ލަންކާގެ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލުމަށް ބިލެއް ގެޒެޓްކޮށްފި

ލަންކާގެ ކުރީގެ ބައެއް ރައީސުން. ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލުމަށް ބިލެއް ވަނީ ގެޒެޓްކޮށްފައި.

ސްރީ ލަންކާގެ ކުރީގެ ރައީސުންނާއި އެބޭފުޅުންގެ އާއިލާތަކާއި ރައްޔިތުންގެ މަޖިލީހުގެ ރިޓަޔާޑް މެންބަރުންނަށް ލިބިދޭ ޚާއްސަ އިނާޔްތަތަކާއި އިމްތިޔާޒުތައް ކުޑަކުރުމުގެ ގޮތުން ރައީސުންގެ ހައްގުތަކާ ބެހޭ ގާނޫނު ނަންބަރު ހަތަރެއް އިސްލާހުކޮށް ހުށަހަޅާފައިވާ ބިލުގެ ޑްރާފްޓެއް މިއަދު ގެޒެޓްކޮށްފިއެވެ.

ވަޒީރުންގެ މަޖިލީހުން ބިލް ގެޒެޓްކޮށް މަޖިލީހަށް ހުށަހެޅުމަށް ރުހުން ދިނީ މިދިޔަ ހަފުތާއެވެ.

މީގެ ކުރިން ޖޫން މަހު ވެސް ވަޒީރުންގެ މަޖިލީހުން ވަނީ 1986ވަނަ އަހަރުގެ ރައީސުންގެ ހައްގުތަކާ ބެހޭ ގާނޫނު ނަންބަރު ހަތަރަކާއި 1977ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޕެންޝަން ގާނޫނު ނަންބަރު އެކެއް ވެސް އުވާލުމަށް ގާނޫނު ޑްރާފްޓް ކުރުމަށް ފާސްކޮށްފައެވެ.

އެ ފިޔަވަޅަކީ ދައުލަތުގެ ޚަރަދުތައް މަދުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ގެޒެޓް ނޯޓިސްގައި ވާގޮތުން ކުރީގެ ރައީސުންނަށް ނުވަތަ ރައީސުންގެ ހުވަފަތް އަނބިންނަށް ވެސް ދިރިއުޅުމަށް ކޮންމެ މަހަކު ދޭ އެލަވަންސާއި މަހު ސެކްރެޓަރީ އެލަވަންސާއި، ރަސްމީ ދަތުރުފަތުރާއި، އަދި އެފަދަ އެހެނިހެން ވަސީލަތްތައް ފަދަ ޚާއްސަ އިނާޔަތްތައް ދިނުމަށް ބިލުގެ ޑްރާފްޓުން ހުރަސް އަޅައެވެ.

އެ ބިލުގައިވާ ގޮތުން ކުރީގެ ރައީސުންނަށް މަހުން މަހަށް ދޭ ޕެންޝަން ވެސް ދެން ނުލިބޭނެއެވެ.

ކޮވިޑްގެ ދުވަސްވަރު ސްރީލަންކާ މާލީ ގޮތުން ބަނގުރޫޓް ވުމަށްފަހު އެ ގައުމު މިހާރު ދަނީ އެ ހާލަތުން އަރައިގަންނަމުންނެވެ. މި ހާލަތުން އެއްކޮށް އަރައިގަނެވޭނީ އަދި މުސްތަގްބަލްގައި މި ފަދަ ލޮޅުމަކުން ސަލާމަތް ވެވޭނީ އިގްތިސާދީ މިނިވަންކަމާއި އިގްތިސާދީ އިސްތިގްލާލް ސްރީލަންކާއަށް ލިބިގެންކަމަށް އެގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ މީގެ ކުރިން ވިދާޅުވިއެވެ.

އެގުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިސަނަޔަކެ ވަނީ ސަރުކާރު ވެސް ކުޑަކޮށްފައެވެ. ރައީސާއި ބޮޑުވަޒީރު ހިމެނޭހެން ކެބިނެޓްގެ ސައިޒަކީ 21އެވެ. އެއީ، މި ފަހުން ލަންކާގައި އެކުލަވާލި އެންމެ ކުޑަ ސަރުކާރެވެ. ތިއްބަވަނީ އެންމެ 29 ޑެޕިއުޓީ މިނިސްޓަރުންނެވެ. ސްޓޭޓް މިނިސްޓަރުންނެއް ނުތިއްބަވައެވެ.

މީގެ އިތުރުން، ތާކުންތާކުނުޖެހޭ މަޝްރޫއުތަކަށް ޚަރަދުކުރުން ހުއްޓައިލައި ކޮންމެހެން އިގުތިސާދަށް ބޭނުންވާ ކަންކަމަށް ޚަރަދުތައް ކުރަން އެ ގައުމުން ފެށިއެވެ.

comment ކޮމެންޓް