ބޮލީވުޑް އެކްޓަރު ޓައިގާ ޝްރޮފްގެ ކެރިއަރުގެ އެންމެ މަގުބޫލު ފްރެންޗައިސް ފިލްމު "ބާޣީ 4" އެއީ މިހާތަނަށް އެންމެ ބުރަކޮށް މަސައްކަތްކުރި ފިލްމު ކަމަށް އެކްޓަރު ބުނެފިއެވެ.
ދާދިފަހުން ފިލްމުގެ މަސައްކަތް ނިމިފައިވާކަން އިއުލާނުކުރަމުން ޓައިގާ ކުރި އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައި ވަނީ މި ފްރެންޗައިސްގެ ހަތަރު ވަނަ ފިލްމެއް ވުޖޫދަށް ގެނެވުނީ ބެލުންތެރިންގެ ފަރާތުން ލިބެމުން އައި ތަރުހީބުގެ ސަބަބުން ކަމަށެވެ.
މިހާތަނަށް ޓައިގާ ކުޅުނު އެއްވެސް ފިލްމެއްގައި މިހާ ބުރަކޮށް މަސައްކަތް ކުރެވުނު ކަމުގެ އިހުސާސް ނުކުރެވޭ ކަމަށާއި ފިލްމު "ބާޣީ 4" އެއީ ބެލުންތެރިންނަށް ޚާއްސަ ފިލްމެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ޓައިގާ އަދި ފިލްމު "ބާޣީ 4"ގެ މުހިއްމު ރޯލްއިން ފެންނާނެ ބަތަލާ ސޯނަމް ބާވްޖާ--ފޮޓޯ/އެންޑީޓީވީ
މަޝްހޫރު ކޮމެޑީ ފްރެންޗައިސް "ހައުސްފުލް"ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ގެނެސްދޭ "ބާޣީ 4"ގެ ޑައިރެކްޓަރަކީ އޭ. ހަރުޝާއެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކަށް ގެންނަ މި ފިލްމުން ޓައިގާގެ އިތުރުން އެކްޓަރު ސަންޖޭ ދަތު، ސޯނަމް ބާޖްވާ އަދި ހަރްނާޒު ސާންޑޫ މުހިއްމު ރޯލްއިން ފެންނާނެއެވެ.
ފިލްމު "ބާޣީ"ގެ ފުރަތަމަ ފިލްމުން ބަތަލާގެ ރޯލްއިން ފެނުނީ ޝްރައްދާ ކަޕޫރެވެ. މި ފްރެންޗައިސްގެ ދެވަނަ ފިލްމުން ބަތަލާ ދިޝާ ޕަޓާނީ ފެނުނުއިރު ތިން ވަނަ ފިލްމުން އަނެއްކާ ވެސް ބަތަލާގެ ރޯލްއިން ފެނުނީ ޝްރައްދާ ކަޕޫރެވެ.
މި ފިލްމުގެ ހަތަރުވަނަ ފިލްމުން ޝްރައްދާ ފެންނާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި ނަމަވެސް ހަތަރުވަނަ ބައި ގެނެސްދެނީ މުޅިން އާ ކާސްޓަކާ އެކުއެވެ. ނަމަވެސް ޓައިގާގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް މި ފިލްމުން ފެންނާނެއިރު ހަތަރު ވަނަ ބައިގައި ގެނެސްދެނީ މުޅިން ތަފާތު ވާހަކައެއް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ޓައިގާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްވި ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން"ގެ ރޯލަކުންނެވެ.