ކޭބަލެއްގެ މައްސަލަ ޖެހި، ފޭސް 2ގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓުތަކެއް: ކޭބަލަކަށް މައްސަލަ ދިމާވެ، ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައި ---

ކަރަންޓް ކޭބަލަކަށް ދިމާވި މައްސަލައެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން "އެކްސް"ގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

މައްސަލަ ދެނަގަނެ، ހައްލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

"ސަން"އިން ސުވާލުކުރުމުން ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑުނީ ކޭބަލަކަށް މައްސަލައެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށާއި، ދެ ފީޑަރު ވެސް ނިވިފައިވާ ކަމަށެވެ. އެ ކުންފުނިން އިތުރަށް ބުނީ، ސީދާ ދިމާވީ ކޮން މައްސަލައެއްތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނުއިރު މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހު މުޅި މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ކެނޑުނެވެ. އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި އެކި ހިދުމަތްތަކަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ބުރޫ އެރިއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ކަރަންޓު ނެތި، ހިދުމަތްތައް ހުއްޓިފައި ތިން ގަޑިއިރަށް ވުރެ ގިނައިރު އޮތެވެ.

މީގެ އިތުރުން ވޭތުވެދިޔަ ތިން ދުވަހުގެތެރޭ ޖެހިޖެހިގެން ދެ ފަހަރު މުޅި އައްޑޫ ސިޓީން ވެސް ކަރަންޓު ކެނޑިފައިވެއެވެ.

comment ކޮމެންޓް