ގުޅިފަޅު ގޯތި ހަވާލުކުރުން އަވަސްކުރަން، މިނިސްޓްރީން ނިންމީ އެއްބަސްވުމަށް ބަދަލު ނުގެންނަން

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް: ގުޅިފަޅު ގޯތި ހަވާލުކުރުން އަވަސްކުރަން، މިނިސްޓްރީން ވަނީ އެއްބަސްވުމަށް ބަދަލު ނުގެންނަން ނިންމައިފައި -- ފޮޓޯ/ ހައުސިން މިނިސްޓްރީ

މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކަށް އޭރު ހެދި އެއްބަސްވުން ގާނޫނާ ފުށޫއަރާ ކަމަށް ބުނެ މި ސަރުކާރުން ބަދަލު ގެނައި ނަމަވެސް، އެ ބަދަލު ނުގެންނަން ހައުސިން މިިނިސްޓްރީން ނިންމައިފިއެވެ.

ބިންވެރިޔާ ސްކީމަށް މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ، ގުޅިފަޅުން ގޯތި ލިބޭ މީހެއްގެ ނަމުގައި 'މާލެ ސަރަހައްދުން' 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ އެ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އެކުލަވައިލި އައު އުސޫލެއްގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގޯއްޗެއް އޮތް ނަމަ' ކަމަށް ބަދަލުކޮށްފައެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިދިޔަ ހޯމަ ދުވަހު ވިދާޅުވީ އެ ބަދަލު ގެންނަން ޖެހުނީ، ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ގޯތި ދޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިއިރު އެ މާއްދާއާ އެއްބަސްވުމާ ފުށޫ އަރާތީ ކަމަށެވެ.

އެ ބަދަލު ގެނައިކަން ހާމަކުރި ފަހުން، ގުޅިފަޅުން ގޯތި ލިބޭ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނުން ވަނީ، މި ސަރުކާރުން އެއްބަސްވުމަށް ގެނައި ބަދަލު ބަލައިނުގަންނާނެ ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

އޭގެ ފަހުން ރޭ ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ނުދެކޭ ކަމަށެވެ.

އެހެންވެ، ގޯތި ލިބުނު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހައްލުކުރުމަށް ޓަކައި ބަންޑަރާނައިބުގެ އޮފީހާ މަޝްވަރާކޮށް އެކަމުގައި ޖުމްލަ ހައްލެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް އިއުލާނުގައިވެއެވެ.

އެ އިއުލާނާ ގުޅޭ އިތުރު ތަފުސީލު ދެއްވައި މުއްތަލިބު އެކްސްގައި ވިދާޅުވީ، މިނިސްޓްރީން ނިންމައިފައިވަނީ މިހާރު ސޮއިކޮށްފައިވާ އެއްބަސްވުން އެގޮތަށް ބާއްވާފައި ގޯތި ނަންބަރު ބަދަލުވިކަމުގެ ލިޔުމެއްގައި ދެފަރާތުން ސޮއިކުރުމަށް ކަމަށެވެ.

"މިއީ އިތުރު ލަސްވުމެއް ނެތި އާ ރެޖިސްޓްރީތައް ހަދައި ގޯތިތައް ޙަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ނިންމި ނިންމުމެކެވެ." އޭނާ ވިދާޅުވިއެވެ.

https://sun.mv/208043

އެ އެއްބަސްވުމުގެ މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވެސް ވިދާޅުވީ ގޯތިތައް ހަވާލު ކުރުމުގެ ކުރިން، އޭރު ހެދި އެއްބަސްވުމާ ފުށުއަރާ ގޮތަށް އައު އުސޫލެއް އާންމުކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭނަށް މި ސަރުކާރުން ގެނައި ބަދަލާއެކު ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައި ވާތީ، އާ ގޯތީގެ ރަޖިސްޓްރީ އާއި ގޯތި ދޫކުރުމުގެ އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު މިދިޔަ އަންގާރައިގައި ހުޅުވާލިއެވެ.

އެ ލިޔުންތައް ދޫކުރަން މި ހަފުތާގައި ފެށިއިރު، ގުޅިފަޅު އެސޯސިއޭޝަނުން އޮތީ، ސަރުކާރުން ބަދަލު ގެނެސްފައިވާ އެއްބަސްވުމުގައި އެއްވެސް މީހަކު ސޮއި ނުކުރުމަށް ގޮވާލައިފައެވެ.

comment ކޮމެންޓް