ލިސާން: ވާހަކަ --

"ނާވީގެ ބައްޕަ… ނާވީގެ ބައްޕަ އުޅުނީ އަހަރެން މަރާލަންތަ؟"

ރަނީމްއަށް ސުވާލުކޮށްލެވުނުއިރު ވެސް އޭނާގެ އަޑު ތުރުތުރު އަޅައެވެ. އިސްޖަހާލައިގެން ނާވީ އިންގޮތުން އިންނަން ފެށުމުން އޭނާއަށް އެ ސުވާލުގެ ޖަވާބުވެސް ލިބިއްޖެއެވެ. ހަމަ އެހިނދު އޭނާއަށް ނާވީއާ ފަހަތަށް ޖެހިލެވުނެވެ. ދެއަތް މުއްކަވާލެވުނެވެ. ހީވީ އެތަކެއް ހާސް އިޙްސާސްއެއް އެއްފަަހަރާ އަމިއްލަ ބާރުގެ ދަށަށް ގެންނަން ބޭނުންވެފައިވާ ހެންނެވެ.

"އަހަރެން ވަޢުދުވީން ރަނީމް ރައްކާތެރިކުރާނެކަމުގައި. އަހަރެން ދެކެވެސް ބިރުގަންނަނީތަ؟" ނާވީ އިނީ ދެރަވެފައެވެ. އޭނާ އިސް އުފުލައިލާ ރަނީމްއަށް ބަަލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަ ވަގުތު ނާވީއަށް ރަނީމްގެ ދެލޮލުން ކަރުނައިގެ އަސަރު ފެނުނެވެ. ހަމައެއާއެކު ބިރާ ސިހުމުން އެ ދެލޯ ބޮޑުވެފައިވާތަންވެސް ފެނުނެވެ.

"އަހަރެން ދެކެ ބިރުނުގަނޭ. ރަނީމް!" ނާވީއަށް ބުނެވުނެވެ.

"އަހަރެން ނާވީ ދެކެ ބިރެއް ނުގަނޭ… އެކަމަކު… ނާވީގެ ބައްޕަ… އަދިވެސް އަންނާނެތަ؟" ޖުމްލަތައް ދުލުކުރީގައި އަތުރައިލުމަކީ ރަނީމްއަށް ފަސޭހަކަމަކަށް ނުވިއެވެ. އޭނާގެ އަޑު ނުކުތީ މަޑުމަޑުންނެވެ. ރަނީމް ދުރުބަލައިލިއެވެ. އޭނައަށް ނާވީއާ ކުރިމަތިލާން އުނދަގޫވީ ކަންނޭނގެއެވެ. ނާވީއާ އެކީގައި އުޅުމަކީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެކަމެއް ކަމުގައި ރަނީމްގެ ސިކުނޑި ފުރަތަމަ ފަހަރަށް އޭނާއަށް ވިސްނައިދޭން މަސައްކަތްކުރަމުން ދިޔައެވެެ. ކަންފަތުގެ ތޫރިއަށް އިންޒާރުގެ ރަނގަބީލުތަކުގެ އަޑުވެސް އިވެން ފަށައިފިއެވެ. ނާވީއަކީ އާދައިގެ އިންސާނެއް ނޫނެވެ. އެއީ މުޅީން އެހެން ނަސްލެއްގެ މީހެކެވެ. އޭނާއާ ގުޅުނު ފަހުން ނާވީ އަބަދުވެސް ބުނާ އެއް ވާހަކައެއް ވެއެވެ. ނާވީ އަބަދުވެސް އޭނަ ހުރިހާ ނުރައްކަލަކުން ސަލާމަތްކުރާނެ ވާހަކައެވެ. ނާވީ އަބަދު އެހެން ބުނާ ސަބަބު މިއަދު ރަނީމްއަށް ސާފުވެއްޖެއެވެ.

