ލާމަރުކަޒީ ނިޒާމު މިހާރު އޮތް ގޮތުން، ކައުންސިލަރުން ގިނަވެ ކުރަންޖެހޭ ޚަރަދު އިތުރުވުމުގެ ކަންބޮޑުވުން ސަރުކާރުން ފާޅުކުރި ނަމަވެސް، ސަރުކާރުގެ ޚަރަދުތަކުން، ފައިސާ ސަލާމަތްކުރުމުގެ އެއްވެސް ކަމެއް ނުފެންނަކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދުވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 15 އަހަރު ފުރުނުއިރު، އެ ގާނޫނަށް ގެނެވިފައިވާ އިސްލާހުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި، ގޮންޖެހުންތަކުގެ މައްޗަށް 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވިޑައިގަންނަވާ ގޮތް ބެލުމަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.
އެ ގަރާރަށް ބަހުސްކުރައްވަމުން، މީކާއީލް ވިދާޅުވީ ކައުންސިލަރުން ގިނަވުމާއި، ކައުންސިލަރުންގެ މުސާރަ ބޮޑުވުމުގެ ޝަކުވާ ކުރާއިރު އެ ކަން މާ ބޮޑު ކަންބޮޑުވުމަކަށް ވާންވީ ތަން ސަރުކާރުގެ އަަމަލުތަކުން ނުފެންނަ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރަށްވުރެ އިތުރަށް 400 މިލިއަން ރުފިޔާ ހޭދަކޮށް، މިހާތަނަށް މިއަހަރު، މުސާރައާއި އިނާޔަތްތަކަށް ހަ ބިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.
"އިއްޒަތްތެރި ރައީސް، ކޮބައިތޯ ޚަރަދުކުޑަކުރުން. ކޮބައިތޯ ސިޔާސީ މަގާމްތަކަށް އައްޔަންކުރި މީހުންގެ އަދަދު،" އޭނާ ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ މިފަދަ ބޮޑު ބަދަލެއް، ލާމަރުކަޒީ ނިޒާމަށް ގެނައުމުގެ ކުރިން، ސިޔާސީ މަގާމުތަކަށް އިތުރު ބޭފުޅުން އައްޔަނު ނުކުރާނެކަމަށް ރައީސް ވިދާޅުވުމަށްފަހު، އަލަށް އައްޔަންކުރެއްވީ ކިތައް ބޭފުޅުންތޯ ބެލުން މާ މުހިންމު ކަމަށެވެ.
ނަމަވެސް ފެންނަނީ، ދައުލަތުގެ ޚަރަދު ނުހިފެހެއްޓޭ މިންވަރުގައި އޮތްއިރު، ރައްޔިތުން އިންތިޚާބުކުރި މަގާމެއްގައި ބަޔަކު ތިބެގެން ސަރުކާރުން ކަންބޮޑުވާތަން ކަމަށް އޭނާ ވިދާޅުވިއެވެ.
މީކާއިލް އިތުރަށް ވިދާޅުވީ، މިހާރު ވެރިކަން ކުރާ ޕީއެންސީގެ ފިކުރު ގަބޫލުކުރާ ނިޒާމެއް ނޫންކަމަށާއި، އެ ކަން މާޒީން ހާމަވާކަމަށެވެ.
އެގޮތުން 2018ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ބަހުސްގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން، ލާމަރުކަޒީ ނިޒާމަކީ އެ މަނިކުފާނު ގަބޫލުފުޅުކުރައްވާ ނިޒާމެއް ނޫންކަމަށް ވިދާޅުވުމުން، މިހާރުގެ ޕީއެންސީ މެންބަރުން ތިއްބެވީ 'އަތްޖައްސަވަން' ކަމަށެވެ.
އެފަދަ ބޭފުޅުންތަކެއް، މި ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ވާހަކަ ދެއްކުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށް މީކާއިލް ވިދާޅުވިއެވެ.
"...ލައިވްޓީވީގައި، ރައީސުލްޖުމްހޫރިއްޔާއަކު [ރައީސް ޔާމީން] ތިމަން މަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫނޭ މިއީ ވިދާޅުވީ އިރުގައި އަތްޖައްސަވަން ތިއްބެވި ބޭފުޅުން މިއަދު އަނެއްކާ ވެސް ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެއްކީމާ އެޔެއް ދެކޮޅެއް ނުޖެހޭ،" މީކާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން މީކާއިލް ވިދާޅުވީ، ޚިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހަށް، ގަރާރު ހުށަހެޅިއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މާ ކުރިން މި ކަމުގައި ގޮތެއް ނިންމަވައިފައި ކަމަށެވެ. އަދި މި ގަރާރަކީ ޚިޔާލު ހޯދުމަށް ހުށަހެޅުނު ގަރާރެއް ނޫން ކަމަށާއި، މާ ކުރިން އެކަމާމެދު ގޮތެއް ނިންމައި، އެ ގޮތަށް އެ ކަން ކުރަން މަޖިލީހުން މަގުކޮށައިދޭ ގަރާރެއް ކަމަށެވެ.
"މި ގަރާރު ހުށަހެޅުމުގެ މާ ކުރިން، ޕީއެންސީގެ އެންމެ މަތީ ވެރިޔާ، ގައުމުގެ ރައީސުލްޖުމްހޫރިއްޔާ މި ވަނީ މި ކަމާމެދު ގޮތެއް ނިންމަވައި އެ ކަން ރައްޔިތުންނަށް ހާމަކުރައްވައިފައި. އިއްޒަތްތެރި ރައީސް، މިއީ ޚުދުމުހުތާރު ވެރިން އަމަލުކުރައްވާ ގޮތް،" މީކާއީލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަކީ ރައީސް މުއިއްޒުގެ "ޕަޕެޓް ހައުސް"އެއް ކަމަށާއި، މިހާރު އަނެއްކާ ވެސް ރައީސް މަސައްކަތްކުރައްވަނީ ލާމަރުކަޒީ ނިޒާމަށް އެ މަނިކުފާނު ގެންނަން ބޭނުންވާ "ޚުދުމުހުތާރު" ޚިޔާލުފުޅުތަކަށް މަޖިލީހުގެ ތާއީދު ހޯދުމަށް ކަމަށެވެ.