މިދިޔަ މަހު ތެރަޕީއަށް 4މިލިއަން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 51މިލިއަން އެހީއަށް ދިން

ޚާއްސަ އެހީއަށް ބޭނުންވާ ދެ މީހަކު ފުރޮޅުލީ ގޮނޑީގައި: މިދިޔަ ޖޫން މަހު އެންސްޕާއިން ތެރަޕީއަށް 4މިލިއަން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 51މިލިއަން އެހީއަށް ދިން -- ފޮޓޯ/ ބީއެމްއެލް

ބޭސް ފަރުވާ އަދި އެ ނޫން ވެސް މުހިންމު ކަންކަމުގައި ދައުލަތުން މާލީ އެހީ ފޯރުކޮށްދޭ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިދިޔަ މަހު ތެރަޕިއުޓިކް ފަރުވާތަކަށް ހަތަރު މިލިއަން, އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 51 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ހޭދަކޮށްފައިވާކަމަށް އެ އެޖެންސީން ބުނެފިއެވެ.

އެންސްޕާއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުގައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމްގެ ދަށުން 108 މީހަކަށް 4،055،281 ރުފިޔާ ހަމަޖައްސައިދިން ކަމަށެވެ.

އަދި ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 55 މީހަކަށް 385،302 ރުފިޔާ ހަަމަޖައްސައިދީފައިވާ ކަމަށް ވެސް އެ އެެޖެންސީން ބުންޏެވެ.

އިތުރު ތަފާސްހިސާބުތަކަށް ބަލާއިރު، އެންސްޕާއިން ބަލަހައްޓާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ މަހު އަލަށް ދަފްތަރުވި 125 މީހުންނާއެކު މިދިޔަ މަހުގެ ނިޔަލަށް އަށް ގިންތިއަކުން ޖުމްލަ 14،412 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އެއީ:

  • ޖިސްމާނީ ނުުކުޅެދުންތެރިކަން: 4،117 މީހުން
  • މަލްޓިޕަލް ޑިސްއެބިލިޓީ: 3،224 މީހުން
  • ވިސްނުން/ ސިކުނޑީގެ ނުކުޅެދުންތެރިކަން: 1،889 މީހުން
  • ނަފްސާނީ ނުކުޅެދުންތެރިކަން: 1،793 މީހުން
  • އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން: 1،745 މީހުން
  • ފެނުމުގެ ނުކުޅެދުންތެރިކަން: 1003 މީހުން
  • އޯޓިޒަމް: 586 މީހުން
  • އުނގެނުމުގެ ނުކުޅެދުންތެރިކަން: 55 މީހުން

ޖުމްލަ 14،236 މީހަަކަށް މިދިޔަ މަހު، މާލީ އެހީގެ ގޮތުގައި 51،251،000 ރުފިޔާ ޚަރަދުކުރިއެވެ.

އެންސްޕާގެ ބަޖެޓުގެ ގޮތުގައި މި އަހަރަށް ކަނޑައަޅައިފައިވަނީ 3.9 ބިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 26ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެހާތަނަށް އެ އެޖެންސީން ވަނީ 1.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެެވެ.

comment ކޮމެންޓް