"އަހަރެންގެ ބައްޕައަށް ވެސް ރަނީމްއަށް ގެއްލުމެއް ދޭކަށް ނުކެރޭނެ. ރަނީމްއާ ހިސާބަށް އެމީހުންނަށް ދެވޭނީ އަހަންނާ ކުރިމަތިލާފަ." ނާވީގެ އަޑުގައިވަނީ ޔަޤީންކަމެވެ. އެ އަޑުގައިވި ވޭނުގެ އަސަރު ރަނީމްއަކަށް ސިއްރެެއް ނުވުއެވެ. އަމިއްލަ ބައްޕަގެ ސަބަބުން ނާވީއަށް ލިބިފައިވާ ހިތާމަޔާއި، ނުތަނަވަސްކަންވެސް ވަކި ކުޑައެއް ނޫންކަން އެހިނދު އޭނާއަށް ފަހުމްވެގެން ހިނގައްޖެއެވެ. މަޑުމަޑުން އަތް ހިއްލާލާފައި ނާވީގެ އަތުގައި ރަނީމްއަށް އަތް ޖައްސައިލެވުނީ ބޭއިޚްތިޔާރުގައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާގެ ކުރިމަތީގައި އޭނާއާ ހަތަރު ކަޅި ހަމަކޮށްލަން ނުކެރިފައި އެއިނީ އޭނާގެ ހިތުގެ ލޯތްބެވެ. އޭނާގެ ހިތުން ހަމައެކަނި ޖާގަ ދެވުނު ހަމައެކަނި ޒުވާނާއެވެ.

ނާވީ ރަނީމްއަށް ބަލައިލިއެވެ. އޭނާގެ ފެހިނޫ ކުލައިގެ ދެލޮލުން ފެންނަނީ ހިތާމައެވެ. އެ މޫނުމަތީގައި ވެސް ދިރުމެއްނެތެވެ. މޫނުވަނީ އެކީ މިލާފައެވެ.

"ނާވީ. އެކަމުގައި ނާވީގެ ކުށެއް ނެތޭ." އޭނާ ދެކެ ނާވީ ލޯބިވާ މިންވަރު ރަނީމްއަށް އިޙްސާސްވެއެވެ. އޭނާ ބޭނުންވީ ނާވީގެ އެ ނުތަނަވަސްކަން ދުރުކޮށްދޭށެވެ. އޭނާ ނާވީ ދެކެ ބިރު ނުގަންނަކަމާއި އެހެން މީހަކު ކުރިކަމަކުން އަމިއްލަ ނަފްސު ކުށްވެރިނުކުރުމަށް ރަނީމް ނާވީއަށް ވިސްނައިދޭން ބޭނުންވިއެވެ.

"އެކަމަކުވެސް އެކަމުގެ ސަބަބަކީ އަހަރެން. އަހަރެން ރަނީމް ދެކެ ލޯބިވީތީ. އަހަރެން ބިރުގަނޭ… ރަނީމްއަށް ގޮތެއް ވެދާނެތީ ބިރުގަނޭ. ދެންވެސް އަހަރެންގެ ބައްޕަ… އަހަރެންގެ ބައްޕަ އަންނާނެ. އަދި ރަނީމްއަށް ގެއްލުން ދޭން މަސައްކަތްކޮށްފާނެ. ނާންނާނެކަމުގެ އެއްވެސް ޔަޤީންކަމެއް އަހަންނަކަށް ނުދެވޭނެ. އެކަމަކު… އެކަމަކު ޤަބޫލުކުރޭ ރަނީމް. އެ އިން ކޮންމެ ކަމެއް ރަނީމްއާ ހިސާބަށް އަންނާނީ އަހަރެން ގިރާކުރުމަށްފަހު. އަހަރެން ކޮންމެ ޙާލަކާލައިގެންވެސް ރަނީމް ސަލާމަތްކުރާނަން. ހެޔޮ ބައްޕައާ ކުރިމަތިލައިގެން ނަމަވެސް... އަހަރެންގެ ފުރާނަ ދިޔަޔަސް ފަރުވާލެއް ނެތް." ނާވީ ބުނެލިއެވެ. އޭނާ ރަނީމްގެ ލޮލަށް ސީދާ ބަލައިލިއެވެ. ރަނީމްއަށް އޭނާގެ ކަރުނަތައް ނުހިފެއްޓި އަނެއްކާވެސް ރޮވުނީއެވެ. ނާވީ އޭނާ ދެކެ ވާ ލޯބި ފެނުމުންނެވެ. އޭނާއަށް ހިމާޔަތާ ރައްކާތެރިކަން ދޭން ނާވީ އެހުރީ ކޮންމެ ފަދަ ދަރަޖައަކަށް ވެސް ދާންކަން އެނގުމުންނެވެ.

"ނާވީއަށް ގެއްލުމެއްވާކަށްވެސް އަހަރެން ބޭނުމެއް ނޫން. ނާވީ ދޭ… " ރަނީމްއަށް ބުނެވުނެވެ. ނާވީއަށް ގޮތެއް ވެދާނެތީ އޭނާ ބިރުގަތީއެވެ. އޭނާއަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނެވެ.

