ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ފުރަތަމަ ފަހަރަށް ފުޓްސަލްއާއި ބީޗް ސޮކާއަށް ޚާއްސަކޮށް ކޮމިޓީއެއް އެކުލަވާލަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ދާދި ފަހުން އެފްއޭއެމުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި އަހްމަދު ތޯރިގް (ޓޮމް)ގެ އެކްސްކޯއިން ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ.
މީގެ ކުރިން ވެސް ގިނަ ބައެއްގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ފުޓްސަލްއަށް ހަވާލުވާނޭ ބަޔަކު ނެތުމުންނެވެ. ގާނޫނީގޮތުން އެކަން އެފްއޭއެމަށް ބޯމަތިވެފައިވާއިރު، މިހާތަނަށް އެފްއޭއެމުން ފުޓްސަލްއަށް ބޮޑެތި އިހުމާލުތަކެއް ވަނީ ވެފައެވެ.
އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފުޓްސަލްއަށް ޚާއްސަ މުބާރާތެއް ބާއްވަން ވެސް އިއުލާނުކޮށްފައެވެ. ނަމަވެސް، އެކަންނުވެ އެންމެ ފަހުން އެފްއޭއެމުގެ ދައުރު ނިންމާލީ މުޅި އެސޯސިއޭޝަން ދަރަނީގެ ހާއްޔަކަށް ވައްޓާލުމަށް ފަހެވެ.
އަލަށް ހަވާލުވި ޓޮމްގެ އެކްސްކޯއިން އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި ގާނޫނުން ލާޒިމުކުރާ ކަންކަން ހިމެނެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފުޓްސަލްގެ ހަރަކާތްތައް ވެސް ކުރިއަށްގެންދިއުން ހިމެނެއެވެ. މި ކަމަށް ޚާއްސަ ކޮމިޓީއެއް އުފެއްދުމަށް ވެސް ނިންމީ އެ ބޭނުމުގައެވެ.
ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ނަންތައް ހުށަހެޅުން އޮގަސްޓް 3، 2025ގެ މެންދުރު 02:00 އާ ހަމައަށް ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އެކްސްކޯއިން ވަނީ އަލަށް އެކުލަވާލާ ސީޒަން ކަލަންޑަރާމެދު މަޝްވަރާކުރުމަށް ނިންމާ، ކޮމިޓީތަކަށް މެންބަރުން އަންޔަނުކުރެވުމުން ކަލަންޑަރާ ދޭތެރޭގައި ގޮތެއް ނިންމުމަށް ނިންމާފައެވެ.
އަދި، ގައުމީ ޓީމުގެ ބައިނަލްއަގުވާމީ މުބާރާތްތައް ކުރިއަަށް ހުރުމާ އެކު ގައުމީ ޓީމުތަކުގެ ކޯޗުންނާ އޮފިޝަލުން ކަނޑައަޅާނެ ގޮތާމެދު މަޝްވަރާކޮށްފައިވެއެވެ. އަދި، ކޮމިޓީތަކަށް ފަހު ގައުމީ ކޯޗާމެދު ގޮތެއް ނިންމުމަށް ވަނީ ނިންމާފައެވެ.