އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވި އެކްޓަރު މުކުލް ދޭވް މަރުވީ ޑިޕްރެޝަން ބަލީގައި ނޫން ކަމަށް މުކުލްގެ ބޭބެ އެކްޓަރު ރާހުލް ދޭވް ބުނެފިއެވެ.
މުކުލްގެ ކުއްލި މަރާއެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން އެކްޓަރަށް ސަޕޯޓުކުރާ ގިނަ ބަޔަކަށް ހައިރާންކަމެއް ލިބުނެވެ. މުކުލްގެ އާއިލާއިން ނެރުނު ބަޔާނުގައި މުކުލް މަރުވީ ކީއްވެގެންކަން ހާމަކޮށްފައި ނެތީސް މީސްމީޑިއާގައި ދައުރުވާންފެށި އެކްޓަރުގެ ވީޑިއޯއަކާއެކު ގިނަ ބަޔަކު ބުނަމުން އައީ މުކުލް އަކީ ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމަށެވެ.
ނަމަވެސް މުކުލްގެ އެކުވެރިންގެ ތެރެއިން ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މަދު ބަޔަކު އޭރުވެސް ބުނަމުން ދިޔައީ ވަރަށް ފަހަކާ ޖެހެންދެން ވެސް ޑިޕްރެޝަންގެ އެއްވެސް އަލާމާތެއް އެކްޓަރުގެ ފަރާތުން ފެންނަން ނެތް ކަމަށާއި މީސްމީޑިއާގައި ދެކެވޭ އެފަދަ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެކްޓަރު ރާހުލް ދޭވް އަދި ކޮއްކޮ މުކުލް ދޭވް--ފޮޓޯ/ފިލްމުފެއަ
ފިލްމު "ދަސްތަކް"އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރުގެ މަރަށް ތިން ހަފުތާ ފަހުން މުކުލްގެ ބޭބެ ރާހުލް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ ކޮއްކޮ މަރުވީ އަމިއްލަ ހަށިގަނޑާމެދު ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.
އެއީ ކޮންކަހަލަ ބައްޔެއްކަން ހާމަކޮށްފައި ނެތްއިރު މުކުލްއަށް ޑިޕްރެޝަން ބަލި ޖެހިފައިވާ ކަމަށް ބުނެ ބަޔަކު މީހުން ވާހަކަ ދައްކަމުންދާތީ އެކަމާ ރާހުލް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
މުކުލްއާ ގުޅޭގޮތުން މިހާރު ވާހަކަ ދައްކާ އިންޑަސްޓްރީގެ ގިނަ މީހުންނަކީ މުކުލް ދުނިޔޭގައި ހުރިއިރު ހާލު ވެސް ބަލާ ނުލާ މީހުން ކަމަށާއި ހޮސްޕިޓަލުގައި އޮތްއިރު ކޮއްކޮއަށް ޒިޔާރަތް ނުކުރިތާ މަރުވިއިރު ޖަނާޒާގައި ވެސް ބައިވެރިނުވާ މީހުން ކަމަށް ރާހުލް ވަނީ ބުނެފައެވެ.
މުކުލްގެ މައިންބަފައިން 2019 އަދި 2023 ވަނަ އަހަރު މަރުވުމާ ގުޅިގެން އެކަމުގެ އަސަރު ވަރަށް ބޮޑަށް އެކްޓަރަށް ކުރިއިރު އާއިލާއާ ދުރުގައި އުޅެން ޖެހުމުގެ ސަބަބުން އެކަނިވެރިކަން އިހުސާސް ކުރެވި އަމިއްލަ ސިއްހަތާ މެދު ވަރަށް ބޮޑަށް ފަރުވާކުޑަ ކުރެވުނު ކަމަށް ރާހުލް ވަނީ ބުނެފައެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ބަރުދަން އިތުރުވެ ސިއްހީ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް މުކުލް ދިރިއުޅެމުން ދިޔައީ ވަރަށް ހަރަކާތްތެރިކޮށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ފިލްމު "ސަން އޮފް ސަރުދާރު"، "ޔަމްލާ ޕަގްލާ ދިވާނާ" އަދި "އާރް ރާޖްކުމާރު" ފަދަ ފިލްމުތަކުން ފެނިފައިވާ މުކުލް އަކީ ވަރަށް ޖަޒުބާތީ މީހެއް ކަމަށާއި އެހާމެ ވިސްނުންތޫނު ހިތްވަރުގަދަ މީހެއް ކަމުން ރާހުލް އާއި އާއިލާގެ ފަރާތުން ބޭނުންވަނީ އާއްމުން ވެސް އެގޮތުގައި މުކުލް ސިފަކުރުމަށާއި ހަނދާން ކުރުމަށް ކަމަށް ރާހުލް ވަނީ ބުނެފައެވެ.
މުކުލް ވަނީ މަރުވުމުގެ ކުރިން ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ވަރަށް ބޮޑު ބައެއް ޝޫޓުކޮށް ނިންމާފައެވެ. މި ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.