"ނުރޮއިބަ. އަހަންނަކީ އަހުދެއް ވުމަށްފަހު އެ އަހުދެއް އުވާލާނެ މީހެއް ނޫން. އަހަރެން ރަނީމް ރައްކާތެރިކުރާނަން." ނާވީ ބުނެލިއެވެ. "ރަނީމް ބޭނުންތަ އަހަރެން ރަނީމްއާ ދުރަށް ދާން؟"

ނާވީ އެންމެފަހުން އަހައިލިއެވެ. އޭނާގެ ހިތަށް އުނދަގުލެއް ވިއެވެ. ރަނީމް އޭނާގެ ގާތުގައި ދާން އެދެފިނަމަ އޭނާ ޖެހޭނީ އުމުރަށް ރަނީމްއާ ވަކި ވާށެވެ. ރަނީމް ދޫކޮށްލާފައި ދާށެވެ. އޭނާގެ ލޯތްބަށް އަލްވަދާޢު ކިޔާށެވެ. ސަބަބަކީ ރަނީމްގެ ނުރުހުމުގައި ރަނީމްގެ ގާތުގައި ހުރުމަކީ ނާވީ ދުވަހަކު ކުރާނެ ކަމަށް ނުވާނެތީއެވެ. އެ ލޯތްބަށް އޭނާ ޤަދަރުކުރެއެވެ.

"ބުނެބަލަ. ރަނީމް ބޭނުންވަނީ އަހަންނާ ވަކިވާންތަ؟" ނާވީ އަނެއްކާވެސް އަހައިލިއެވެ.

އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، ރަނީމް ލަސްލަހުން ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނާ ނާވީއާ ވަކީން އުޅޭނީ ކިހިނަކުން ހެއްޔެވެ؟ އެ ލޯތްބާ ދުރަށް ދިޔުމަކީ އޭނާގެ ނާޒުކު ހިތަށް ކެތްވާނެ ކަމެއް ނޫނެވެ. އޭނާގެ ހިތަކީ ނާވީގެ އެއްޗެކެވެ. އެއީ ނާވީގެ މިލްކެކެވެ. އަމިއްލަ ހިތަށް ބާރު ފޯރުވުމަކީވެސް މިއަދު ރަނީމްއަށް ކުރެވޭ ކަމެއް ނޫނެވެ. އެހިތް އެދި ގޮވަނީ ނާވީއަށެވެ. ހިތުގައި ޖަހާ ކޮންމެ ވިންދެއްގައިމެ ވަނީ ނާވީ އެވެ. ވީއިރު އޭނާ ނާވީއާ ނުލާ އުޅޭނީ ކިހިނަކުން ހެއްޔެވެ؟ އެކަމަކު ނާވީއާ އެކީ އުޅުމަކީ އެކަމުގެ ނުރައްކާތައް ނާވީއަށާއި ޚުދު އޭނާއަށް ވެސް ކުރިމަތިވެދާނެކަމެކެވެ. ނާވީއަށް ކަމެއްވެއްޖެނަމަ އަމިއްލަ ނަފްސު އެ ކުށްވެރިކަމުގެ ކަސްތޮޅުން ދުވަހަކުވެސް މިންޖެއް ނުކުރެވޭނެއެވެ.

"ނާވީ އަކީ އެއީ އުޅެން އަހަރެންވެސް ބޭނުން. އެކަމަކު… އޭގެ ސަބަބުން ނާވީއަށް ގެއްލުމެއް ވިއްޔާ އަހަރެން ކިހިނެއް ހަދާނީ. އަހަރެންގެ ސަބަބުން......" ރަނީމް ބުނެލިއެވެ. ޖުމްލަ ފުރިހަމަ ނުކުރެވުނު ނަމަވެސް ނާވީއަށް އެބުނަނީ ކީކޭކަން އެނގުނެވެ.

ނާވީ ރަނީމްއަށް ވިސްނައިދިނެވެ. ރަނީމް އަމިއްލަ ނަފްސު ކުށްވެރިނުކުރުމަށް ނަސޭހަތްތެރިވިއެވެ. އޭނާ ރަނީމްއާ ގުޅުނީ އެހުރިހާކަމެއް އެނގި ހުރެކަމުގައި ނާވީ ބުންޏެވެ. އޭނާ ރަނީމްގެ އަތަށް ބާރުކޮށްލިއެވެ. އިރުކޮޅަކު ނާވީ އެގޮތުގައި އިނެވެ.

