ރާއްޖޭގައި މަޑުޖެހިފައި އޮތް އަންހެން ފުޓުބޯޅަ މުބާރާތްތައް ގައުމީ ފެންވަރުގައި ބާއްވަން ނިންމާ، އެކަމުގެ މަސައްކަތްތައް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފަށައިފިއެވެ.
އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް)ގެ އެކްސްކޯ އިން މި މަސައްކަތް ފަށާފައިވާއިރު، އެންމެ ފަހުން ގައުމީ ފެންވަރުގައި އަންހެނުންގެ ފުޓުބޯޅަ މުބާރާތެއް ބޭއްވީ 2015ވަނަ އަހަރުގައެވެ.
ދިހަ އަހަރުފަހުން އެފްއޭއެމުން އަންހެން ފުޓުބޯޅަ މުބާރާތްތައް ބާއްވަން މަސައްކަތް ފަށާފައިވާއިރު، މުބާރާތް ބާއްވަން އެފްއޭއެމްގެ އާ އެކްސްކޯގެ މައްޗަށް އަސާސީ ގަވާއިދުން އޮތީ ލާޒިމު ވެސް ކޮށްފައެވެ.
ޓޮމް ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ފުލުހުންނާއި ސިފައިން އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ އެސްއޯއީތަކަށް ދޭނެ ކަމަށެވެ. އަދި އަންހެން ފުޓްބޯޅަ މުބާރާތް މިފަހަރުގެ ކަލަންޑަރުގައި ހިމަނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުންނާއި ސިފައިން އަދި އެސްއޯއީތަކުގެ ޓީމުތަކަށް މުބާރާތުން ފުރުސަތު ދިނުގައި ހާއްސަ އިސްކަމެއް ދޭނެ ކަމަށާއި ހުރިހާ ކްލަބްތަކަކަށް ވެސް ފުރުސަތު ހުޅުވާލާނެ ކަމަށް އެފްއޭއެމްއިން ބުންޏެވެ. އަދި ސިފައިން، ފުލުހުން އަދި އެސްއޯއީތަކަށް ވެސް ދައުވަތު ދޭނެ ކަމަށާއި ވާދަކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާނެ ކަމަށް ވެސް ޓޮމް ވިދާޅުވިއެވެ.
އަލަށް އެކުލަވައިލާ އެފްއޭއެމްގެ ކަލަންޑަރު ފައިނަލުކުރާނީ އެ އެސޯސިއޭޝަންގެ ކޮމިޓީތަކަށް މެންބަރުން އައްޔަންކޮށް ނިމުމުނެވެ. ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމަށް ކެންޑިޑޭޓުންގެ ނަންތައް ފޮނުވުމަށް ކްލަބްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.