ޑޮލަރުގެ ވިޔަފާރިކުރާ މީހުން ކަޅު ބާޒާރުން 20 ރުފިޔާގެ ރޭޓަށް ޑޮލަރު ގަތުމަށްފަހު، 20.15 އަށް ނުވަތަ އެއަށްވުރެ މަތީ އަގަކަށް ވިއްކާ މައްސަލަ ފެންމަތިވެއްޖެއެވެ.
ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް އެރިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.
ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ ބޭންކް ރޭޓަކީ 15.42 ރުފިޔާއެވެ. އެކަމަކު، ބޭންކުން އެކަށިގެންވާ މިންވަރަށް ޑޮލަރު ނުލިބޭ މައްސަލަ ބޮޑުވެ، އާންމުން ޒަރޫރީ ކަންކަމަށް ވެސް ޑޮލަރު ހޯދަން ޖެހެނީ ކަޅު ބާޒާރުންނެވެ.
ޑޮލަރުގެ ތާށިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޑޮލަރުގެ ވިޔަފާރިކުރާ މީހުން ޑޮލަރުގެ ވިޔަފާރިކުރުމަށް ގަންނަ ރޭޓަށް ވުރެ ބޮޑުކޮށް އާންމުންނަށް ވިއްކަން މިވަނީ ފަށައިފައެވެ. ޑޮލަރުގެ ވިޔަފާރިކުރާ މީހުން 20 ރުފިޔާއަށް ގަތުމަށްފަހު، ކަޅު ބާޒާރުގައި އާންމުންނަށް ވިއްކަނީ ފައިދާ ލުމަށްފަހު، 20.15 އަށެވެ.
ޑޮލަރެއްގެ އަގު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. އެއީ، ރާއްޖެއަކީ އުފެއްދުންތެރިކަށް ދަށް ގައުމެއް ކަމުން، ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް ބޭރު ގައުމުތަކުން އެތެރެކުރަން ޖެހޭތީއެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ.
މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ޚަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.
މި ސަރުކާރު އައިފަހުން ޑޮލަރުގެ އަގު އެންމެ ރަނގަޅަށް ހުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައެވެ. ވެސް ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އޭޕްރީލް މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ. އޭގެ ކުރިން ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށްކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، ޑޮލަރެއްގެ އަގު އަންނަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.
ޑޮލަރު ލިބުން ދަތިވެ، އޭގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވާތީ މަރުކަޒީ ބޭންކް, އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެއްޗެއް ވިދާޅުނުވާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެ މައްސަލައިގައި މުނައްވަރާ ބައްދަލުކުރަން އެދި އެމްޑީޕީގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ސިޓީއެއް ފޮނުއްވާފައިވެއެވެ. ނަމަވެސް، އެ ސިޓީއަށް ގަވަރުނަރު ޖަވާބު ނުދެއްވާ ކަމަށް ބުނެ، އިއްޔެ ވެސް އެމްޑީޕީގެ މެންބަރުން އެމްއެމްއޭގެ އޮފީހަށް ގޮސް ގާތްގަނޑަކަށް ގަޑިއިރެއް އެ ތަނުގައި ހޭދަކުރިއެވެ.
ނަމަވެސް މުނައްވަރާ ބައްދަލުނުވާތީ، ބައްދަލުވަންދެން ކޮންމެ ދުވަހެއްގެ ހެނދުނު 11 ޖަހާއިރު އެމްއެމްއޭއަށް ދާނެ ކަމަށް، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން ވަނީ ބުނެފައެވެ.