"މަންމަ…" ކުއްލިއަކަށް ރަނީމްއަށް ސަމްރާ މަތިން ހަނދާންވިއެވެ. އޭނާއަށް ތެޅިގަނެވުނެވެ. ނާވީވެސް އޭނާ ހިފައްޓާފައިވާ ރަނީމްގެ އަތުން ދޫކޮށްލިއެވެ. ގޭތެރެއާ ދިމާލަށް ހިނގައިގަތުމުގެ ކުރިން ރަނީމް ނާވީއަށް ބަލައިލިއެވެ. އަދި ދިޔުމުގެ ހުއްދައަކަށް އެދުނެވެ. ނާވީ، ލުއިކޮށް ހީނލަން މަސައްކަތްކުރަމުން ބޯ ޖަހައިލިއެވެ. ރަނީމް މޫނު ރަނގަޅަށް ފުހެލާފައި ހަމަޖެހިލީ މަންމަގެ ސުވާލުތައް އޭނާއަށް އަމާޒުވާނެކަން އެނގޭތީއެވެ. އެއިން އެއްވެސް ކަމެއް މަންމައަށް އެނގޭކަށް ރަނީމް ބޭނުމެއް ނޫނެވެ.

"އަހަރެން އިރުކޮޅަކުން ދާނަން." ނާވީ ބުނެލިއެވެ. ރަނީމް ބޯ ޖަހައިލުމަށްފަހު ގޮސް ގޭތެރެއަށް ވަދެލިއެވެ. ދޮރު ލެއްޕުމުގެ ކުރިން އޭނާ އަދިވެސް އެއްފަހަރު ނާވީއަށް ބަލައިލިއެވެ. ރަނީމް ދޮރު ލެއްޕުމަށްފަހު، އެތެރެއަށް ވަނެވެ.

އިވުނު އަޑާއެކު ވީގޮތެއް ބަލަން ބޭރަށް ނުކުތް ރަނީމް ނައިސްގެން ސަމްރާ އޮތީ ހާސްވެފައެވެ. ހަށިގަނޑަށް ކިތަންމެ ވަރަކަށް ހަރަކާތް ގެންނަން ބޭރުލިޔެއްކަމަކު އޭނާއަށް މާ ބޮޑު ހަރަކާތެއް ނުކުރެވެއެވެ. ޕެރެލައިޒްވެފައިވާ ހަށިގަނޑު ގުޑުވައެއް ނުލެވުނެވެ. ރަނީމްއަށް ކަމެއްވީކަމުގެ ހީއާއެކު ސަމްރާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ.

"ރަނީމް... އަ.ހަ.ރެ.ންގެ....ދަ.ރި.ފު.ޅު...." އުނދަގުލުން ސަމްރާގެ ދެ ތުންފަތް ފޫ އަޅުވާލާފައި އެ ލަފުޒުތައް ނުކުތެވެ. ދެވަނަ ސިކުންތުގައި އޭނާ ގެ ނަޒަރު ހުޅުވިގެން ދިޔަ ދޮރަށް ހުއްޓުނެވެ. އެތެރެއަށް ވަތް ރަނީމް ފެނުމާއެކު ސަމްރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނު ނަމަވެސް އޭރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ރަނީމް ބާރު ބާރަށް ގޮސް ސަމްރާގެ ކައިރިީގައި ހުއްޓުނެވެ. އަދި ސަމްރާގެ ދެލޮލުން އައި ކަރުނަތައް ފުހެދިނެވެ. އޭނާ ސަމްރާ ހިތްހަމަ ޖެއްސުމަށް ވާހަކަ ދެއްކިއެވެ.

"މަންމާ... ކިހިނެއްވީ؟ ކީއްވެ ތި ރޮނީ؟ އަހަރެން މިހުރީއޭ..." ރަނީމް ބުނެލިއެވެ. ސަމްރާ ރަނީމްގެ އަތުގައި ހިފައްޓަން އުޅުމުން ރަނީމް ސަމްރާގެ އަތުތެރެއަށް އޭނާގެ އަތް ލިޔެވެ.

"އަހަރެން ރަނގަޅޭ މަންމާ..." ރަނީމް އަނެއްކާވެސް ބުނެލިއެވެ. ސަމްރާ ރަނީމްގެ އަތުގައި އަޅާފައިވާ އުޅާގައި އަތް ޖައްސައިލިއެވެ.

