ކިއާރާ ވިހައިފި، ލިބުނީ އަންހެން ކުއްޖެއް

ސިދާތު އާއި ކިއާރާ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފައި ވަނީ މި އަހަރުގެ ކުރީކޮޅު--ފޮޓޯ/އިންޑިއަންއެކްސްޕްރެެސް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ކިއާރާ އަދުވާނީއާއި ސިދާތު މަލްހޯތުރާގެ ދެމަފިރިންނަށް އަންހެން ކުއްޖަކު ލިބިއްޖެކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ކިއާރާ ވިހާފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި މުމްބާއީގައި ހުންނަ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައެވެ.

ހޮސްޕިޓަލުގައި އެޑުމިޓު ކުރުމުގެ އެއް ދުވަސް ކުރިން ކިއާރާއާއި ސިދާތު ދެ މީހުންގެ މައިންބަފައިންނާ އެކު މުމްބާއީގައި ހުންނަ ކްލިނިކަކުން ނުކުތް މަންޒަރު މީޑިއާ ރިޕޯޓަރުންނަށް ވަނީ ފެނިފައެވެ. އަލަތު ދަރިފުޅަށް ބަލިވެއިނީއްސުރެ ކިއާރާ ފާހަގަކުރެވިފައިވަނީ މީޑިއާ ރިޕޯޓަރުންނާ ވަރަށް ދުރުގައި އުޅެމުން އަންނަ ފަރާތެއްގެ ގޮތުގައެވެ.

ކިއާރާ އާއި ސިދާތު ދެ ތަރިންގެ ކައިވެނީގެ ރަސްމިއްޔާތުގައި--ފޮޓޯ/ފިލްމުފެއަ

މި އަހަރުގެ ކުރީކޮޅު އަލަތު ދަރިފުޅު ލިބޭކަން އިއުލާނުކުރުމަށް ފަހު ކިއާރާ އާއްމުންނަށް ފެނިފައިވަނީ އޭގެ އެތައް މަހެއް ފަހުން މި އަހަރުގެ މެއި މަހު ބޭއްވި މެޓް ގާލާ ހަފުލާގައެވެ. ކިއާރާއާއި ސިދާތު އެ މީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައިވާ ކަމަށް ރިޕޯޓުތަކުން ބުނި ނަމަވެސް ދެ ތަރިންގެ ފަރާތުން ރަސްމީކޮށް އެއްވެސް ޕްލެޓްފޯމެއްގައި އެ ޚަބަރު އާއްމުންނާ ހިއްސާކޮށްފައެއް ނުވެއެވެ.

ފިލްމު އިންޑަސްޓްރީގެ އިތުރުން ދެ ތަރިންނަށް ސަޕޯޓުކުރާ ގިނަ ބަޔަކު މި ޚަބަރާ އެކު އެ އާއިލާއަށް ތަހުނިޔާގެ މެސެޖުތަކާ މުބާރަކުބާދީގެ މެސެޖުތައް ފޮނުވަމުން އަންނައިރު ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަނީ ސިދާތާއި ކިއާރާގެ ފަރާތުން އެކަން ރަސްމީކޮށް އިއުލާނުކުރާނެ އިރަކަށެވެ.

މި އަހަރުގެ މެއި މަހު ކުރިއަށްދިޔަ 'މެޓް ގާލާ 2025'ގައި ބަތަލާ ކިއާރާ ބައިވެރިވަނީ--ފޮޓޯ/ދަސްޓޭޓްސްމަން

ސިދާތު އާއި ކިއާރާގެ ކައިވެނި ކުރެވުނީ 2023ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހެވެ. މި ދެ ތަރިން ވަނީ އެކީގައި ފިލްމު "ޝޭރްޝާހު"އިން ފެނިފައެވެ.

އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން ކިއާރާ ވަނީ ބަތަލާ ސޮއިކޮށްފައިވާ ވަރަށް ގިނަ ފިލްމުތައް ދޫކޮށްލާފައެވެ. ކިއާރާ އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނާނެ ތާރީޚެއް އިއުލާނުކޮށްފައިނުވާއިރު ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހުގެ 14ގައި ސިނަމާތަކަށް ގެންނަ ޔަޝް ރާޖް ކުންފުނީގެ ފިލްމު "ވޯ 2"އިންނެވެ.

comment ކޮމެންޓް