ފޯން ކޯލެއް ލީކުވެ، ތައިލެންޑުގެ ބޮޑުވަޒީރު ސަސްޕެންޑުކޮށްފި

ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނާވަތްރާ. އެކަމަނާ ވަނީ އެ ގައުމުގެ ތުސްތޫރީ ކޯޓުން ސަސްޕެންޑުކޮށްފައި --

ތައިލެންޑާއި ކެމްބޯޑިއާއާއި ދެމެދު ޑިޕްލޮމެޓިކް މައްސަލަތަކެއް ހިނގަމުން ދަނިކޮށް، ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނާވަތްރާ ކެމްބޯޑިއާގެ ކުރީގެ ލީޑަރަކާ ވާހަކަދެއްކި ފޯން ކޯލެއް ލީކުވުމާއެކު، ސަސްޕެންޑުކޮށްފިއެވެ.

ޒަމާންތަކެއް ވަންދެން އޮތް ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު މައްސަލަ މި ފަހުން ހޫނުވީ، މިދިޔަ މެއި މަހު ހިނގި ކުރިމަތިލުންތަކުގެ ސަބަބުންނެވެ. އެ ހަމަލާތަކުގައި ކެމްބޯޑިއާގެ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ.

މި މައްސަލައިގެ ތެރޭގައި ޝިނަވަތްރާ ކެމްބޯޑިއާގެ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ހަން ސެންއަށް ކުރެއްވި ފޯނު ކޯލެއް ލީކުވެފައިވާއިރު، އެ ފޯނު ކޯލުގައި ޝިނަވަތްރާ ސެންއާ މުޚާތަބު ކުރައްވަނީ "އަންކަލް" ގެ ނަމުންނެވެ.

އެ ކޯލްގައި ތައިލެންޑުގެ އަސްކަރީ ކޮމާންޑަރުންނަކީ އިދިކޮޅު މީހުން ކަމަށް ވެސް އެކަމަނާ ވިދާޅުވެއެވެ.

ޝިނާވަތްރާ ސަސްޕެންޑުކޮށްފައި ވަނީ ކެމްބޯޑިއާއާއި ތައިލެންޑާއި ދެމެދު އޮތް ބޯޑަރުގެ މައްސަލައިގައި ތެރޭގައި އެކަމަނާ ސުލޫކީ ހަމަތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ ކޮންޒަވޭޓިވް ސެނެޓަރުންގެ ގްރޫޕަކުން މައްސަލަ ހުށަހެޅުމުންނެވެ.

"ދުސްތޫރީ ކޯޓުން 7-2 ގެ އަޣުލަބިއްޔަތަކުން 1 ޖުލައި އިން ފެށިގެން މައްސަލަ ބަލާ ނިމެންދެން ބޮޑުވަޒީރުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުން ސަސްޕެންޑް ކޮށްފިން،" ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކޮންޒަވޭޓިވް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ތުހުމަތުކުރައްވާ ގޮތުގައި ޝިނަވަތުރާގެ އެ އަމަލަކީ ކެމްބޯޑިއާއަށް ބޯލެނބުމެވެ. އެއީ ތައިލެންޑުގެ އަސްކަރިއްޔާއަށް ކުރަންޖެހޭ އިހުތިރާމް ކުޑަކުރުން ކަމަށް ވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އެހެންވެ އެ ކަމަނާގެ ނަޒާހަތްތެރިކަން ގެއްލި ސުލޫކާ ވެސް ޚިލާފުވެފައިވާ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

comment ކޮމެންޓް