ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަކި ސްކޫލުތަކެއް ނާޅާނެ: އެޑިއުކޭޝަން މިނިސްޓްރީ

މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާ ސުވާލު ކުރުން: މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަކި ސްކޫލުތަކެއް ނާޅާނެ ކަމަށާއި، ސިޔާސަތަކީ ކޮންމެ ސްކޫލެއްގައި ވެސް އެ ކުދިންނަށް ކިޔެވެން ހުރުން ކަމަށް -- ފޮޓޯ/ މަޖިލިސް

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޅުމަށް ނިންމާފައިވާ ހަތަރު ސްކޫލުގެ ބަދަލުގައި، އަމާޒަކީ ހުރިހާ ސްކޫލެއްގައި ވެސް އެކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ބުނެ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އެކަމަކު، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގެ 44 މެންބަރުންގެ ވޯޓާ އެކު އެ މައްސަލަ ބޭރުކޮށްލީއެވެ. އޭގެފަހުން, ދެވަނަ ފަހަރަށް 47 ބެލެނިވެރިންގެ ސޮޔާއެކު، އެ މައްސަލަ ޕެޓިޝަނެއްގެ ގޮތުގައި ކުޑޫވަނީ ހުށަހަޅުއްވައިފައެވެ.

https://sun.mv/204805

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސްކޫލްތަކެއް ގާއިމް ކުރެވި، އެ ތަންތަނުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުން ފަރާތްތަކަށް ކިޔަވައިދިނުމާއި ބޭނުންވާ އެހެނިންހެން ތެރަޕީތައް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށް ޕެޓިޝަނުގައިވެއެވެ.

މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް މިއަދުވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށްފައެވެ.

https://sun.mv/204803

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަކިން ސްކޫލްތަކެއް އެޅުމަށް ނިންމާފައި ނުވާ ކަމަށެވެ.

"އިންކްލޫސިވް ސިޔާސަތަކީ މިހާރު ރާއްޖޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަކި ސްކޫލްތަކެއް ގާއިމް ކުރުމެއް ނޫން. ރާއްޖޭގައި މިހާރު ހުރި ހުރިހާ ސްކޫލުތަކެއްގައި ވެސް ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ކަންކަން މަގުފަހިކޮށްދިނުން އެއީ ސިޔާސަތު" އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު

އެ ގޮތުން ރާއްޖޭގެ 15 ސްކޫލެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން، ކައިރި ސްކޫލުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެކަން އަހުމަދު ފާހަގަ ކުރެއްވިއެވެ.

ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ އެއް ކަމަކީ، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ދޭންޖެހޭ ތެރަޕީ ނުލިބުމުގެ ކަންބޮޑުވުމެވެ. އަހުމަދު ވިދާޅުވި ގޮތުގައި، ތެރަޕީ ދިނުން އެޑިއުކޭޝަން މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނެއެވެ. އެކަން ކުރެވެން އޮންނަނީ ސިއްހީ ދާއިރާގެ ތެރެއިންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޫލްތެރޭގައި ތެރަޕީ ދިނުމަކީ އުސޫލީ ގޮތުން މަނާ ކަމެކެވެ. އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ ވެސް ޚިލާފު ކަމެކެވެ. އެ ގޮތުން ތެރަޕީއާ ގުޅުންހުރި އެއްވެސް ކަމެއް ސްކޫލްތަކުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތެރަޕީގެ ޚިދުމަތްދޭނެ ވަސީލަތްތައް ވެސް ގާއިމްކޮށްފައި ނެތްކަން އަހުމަދު ފާހަގަ ކުރެއްވިއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަކޮށްގެން ކިޔަވައިދޭ ސަރުކާރުގެ ސްކޫލެއް ރާއްޖޭގައި ނެތެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ސްކޫލުތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އަންނަނީ ކިޔަވައިދެމުންނެވެ. އަދި އެ ތަންތަނަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދެއެވެ.

މިދިޔަ މެއި މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،308 ފަރާތެއް ރެޖިސްޓްރީކޮށްފައިވެއެވެ.

comment ކޮމެންޓް