"މަންމަ ބައްޕަ މަތީން މާ ބޮޑަށް ހަނދާންވަނީތަ؟" ރަނީމް ސުވާލުކޮށްލުމުން ސަމްރާ ބޯ ޖަހައިލިއެވެ. އެއާއެކު ރަނީމް ސަމްރާގެ ގައިގައި ބައްދައިލިއެވެ. ސަމްރާ ވީ ގޮތް އެނގެން ބޭނުންވެގެން ސުވާލުކޮށްލުމާއެކު، ރަނީމް ވިސްނައިލިއެވެ.

"ރަށުގެ ލާނެތް ކުދިވެރިން ސަމާސާއެއް ކޮށްލީ." ރަނީމް ބުނެލިއެވެ. އަދި އެކަން ސަމްރާއަށް ޔަޤީންކޮށްދޭން ތަފްސީލު ދޭން ފެށިއެވެ.

*****

ދޮރަށް ބަލަން ހުރި ނާވީ ވަށައިގެންވީ މާހައުލަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ކުއްލިއަކަށް ގެއްލުނެވެ. އެވަގުތު އޭނާ ހުރި ދިމާލުން ފެހިނޫ އައްޔެއްގެ ހިލަން ވެލިއެވެ. އަދި މުޅިތަނަށް އެ އަލިކަން ފެތުރިގެން ގޮސް ގެއްލިއްޖެއެވެ.

އެމީހުންގެ ޝަހަރަށް ދިޔުމާއެކު، ގަނޑުވަރުގައި ނަމީރު އުޅޭކަން ޔަޤީންކޮށްފައި ނާވީ އެންމެ ފުރަތަމަވެސް ހޯދީ އޭނާގެ އެކުވެރިޔާ ދައިސަމްއެވެ. ދައިސަމްގެ އެހީތެރިކަން އޭނާއަށް މިވަގުތު ވަރަށް މުހިންމެވެ. މަދަދަށް އެދި ދާނޭ އިތުރު މީހަކުވެސް ނާވީއަކަށް ނޭނގުނެވެ. ބައްޕަ ރަނީމްއާ ދެވަނަ ފަހަރަށް ކުރިމަތިލުމުގެ ކުރިން އޭނާ ކޮންމެވެސް ކަމެއް ކުރަން އެބަ ޖެހެއެވެ. އޭނާ އިންސާނަކާ ގުޅިގެން އުޅޭކަން މާމައާއި މަންމައަށް އެނގިއްޖެނަމަ ވެސް ގަނޑުވަރަށް ޒަލްޒަލާއެއް އަންނާނެއެވެ. ކާފައަށް އެނގިއްޖެނަމަ ދެން ވާނެ ގޮތް އަންދާޒާކޮށްލާކަށްވެސް ނޭނގެއެވެ. ނާވީގެ ހިތަށް ސަވާރުވި ބިރުވެރިކަމުގައި މޫލައި އޭނާގެ ހިތުގައި ވަކިހިއްޕައިލުމާއެކު ނާވީގެ އެތެރެ ހައްޓަށް ފިނިވެލިއެވެ. މީހާ ބިރުން ރޫރޫ އަޅައިގަތެވެ.

"ދައިސަމް… ދައިސަމް." ނާވީއަށް ދައިސަމް ފެނުނީ ތުނޑިއާ ދިމާލުން ވަދެގެން ރަށުތެރެއަށް ދެވެން އޮންނަ ހަނި މަގުގައި ހުރި ގަހެއްގެ ގޮފިގަނޑެއްގެ މަތީގައި އޮށޯވެލައިގެން އޮއްވައެވެ. ނާވީގެ އަޑު އިވުމާއެކު ދައިސަމް ގަހުގެ ގޮފިގަނޑުން ފުންމައިލިއެވެ. އޭރު ނާވީ ހުރީ ސީދާ އޭނާގެ ކުރިމަތީގައެވެ.

"ނާވީ. ކަލޭ ހާދަ ހާސްވެފަ؟" ދައިސަމްއަށް ސުވާލުކޮށްލެވުނުއިރު އޭނާ ވެސް ކަންބޮޑުވެއްޖެއެވެ. ނާވީގެ މޫނުމަތީން ފެންނަނީ އެއްވެސް ކަމެއް ރަނގަޅު ނޫންކަމުގެ ލިސާންތަކެވެ. އެ މޫނުގައިވި ކުލަވަރު ބަޔާންކޮށްދެމުން ދިޔައީ ބޮޑުކަމެއް ދިމާވެގެން އުޅޭކަމަމެވެ. ގާތް ރަޙްމަތްތެރިޔާގެ މޫނުމަތީގެ ކުލަވަރުތައް ފެނުމުން އެންމެ ފުރަތަމަވެސް، ދައިސަމްގެ ސިކުނޑިން ދިނީ އިންޒާރެކެވެ. އޭނާގެ ހަނދާނަށް އައީ އެންމެ ނަމެކެވެ. އާއެކެވެ. ރަނީމްއެވެ.

