ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭ އައު އާރުއޯ ޕްލާންޓެއް ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން މާލޭގައި ބަހައްޓައިފިއެވެ.
އެމްޑަބްލިއުއެސްސީގެ މަރުކަޒަށް އިތުރުކުރި ފެން އުފައްދާ އައު ޕްލާންޓާއެކު، މާލޭގައި ދުވާލަކު 28،000 ޓަނުގެ ފެން އުފެއްދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިދިޔަ ސެޕްޓެންބަރުގައި އެ ކުންފުނިން ވަނީ ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތާއެކު ހުޅުމާލޭގައި ފެން ރައްކާ ކުރެވޭ މިންވަރު 22،000 ޓަނަށް އިތުރުވާނެއެވެ.
ގްރޭޓާ މާލޭ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަޙައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމްކޮށްފައެވެ.
އެ ގޮތުން ސިނަމާލެ ބުރިޖު މެދުވެރިކޮށް، އެ ކުންފުނިން އަޅާފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ގާއިމްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކާކުރާ އިތުރު ދެ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެންނަށް ވެސް ފޯރުކޮށްދިނުން ކަމަށެވެ.