މިދިޔަ ހޮނިހިރު ދުވަހު މުޅި އައްޑޫން ކަރަންޓު ކެނޑުމަށްފަހު މައްސަލަ ހައްލުނުވެ، އަނެއްކާ ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ރާއްޖޭގެ އާބާދީ ދެވަނައަށް އެންމެ ބޮޑު އައްޑޫން މިފަހުން ކަރަންޓު ކެނޑުނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ 11:15 ހާއިރެވެ. އެކަމަކު ގަޑިއިރެއް ހާއިރު ފަހުން އަލުން ވަނީ ކަރަންޓު ދީފައިވެއެވެ.
"އެކްސް"ގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، މުޅި އައްޑޫން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 11:43 ހާއިރެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު "ސަން"އަށް ވިދާޅުވީ، އެކި ސަރަހައްދުތަކުން އެކި ވަގުތުތަކުގައި ކަރަންޓު ކަނޑާނެ ކަމުގެ މެސެޖު ފެނަކައިން އިއްޔެ ފޮނުވި ކަމަށާއި، މި ވަގުތު އެ ސިޓީގެ ކައުންސިލް އިދާރާގައި ވެސް ކަރަންޓު ނެތް ކަމަށެވެ. ނަމަވެސް، މުޅި އައްޑޫން ކަރަންޓު ގޮސްފައިވާކަން އޭނާ ޔަގީނެއް ނުކޮށްދެއެވެ.
"އިންޖީނުތަކުގަ މައްސަލަ ޖެހިގެން އުޅެނީ، ތިން އިންޖީނެއްގަ މައްސަލަ ޖެހިގެން އުޅޭކަން ޔަގީން،" އޭނާ ވިދާޅުވިއެވެ.
ފެނަކައިން ކަރަންޓު ކަނޑާނެކަން އެންގީ ކިހާ ދުވަހަކަށް ކަން ވެސް މޭޔަރު ސާފުކޮށްދެއްވާފައެއް ނުވެއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. މިދިޔަ ރޯދަ މަހު ވެސް އައްޑޫގައި މެދުނުކެނޑި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާޗް މަހުގެ 13ވަނަ ދުވަހު އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށްފަހު ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާޗް މަހުގެ 31ވަނަ ދުވަހުގައެވެ.
ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެތަނުގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ވެސް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށްފަހު އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.