"ކިހިނެއްވީ ނާވީ؟"ނާވީގެ ކޮނޑުގައި އަތް ޖައްސާލަމުން ދައިސަމް ދެވަނަ ފަހަރަށް ސުވާލުކޮށްލިއެވެ.

"ދައިސަމް. އަހަންނަށް އެހީވެދީ. އަހަރެން ކަލޭގެ އެހީތެރިކަމަށް ބޭނުން." ނާވީ އެހެން ބުނެލިއިރު އޭނާގެ އަޑުގައި މާޔޫސްކަން ނޫނީ ނުވެއެވެ. އެ އަޑުގައިވި ޖެހިލުންވުމާއި އަސަރުތަކަކީ މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ނާވީގެ ފުށުން ފެނިފައިވާ ކަންތައްތަކެއްކަމުގައި ނުވާތީ ދައިސަމްވެސް ހުރި ކުއްލި ހައިރާންކަމެއްގެ ތެރޭގައެވެ. އެހެންނަމަވެސް އޭނާއަށް އެއްކަމެއް ޔަޤީންވިއެވެ. އެއީ ނާވީގެ އެ ނުތަނަވަސްކަން ގުޅިފައިވަނީ ރަނީމް އާ ކަމެވެ.

"ވެގެން އުޅޭ ގޮތެއް އަހަންނަށް ކިޔައިދީ.... ނާވީ... އެހީތެރިކަމެއް ފޯރުކޮށްދޭން އެނގޭނީ އޭރުން. ރަނީމްއަށް ކިހިނެއްވީ؟" ދައިސަމްއަށް ބުނެވުނެވެ.

"އަހަރެންގެ ބައްޕައަށް އެނގިއްޖެ އަހަރެން އިންސިއަކާ ގުޅުން ބާއްވާކަން." ނާވީ ހަޤީޤަތް ހާމަކޮށްލިއެވެ. އެއާއެކު ދައިސަމްއަށް ނާވީގެ ކޮނޑުން އަތް ނައްޓާލާ ތިރިކޮށްލެވިއްޖެއެވެ. އޭނާގެ ފެހިކުލައިގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލުމާއެކު ދައިސަމް ނާވީއަށް ދިނީ ކަންބޮޑުވެފައިވާ ފަދަނަޒަރެކެވެ. އެހާ އަވަހަށް އެކަންތައް ނާވީގެ ބައްޕައަށް އެނގިދާނެކަން ދައިސަމްއަށް ވިސްނިފައިނެތެވެ.

"ކޮންއިރަކު؟" ދައިސަމް ސުވާލުކޮށްލިއެވެ. އެއާއެކު ނާވީ ހުރިހާ ވާހަކައެއް ދައިސަމްއަށް ކިޔައިދިނެވެ.

"ދައިސަމް. އަހަންނަށް އެހީވެދީ. ކޮންމެވެސް ގޮތެއް އޮންނާނެއެއްނު. ބައްޕަ ރަނީމްއަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ. ކާފައަށް އެނގުނަސް ނޭނގެ ވާނެ ގޮތެއް. އަހަރެން ބޭނުން ކޮންމެ ގޮތަކުންވެސް ރަނީމް ސަލާމަތްކުރަން." ނާވީ ބުނެލިއެވެ. މާޔޫސްކަމާއެކުގައެވެ.

"ހެޔޮނުވާނެ. ދައިސަމް… އަހަންނަށް އެހީވެދީ…" ނާވީ އަނެއްކާވެސް އެދުނެވެ.

"ނާވީ. ނާވީ ތިހެން ބުންޏަސް އަހަރެން ކިހިނެއް ނާވީއަށް އެހީތެރިވާނީ؟ އިންސާނަކާ ގުޅުނުއިރުވެސް އަހަރެން ނާވީއަށް ކިހާ ނަޞޭހަތެއް ދިނިން. ތިކަން ހުއްޓަން ކިހާވަރަކަށް ކީން. ކަލޭގެ ތި މާޔޫސްކަމުން އަހަރެންވެސް ދެރަވޭ. ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ. އެކަމަކު ތި ކަމުގައި އަހަންނަށް ކޮށްދެވޭނީ ކީއް؟" ދައިސަމްއަކަށް ނާވީއަށް ވިސްނައިދޭނެ ގޮތެއް ނޭނގުނެވެ.

