އެއް އަހަރު ނުވާ ކުދިންތަކެއް ވިއްކަން އުޅުނު ބަޔަކު އިންޑޮނޭޝިއާއިން ހައްޔަރުކޮށްފި

އިންޑޮނޭޝިއާ ފުލުހުން. ފުލުހުން ވަނީ ތުއްތު ކުދިންތަކެއް ވިއްކަން އުޅުނު 12 މީހަކު ހައްޔަރުކޮށްފައި. ފޮޓޯ/ރޮއިޓާސް

ގަވާއިދާ ޚިލާފަށް އިންޑޮނޭޝިއާއިން ސިނގްޕޫރަށް ތުއްތު ކުދިންތަކެއް ފޮނުވަން އުޅުނު މައްސަލައިގައި 12 މީހަކު އިންޑޮނޭޝިއާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ހުޅަނގު ޖާވާ ފުލުހުން އަންގާރަ ދުވަހު ބުނީ އެ މައްސަލަ ފެންމަތިވީ ބެލެނިވެރިއަކު ތުއްތު ކުއްޖަކު ރަހީނުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓް ކުރުމުން ކަމަށާއި އެ މައްސަލައިގައި ޝައްކު ކުރެވޭ މީހަކު ހައްޔަރު ކުރި ކަމަށެވެ. އެމީހާ ވަނީ އެގޮތަށް 24 ތުއްތު ކުދިން ރަހީނުކުރި ކަމަށް އެއްބަސްވެފައެވެ.

ފުލުހުންގެ ޑިރެކްޓާ އޮފް ޖެނެރަލް ކްރިމިނަލް އިންވެސްޓިގޭޝަން ސުރަވާން ވިދާޅުވީ ގިނަ ކުދިން ރަހީނުކޮށްފައި ވަނީ ހުޅަނގު ޖާވާ ޕްރޮވިންސްގައި ތިބި އެމީހުންގެ ބެލެނިވެރިންގެ އަތުން ކަމަށެވެ.

އެމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ބޯނިއޯ ޖަޒީރާގެ ޕޮންޓިއަނަކް ސިޓީއަށް ތުއްތު ކުދިން ބަދަލުކޮށް، އޭގެ ފަހުން އޭގެ ތެރެއިން އެތައް ކުދިންނެއް ސިންގަޕޫރަށް ފޮނުވި ކަމަށެވެ.

އެ ކުދިންގެ އުމުރަކީ އެއް އަހަރުން ދަށް ކަމަށާއި އޭގެތެރޭގައި ތިން މަސް، ފަސް މަސް އަދި ހަ މަހުގެ ކުދިން ވެސް ހިމެނޭ ކަމަށް ސުރަވާން ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކުން ވަނީ ޕޮންޓިއަނަކްއިން ފަސް ކުދިންނާއި އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާ ކައިރީގައި އޮންނަ ސިޓީއެއް ކަމަށްވާ ޓަންގަރަންގުން އެއް ކުއްޖަކު ސަލާމަތްކޮށްފައެވެ.

"އެއީ ބޮޑު ގްރޫޕެއް. ބޭބީ ޓްރެފިކިން ގްރޫޕެއް. އެއިން ކޮންމެ މީހެއްގެ ވެސް އަމިއްލަ ރޯލެއް އޮވޭ." ސުރަވާން ވިދާޅުވިއެވެ.

ޝައްކު ކުރެވޭ ބައެއް މީހުންނަށް ތުއްތު ކުދިން ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށާއި، އަނެއް ބަޔަކު އެ ކުދިން ބެލެހެއްޓުމާއި، ހިޔާވަހިކަން ދިނުމާ ހަވާލުވެފައިވާއިރު، އަނެއް ބަޔަކު ވަނީ ހުރިހާ ލިޔެކިޔުންތައް ތައްޔާރުކުރުމާ ހަވާލުވެފައި ކަމަށް ސުރަވާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ތުއްތު ކުދިން ވިއްކަން ނިންމާފައިވަނީ، ސިންގަޕޫރުގައި އެޑޮޕްޓް ކުރުމަށް ގަންނަ ފަރާތްތަކަށް 11 މިލިއަން އިންޑޮނޭޝިއަން ރޫޕީއާ (676 ޑޮލަރު) އާއި 16 މިލިއަން އިންޑޮނޭޝިއަން ރޫޕީއާ (983 ޑޮލަރު) އާއި ދެމެދުގެ އަދަދަކަށެވެ.

ކުޑަކުދިން އެގޮތަށް ޓްރެފިކް ކުރުމުގެ މަސައްކަތް 2023ވަނަ އަހަރުން ފެށިގެން އެމީހުން އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނީ އެމީހުން ވަނީ ދަރިން ބަލަން ބޭނުންނުވާ މައިންބަފައިން ހޯދައި އެމީހުންނަށް ފައިސާ ދިނުމަށްފަހު ކުދިން އަތުލާފައި ކަމަށެވެ.

ސުރަވާން ވިދާޅުވީ މައްސަލަ ރިޕޯޓުކުރި މައިންބަފައިން ކުއްޖާ ވިހެއުމުގެ ކުރިން ޓްރެފިކިން ގްރޫޕާއެކު އެއްބަސްވުމެއް ހަދާފައި ވާކަމަށެވެ. ނަމަވެސް އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުލިބުމުން ފުލުހުންނަށް ރިޕޯޓުކުރީ ކަމަށެވެ.

ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގު ވިޔަފާރި އަކީ 17،000އަށް ވުރެ ގިނަ ޖަޒީރާ އޮންނަ އިންޑޮނޭޝިއާގައި ވަރަށް ބޮޑު މައްސަލައެކެވެ.

އެގޮތުން 2022ވަނަ އަހަރު އެ ގައުމުގެ ސުމަޓްރާގެ ތެޔޮ އުފައްދާ ކާރުހާނާއެއްގެ ތެރެއިން ބަންދުކޮށްފައިތިބި 57 މީހުން ފެނިފައިވެއެވެ.

comment ކޮމެންޓް