މެލޭޝިއާގައި ބާއްވާ އޭޝިއަން ކްރިކެޓް ކައުންސިލްގެ 16 އަހަރުން ދަށުގެ އީސްޓް ޒޯން ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޒުވާން ޓީމު ފުރައިފިއެވެ.
އަންނަ ހުކުރު ދުވަހުން އަންނަ ޖުލައި މަހުގެ ހަ ވަނަ ދުވަހަށް މެލޭޝިއާގެ ސެލަންގޯގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ޓީމުގައި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. ޓީމުގެ ކޯޗަކީ ފާއިޒް ސަމަދެވެ. އަދި މެނޭޖަރަކީ އަލީ ތާލިބެވެ.
މި ޓީމުގައި ހިމެނޭ ކުޅުންތެރިންތަކުގެ ތެރެއިން ފަސް ކުޅުންތެރިން ނިސްބަތްވަނީ ޖަމާލުއްދީން ސްކޫލަށެވެ. ދެން މި ސްކޮޑުގައި ފުވައްމުލަކުގެ އެމްޖޭއެސް ސްކޫލުގެ ކުޅުންތެރިއެއްވެސް ހިމެނެއެވެ.
ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ފުރުމުގެ ކުރިން ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.
ވަޒީރު ވަނީ މިއީ ވަރަށް ޚާއްސަ ޓީމެއްކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ކުރިކެޓު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސީބީއެމްއިން ކުރަމުންދާ މަސައްކަތްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނޭހެން އިތުރު ނުވަ ޓީމަކުން ވާދަކުރާނެއެވެ. މުބާރާތުގައި ވާދަކުރާނެ ގައުމުތަކަކީ އަލަށް ކުރިކެޓުގެ ތެރެއަށް ތައާރަފުވަމުން އަންނަ ޖޫނިއާ ލެވެލްގެ ގައުމުތަކެވެ.
ދިވެހި ޓީމުގެ ފުރަތަމަ މެޗު ކުޅޭނީ އަންނަ ހަފުތާގެ އަންގާރައިގައެވެ.