"ކޮންމެވެސް މީހެއް ހުރެދާނެއެއްނު. ރަނީމް ރައްކާތެރިކޮށްދޭން ކޮންމެވެސް ކަމެއް ކުރާނެ މީހެއް؟ ނޫނީ އެކަހަލަ ކަމެއް ކުރުމަށް އެހީވެދޭނެ މީހެއް؟" ނާވީއަށް ބުނެވުނެވެ. ކުޑަ އުންމީދަކާ އެކުގައެވެ.

"ނާވީގެ ކާފަގެ ނުފޫޒުގެ ސަބަބުން، މި ޝަހަރުގެ އެއްވެސް ޖިންނިއަކީ ތި ކަހަލަ ކަމެއް ކުރާނެ މީހެއް ނޫން. އިންސާނަކާ ގުޅޭ ޖިންނީންނަށް އަހަރެމެންގެ ތެރޭގައި ހަރުކަށި އަދަބުތައް ދެވޭ. ނާވީއަށްވެސް އެކަން އެނގޭނެ. ނާވީގެ ކާފައަކީ މޫނަކަށް ކަނދުރާއަކަށް ނުބަލާ ޤަވައިދުތައް ތަސްދީޤު ކުރާ މީހެއް. އެފަދަ ކަމެއް ފޮރުވަން ބައިވެރިވާ ޖިންނީންނަށްވެސް ހަރުކަށި އަދަބުތައް ދެވޭ. ވީއިރު މި ޝަހަރުގައި ތިކަހަލަ ކަމެއް ކުރާނެ މީހަކު ނޫޅޭނެ." ދައިސަމް ބުނެލިއެވެ.

އެ ދައްކަނީ ހުސް ތެދުވާހަކަކަން ޚުދު ނާވީއަށްވެސް އެނގެއެވެ. އެހެން ނަމަވެސް އޭނާ ބޭނުންވަނީ އެފަދަ މީހަކު ހުރިތޯ ބަލާށެވެ. އެމީހުންނަށް ސިއްރިއްޔާތުގައި އެހީވާނެ މީހަކު ހުރިތޯ ޔަޤީންކުރާށެވެ.

އެކަން ކުރުމަށް އޭނާ އެދުނީ އެންމެ ގާތް ރަޙްމަތްތެރިޔާ ދައިސަމްގެ ގާތުންނެވެ.

"އަހަރެމެންނަށް ވަގުތު ވަރަށް ކުޑަ ދައިސަމް. ބައްޕަ ކޮންމެ ވަގުތަކުވެސް ރަނީމްއާ ކުރިމަތިލަފާނެ. އޭގެ ކުރިން އަހަރެން ބޭނުން ރަނީމް ރައްކާތެރިކޮށްދޭން." ނާވީ ބުނެލިއެވެ.

"ދެން ތިކަންތައް ހުއްޓާލަންވީނު. ބައްޕަ އެބުނީނު ނާވީ އެ އިންސި ދޫކޮށްލީމަ ދެނެއް ގެއްލުމެއް ނުދޭނަމޭ…" ނާވީއަށް ފަހު ފަހަރަށް ވިސްނައިދެވޭތޯ ދައިސަމް ބުނެލިއެވެ. އެހެންނަމަވެސް ވީ އެއްކަމެއް ވެސް ނެތެވެ. ނާވީ ރަނީމް ދޫކޮށްލާކަށް އެއްބަހެއް ނުވިއެވެ. އޭނާ އެ ލޯތްބަށް ފުރަގަސްދޭން ބޭނުންނުވަނީއެވެ. އަދި ރަނީމް ދޫކޮށްލިޔަސް ބައްޕަ އެ ވައުދަށް ކަމޭ ހިތާނެކަމުގެ އެއްވެސް ޔަޤީންކަމެއްވެސް އޭނާއަކަށް ނެތެވެ.

