ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ދައުލަތުގެ ކުންފުނިތަކުން 10 ބިލިއަނެއްހާ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިރޭ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ ސަލީމް، ޕީއެންސީން ބޭއްވި ޖަލްސާގައި ވަނީ ގައުމުގެ އިގުތިޞާދީ ހާލަތާ ގުޅުވައި ވާހަކަދައްކަވާފައެވެ.
އެގޮތުން، 2018އިން 2023ގެ ނިޔަލަށް ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ހެދި ދިރާސާތަކުން ފާހަގަވެފައި ހުރި ބައެއް ތަފުސީލުތައް ސަލީމް ވަނީ ހާމަކުރައްވާފައެވެ.
ކުންފުނިތަކުގެ މާލީ ހާލަތަކީ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ އެއްޗެއް ކަމަށާއި ކޮންމެ ކުންފުންޏެއް މިދިޔަ ސަރުކާރުގައި އޮތީ ތިން ބިލިއަން ނުވަތަ ހަބިލިއަނުން ދަރާފައި ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.
ކޮމިޓީގެ ދިރާސާތަކަށް ރިއާޔަތްކުރައްވައި ސަލީމް ވިދާޅުވީ، ބޮޑު އަގުގައި މަސައްކަތް ހަވާލުކޮށް، ތަކެތި ގަނެގެން ހަމައެކަނި ފެނަކައަށް ހަތަރު ބިލިއަނެއްހާ ރުފިޔާ 'ވަގަށް ނަގާފައި' އެބަ އޮތް ކަމަށެވެ.
މުޅި ހުރިހާ ކުންފުންޏަކަށް ބަލާއިރު، ގާތްގަނޑަކަށް އެ ފަސް އަހަރުގެ ތެރޭގައި 10 ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ހަމަ ސީދާ ވަގަށް ނަގާފައި. މިދެންނެވީ ބާޒާރުގައި ހުންނަ އަގަށް ވުރެ ބޮޑު އަގުގައި ތަކެތި ގަނެގެންނާއި ބޮޑު އަގުގައި މަސައްކަތްތައް ދީގެން
އެ ތަފުސީލުތައް ތަކުރާރުކޮށް ރައްޔިތުންނަށް ހަނދާންކޮށްދޭން ޖެހޭ ކަމަށް ސަލީމް ގަބޫލުކުރައްވައެވެ. އެނޫންނަމަ، ކަމުގެ ހަގީގަތާއި ސަރުކާރު ހަވާލުވިއިރު އޮތް ހާލަތު ރައްޔިތުންނަށް ނޭނގޭނެ ކަމަށް ސަލީމް ވިދާޅުވެފައިވެއެވެ.
ސަރުކާރާ ހަވާލުވިއިރު އިގުތިޞާދީ ހާލަތު ގޯސްވާނެ ކަމަށް ލަފާކުރެއްވި ނަމަވެސް، ހާލަތު އޮތީ ހީކުރި ވަރަށް ވުރެ ވެސް ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ދައުލަތުގެ އާމްދަނީ މިހާރު ދުވަހުން ދުވަހަށް މައްޗަށް ދާ ކަމަށާއި މައްސަލައަކީ އާމްދަނީއަށް ވުރެ ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި ދައްކަން ޖެހޭ ނިސްބަތް އިތުރުވުމުން ކަމަށެވެ.
މީހެއްގެ ސިކުނޑިން ވިސްނާލަބަލާ އެއް ބިލިއަން ޑޮލަރު އެއް އަހަރުން ދައްކާ ގޮތަށް 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ގައުމެއްގައި ކުރާނެ ތޯ. މީ ހެޔޮ ނުވާވަރުގެ ކަމެއް ނޫންތޯ ކުރަން. އެއް ބިލިއަން ރުފިޔާ ދެއްކީމައި ދައުލަތަށް ލިބޭ އާމްދަނީގެ ދެބައި ކުޅަ އެއްބައި ދިޔައީ
ސަލީމް އިޝާރާތް ކުރެއްވީ، ރާއްޖެއިން އަންނަ އަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ މައްސަލައަށެވެ.
ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ކަމަށް އިދިކޮޅުން ބުނާ ވާހަކަ ދޮގުކުރައްވައި، ސަލީމް ވިދާޅުވީ އެކަން ހިންގޭނީ 'ވާވަރުން' ކަމަށެވެ. އެގޮތުން، ކޮންމެވެސް ހިސާބަކުން މަޝްރޫއުތައް މަޑުޖައްސައި، އިގުތިޞާދީ ގޮތުން 'ހަމައަކަށް' އަޅުވަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން މީގެ ކުރިން ވެސްވަނީ، ވެރިކަމާ ހަވާލުވިއިރު މިނިސްޓްރީތަކުންނާއި ދައުލަތުގެ ކުންފުނިތަކުން ދަރަނިވެރިވެފައި އޮތްކަން ފާހަގަކޮށް، އޭގެ ސަބަބުން މަސައްކަތްތައް ފަށައިގަންނަން ހުރަސްއެޅޭ ކަމަށް ބުނެފައެވެ.
ދައުލަތުގެ ކުންފުނިތަކަކީ ކޮންމެ ސަރުކާރެއްގައި ސިޔާސީ ބޭނުމަށް ވަޒީފާ އުފެއްދުމާއި އެހެނިހެން ކޮރަޕްޝަނުގެ އަމަލުތައް ހިންގާކަމުގެ ތުހުމަތުވާ ކުންފުނިތަކެކެވެ.
މި ސަރުކާރުގެ އިސްލާހީ އެޖެންޑާގެ އެންމެ މުހިންމު އެއް މަސައްކަތަކީ ދައުލަތުގެ ކުންފުނިތައް އިސްލާހު ކުރުން ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެއެވެ.
ރާއްޖޭގެ އިގުތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ސަލީމް ވިދާޅުވިއިރު، ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗުން ވެސް ވަނީ މި އަހަރާއި އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ބޮޑު ދަރަނި ނުދެއްކިދާނެކަމުގެ ބިރުބޮޑުކަން މިދިޔަ ހަފުތާގައި ފާހަގަކޮށްފައެވެ. އަދި، ރާއްޖެއަށް ދީފައި އޮތް 'ސީސީ' ނުވަތަ 'ޖަންކް' ރޭޓިން ވަނީ ދަމަހައްޓައިފައެވެ.
މި އަހަރު އެކަނި ވެސް ބޭރުގެ ދަރަންޏަށް 688 މިލިއަން ޑޮލަރު، ނުވަތަ 10.6 ބިލިއަން ރުފިޔާ ރާއްޖެއިން ދައްކަން ޖެހެއެވެ. އަދި އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރު، ނުވަތަ 17 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ދަރަނި އަނބުރައި ދެއްކުމަށް ކަނޑައެޅި ފައިސާގެ 77 ޕަސެންޓު މިހާރު ވަނީ ހުސްވެފައެވެ.