުރި ނަމަ އެ މައުލޫމާތު ހާމަނުކުރަންވީ ސަބަބެއް ނެތެވެ. އެންސްޕާއިން އެހީނުދެޔޭ ބުނީމާ އެހީ ދިނީމޭ، މި އޮތީއޭ ދިންވަރު ވިދާޅުވެފައި ހުރިހާ މައުލޫމާތެއް ހާމަކުރެއްވީ ވެސް ހަމަ އެއް ތަރުޖަމާނެކެވެ.

"ވަކިނުކުރާތީއެއްނު ހާމަނުކުރާނީ،" ހޭން ފައްޓަވާފައި މި ސަރުކާރުގެ މަޖިލީސް މެންބަރަކު ވެސް އެ ވާހަކަ އެ ގޮތަށް ވިދާޅުވިއެވެ.

އޭނާ ވެސް ވިދާޅުވި ވާހަކައަކީ އެއީއެވެ. ވަކިކުރި ނަމަ، ސަރުކާރަށް އެ ކަމުން ފައިދާވީ ނަމަ، ވަކިކުރި މީހުންނަކީ މިއީއޭ ނުވަތަ އެންމެ ކުޑަމިނުން ވަކިކުރީ މިވެނި މިނިސްޓްރީއެއްގެ މިވެނި މަގާމުތަކަކުންނޭ ވިދާޅުވާން ވީނުންތޯއެވެ؟ އެ ވަރު ވެސް ސިއްރު ކުރައްވައިގެން އުޅުއްވަންވީ ކީއްވެގެންތޯއެވެ؟

އޮތީ އެންމެ ޖަވާބެކެވެ. އެއީ، ސަރުކާރު ތެރެއިންނާއި ހިސާބު ނަންބަރުތަކުން ވެސް ބުނެދޭ ހަގީގަތެވެ. 'ވަކިކުރި' ސިޔާސީ މުވައްޒަފުން އަދިވެސް ތިބީ ސަރުކާރުގައެވެ.

comment ކޮމެންޓް