"ބައްޕަގެ ބަހަށް އިތުބާރުކުރަން އަހަރެން ޖެހިލުންވޭ ދައިސަމް. ހެޔޮނުވާނެ. އަހަންނަށް އެކަންތައް ބަލައިދީ. އަހަންނަށް ވެގެން ވާނަމަ އެކަންތައް އަހަރެން އަމިއްލައަށް ވެސް ކުރީމުސް. އެކަމަކު މިވަގުތު ރަނީމްގެ ރައްކާތެރިކަން މުހިންމު. ރަނީމްއަށް ނުފެނުނަސް އަހަންނަށް ރަނީމް ފެންނަ ހިސާބުގައި ހުރުން ވަރަށް މުހިންމު…." ނާވީ ފުންނޭވާއެއް ދޫކޮށްލިއެވެ. ދައިސަމް އެންމެފަހުން ނާވީ އެބުނި ކަންތައް ކޮށްދޭން އެއްބަސްވި އެވެ. ނާވީ ޝުކުރު އަދާކޮށްފައި ދައިސަމްގެ ގައިގައި ބައްދައިލިއެވެ.

"އަދި އެއްކަންތައް އަހަންނަށް ކޮށްދީބަލަ. ދައިސަމްއަށްވެސް ކޮންމެވެސް ވަރަކަށް އެނގޭކަމެއް ވީމަ." ނާވީ ބުނެލިއެވެ.

"ކޮންކަމެއް؟" ދައިސަމް ސުވާލުގެ ނަޒަރަކުން ނާވީއަށް ބަލައިލުމަށްފަހު އަހައިލިއެވެ. އެއާއެކު ނާވީ އޭނާގެ ބޭނުން ހާމަކޮށްލިއެވެ. ދައިސަމް ލުއިކޮށް ހީނލުމަށްފަހު އިޝާ ނަމާދުން ފައިބައިގެން އޭނާ އުޅޭ ގެ ކައިރިއަށް އައުމަށް ބުނެލިއެވެ.

*****

އިޝާ ވަގުތު ފާއިތުވެދިޔަފަގުން ނާވީ ދައިސަމް އުޅޭ ގެ ކައިރިއަށް ދިޔައެވެ. އޭރު އެތާ ބޭރުގައި ދައިސަމް ހުރީ އޭނާގެ އިންތިޒާރުގައެވެ. ދައިސަމް ދިއްކޮށްލީ، ކުޑަ ދަގަނޑު ތައްޓެކެވެ. އޭގެ މަތީގައި ފަތްގަނޑެއް އަޅާފައި ވަށައިގެން ވާ ފަށަކުން އައްސާފައިވެއެވެ. ނާވީ އޭގައި ހިފަމުން ޝުކުރު އަދާކޮށްލިއެވެ. އެއަށްފަހު އޭނާ އެތަނުން ދިޔުމަށްޓަކައި އެނބުރިލިއެވެ. އަލިކަމެއް އޭނާގެ ވަށައިގެން އުފެދެން ފެށިއެވެ. އެއާއެކު ބިއްލޫރިހެން ހީވާ ފިޔަގަނޑު ވަށައިގެން އެ އަލިކަން ދަތުރުކުރަން ފެށިއެވެ. ނާވީ ދައިސަމްއަށް އަދިވެސް އެއްފަހަރު ބަލައިލާފައި އުދުއްސައިގަތެވެ.

އަށެއް ޖެހުމުގެ ކުރިން އޭނާ ހުރީ ރަނީމްގެ ކައިރީގައެވެ. ރަނީމްގެ މަންމަ ސަމްރާ އޮތީ ކޮޓަރީގައެވެ. ނާވީ އޭނާގެ އަތުގައި އޮތް ތަށި ދައްކައިލާފައި ރަނީމްގެ މަންމައަށް ގެނެސްދިން ބޭހެއް ކަމުގައި ބުނެދިނެވެ. ރަނީމް އެއަށް ބަލައިލާފައި ޝުކުރު އަދާކޮށްލިއެވެ. އެހެންނަމަވެސް އެ ސަމްރާއަށް ދޭން އޭނާ ޖެހިލުންވިއެވެ.

"ކިހިނެއްވީ ކަމު ނުދަނީތަ؟ އަހަރެން ދިނީމަ ބޭނުން ކުރަން ނުކެރުނީތަ؟" ނާވީއަށް ރަނީމްގެ ހިތުގެ ޙާލު ދެނެގަނެވުނުފަދައެވެ. އޭނާ ސުވާލުކޮށްލިއެވެ.

"ނޫން. އެހެންނެއް ނޫން. އަހަރެން މަންމައަށް މިދޭނަން." ރަނީމް ބުނެލިއެވެ.

"ހުމަށް ރަނގަޅުވާނެ." ނާވީ ވެސް ހިނިތުންވެލިއެވެ.

"ނާވީއަށް ކެރޭނެތަ އަހަރެންގެ މަންމައާއި ބައްދަލުކުރަން؟" ރަނީމް ސުވާލުކޮށްލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު