2 ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަންކުރުމުން ހައިކޯޓަށް 2 ފަނޑިޔާރުން ހޯދަނީ

ހައި ކޯޓު: ހައިކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަންކުރުމުން އެ ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.

އެ ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމު ހުސްވެފައިވަނީ، ސުޕްރީމް ކޯޓުގެ ބެންޗަށް ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދާއި، އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ކުރި އިއުލާނެއްގައި ވަނީ މަހަކު 67،000 ރުފިޔާގެ މުސާރައާއި އިނާޔަތާއެކު ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލާފައެވެ. އެ ދެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ 12:00ގެ ކުރިންނެވެ.

އެ މަގާމަށް ޝަރުތުހަމަވުމުގައި އެ މީހަކީ އުމުރުން 25 އަހަރު ފުރިފައިވާ، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެއެވެ.

ހައިކޯޓު ފަނޑިޔާރުކަމުގެ މަގާމަށް ޝަރުތުހަމަވުމުގައި ބަލާނެ އަޚުލާގާއި ސުލޫކީ މިންގަނޑުތަކަކީ:

  • ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚުލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން.
  • އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.
  • ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން.

އިއުލާނުގައިވާ ގޮތުގައި މަގާމަށް ކުރިމަތިލާން އެދި އެޕްލިކޭޝަން ހުށަހަޅަން ވާނީ ޖޭއެސްސީގެ 'ފަހިރެސް ޕޯޓަލް' މެދުވެރިކޮށެވެ. ނުވަތަ ރަސްމީ ގަޑީގައި އެ ކޮމިޝަންގެ ކައުންޓަރަށެވެ.

ހައިކޯޓުގައި މުޅިއެކު ތިއްބަވާނީ 11 ފަނޑިޔާރުންނެވެ. މި ވަގުތު ތިއްބެވި ނުވަ ފަނޑިޔާރުންނަކީ:

  • އިސް ފަނޑިޔާރު މުހައްމަދު ފައިސަލް
  • ފަނޑިޔާރު މުހައްމަދު ނިޔާޒު
  • ފަނޑިޔާރު ހުސައިން މަޒީދު
  • ފަނޑިޔާރު ހަސަން ޝަފީއު
  • ފަނޑިޔާރު ފާތިމަތު ފަރްހީޒާ
  • ފަނޑިޔާރު ހުޒައިފާ މުހައްމަދު
  • ފަނޑިޔާރު ދީބާނާޒް ފަހުމީ
  • ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ
  • ފަނޑިޔާރު އަބްދުލްމާނިއު ހުސައިން

ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓަށް ޝަހީދު އައްޔަނުކުރެއްވީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އަދި، ފަހުން ސަލީމާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ސުޕްރީމް ކޯޓަށް އައްޔަނުކުރެއްވީ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުންނެވެ.

މަޖިލީހުން އެ ދެ ބޭފުޅުން ވަކިކުރީ، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އިދިކޮޅުން ސުޕްރިމް ކޯޓަށް ވެއްދުމާ އެކު، ސުޕްރިމް ކޯޓުން އެ މައްސަލަ ބަލަނިކޮށެވެ. އެ ގޮތުން، މިދިޔަ ފެބްރުވަރީ މަހު ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒާއެކު ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރިއެވެ. އެއަށް ފަހު ސުއޫދު މަގާމުން އިސްތިއުފާ ދެއްވީއެވެ.

ސުއޫދާއި އަޒްމިރަލްދާ ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެއީ ސަރުކާރުން ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށް، ފަނޑިޔާރުންނަށް ބިރު ދައްކައި، ކޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެ މައްސަލައިގައި އެތެރެއާއި ބޭރުގެ އެކިއެކި އިދާރާތަކުންނާއި ގާނޫނީ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމިއެވެ. ފަނޑިޔާރުން ޖަވާބުދާރީވާން އެކަށިގެންވާ ފުރުސަތެއް ނުދޭކަމުގެ ކަންބޮޑުވުން އޮއްވައި، ކޮމިޓީން ނިންމީ އެ ފުރުސަތު ނުދިނުމަށެވެ. އަދި މަޖިލީހުން ވެސް ކޮމިޓީގެ ނިންމުމާ އެއްގޮތަށް، ދެ ބޭފުޅުން ފަނޑިޔާރުން ވަކިކުރީ މިދިޔަ މަހުގެ 14ގައެވެ.

comment ކޮމެންޓް