ދާދި ފަހުން އިނގިރޭސިވިލާތުގެ ލަންޑަންގެ ވިމްބްލްޑަންއަށް ކުރި ދަތުރުގައި ބަތަލާ އުރުވަޝީ ރައުޓޭލާގެ އަގުބޮޑު ލަގްޒަރީ ދަބަހެއް ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ގެއްލިއްޖެ ކަމަށް ބަތަލާ ބުނެފިއެވެ.
އިއްޔެގެ ވަގުތެއްގައި މިކަމާ ގުޅިގެން އުރުވަޝީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވިމްބްލްޑަންއަށް ކުރި ދަތުރުގައި އެއާޕޯޓުގެ ބެލްޓަށް ދޫކޮށްލި އަގުބޮޑު ދަބަސް އެއާޕޯޓުން ވަގަށް ނަގާފައިވާ ކަމަށެވެ. އެއީ، ވަރަށް ބޭއިންސާފުން ބަޔަކު މީހުން ކުރި ކަމެއް ކަމަށާއި އެ ދަބަސް ހޯދައިދިނުމަށް ލަންޑަންގެ ފުލުހުންނަށާއި އެމިރޭޓްސް އެއާވޭގެ ކަމާބެހޭ އިދާރާތަކުން މަސައްކަތްކޮށް ދިނުމަށް ބަތަލާ ވަނީ އެދިފައެވެ.

އުރުވަޝީ އިނގިރޭސިވިލާތުގެ ވިމްބްލްޑަންގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް
އެއާޕޯޓުގައި މަސައްކަތްކުރާ ބަޔަކު ވަގަށް ނެގި ކަމަށް އުރުވަޝީ ތުހުމަތުކުރާ ދަބަހަކީ ލަގްޒަރީ ބްރޭންޑު ޑިއޯ ބްރޭންޑުގެ މުށިކުލައިގެ ދަބަހެއް ކަމަށާއި ދަބަހުގެ އެތެރޭގައި ވަރަށް އަގުބޮޑެތި ގަހަނާތަކެއް ހުރި ކަމަށް ވެސް ބަތަލާއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
އުރުވަޝީގެ އިންސްޓަގްރާމް ޕޯސްޓަށް ފާޑުކިޔަމުން ބައެއް މީހުން ބުނެފައި ވަނީ އޭނާއަކީ ވިމްބްލްޑަންއަށް ދަތުރުކުރި ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން ގެންދިޔަ ލަގެޖެއް ގެއްލުނު ފުރަތަމަ އިންޑިއާއަށް ނިސްބަތްވާ މީހާ ކަމަށެވެ.
އުރުވަޝީ ކުޅިވަރެއް ބަލާލަން ހާޒިރުވުމަށް ފަހު ގެންގުޅޭ ކޮންމެ ވެސް އަގުބޮޑު ސާމާނެއް ގެއްލުމަކީ މިހާރު އާދައަކަށްވެފައިވާއިރު ވިމްބްލްޑަންގައި ބަތަލާ ގެންގުޅުނު އަގުބޮޑު ލަބޫބޫ ބުދުތައް ހުރީ ރައްކާތެރި ހިސާބެއްގައި ކަމަށް އުންމީދުކުރާ ކަމުގައި ބަތަލާގެ ޕޯސްޓަށް ފާޑުކިޔުނު މީހަކު ވަނީ ބުނެފައެވެ.
އިންޑިއާގެ އަހުމަދު އާބާދުގައި އޮތް 2023ވަނަ އަހަރު ބޭއްވުނު ކްރިކެޓު މެޗެއް ބަލާލަން ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ހުއްޓާ އޭނާގެ ފޯނު ގެއްލުނުކަން ވެސް ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އެ ފޯނަކީ 24 ކެރެޓުގެ ހަގީގީ ރަނުން ޕްލޭޓު ތައްޔާރުކޮށްފައިވާ ކަސްޓަމައިޒް ފޯނެކެވެ.