ފިންލޭންޑުގެ ކްލާސްރޫމްތަކުގައި ފޯނު ބޭނުން ކުރުން މަނާކޮށްފި

ފިންލޭންޑުގެ ކްލާސްރޫމްތަކުގައި ފޯނު ބޭނުންކުރުން ވަނީ މަނާކޮށްފައި. ފޮޓޯ/އޭޕީ

ފިންލޭންޑުގެ ސްކޫލްތަކުގައި މޯބައިލް ފޯނު ބޭނުން ނުކުރެވޭ ގޮތަށް ހެދި ގާނޫނަށް އިއްޔެ އަމަލު ކުރަން ފަށައިފިއެވެ.

އެ ގައުމުގައި ކްލާސްތައް ކުރިއަށްދާއިރު އުމުރުން ހަތް އަހަރާއި 16 އަހަރާ ދެމެދުގެ ދަރިވަރުންނަށް މޯބައިލް ފޯނު ބޭނުންކުރުން މަނާކުރާ އަސާސީ ތައުލީމުގެ ގާނޫނަށް އިސްލާހު ހުށަހެޅީ މިދިޔަ އޭޕްރީލް މަހުއެވެ.

މިހާރު ފޯނާއި އެހެނިހެން މޯބައިލް ޑިވައިސްތައް ކްލާހުގައި ބޭނުންކުރެވޭނީ އުނގެނުމުގެ ބޭނުމުގައި އަދި އެހީއެއްގެ ގޮތުގައި ނުވަތަ ސިއްޙީ ސަބަބުތަކަށް މުދައްރިސުގެ ހުއްދަ ލިބިގެންނެވެ.

ފިންލޭންޑްގެ ޕަބްލިކް ބްރޯޑްކާސްޓާ، ވައިލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ އިރުމަތީ ޓައުން ވަރްކައުސްގެ ސްކޫލެއްގައި ފޯނު ސްކޫލަށް ގެންދިޔަ ނަމަވެސް ބާއްވަން ޖެހެނީ ދަބަހުގައި ނުވަތަ އެ ކުއްޖަކަށް ޚާއްސަކޮށްފައި ހުންނަ ލޮކަރުގައެވެ.

އެ ގައުމުގެ އެހެން ސްކޫލެއްގައި ބްރޭކް ގަޑީގައި ފޯނު ބޭނުންކުރެވުނު ނަމަވެސް ބޭނުންކުރަން ޖެހެނީ ސްކޫލް އިމާރާތުން ބޭރުގައެވެ.

ފިންލޭންޑްގެ ނޭޝަނަލް އެޖެންސީ ފޯ އެޑިއުކޭޝަނުން ވަނީ ކެއުމުގެ ވަގުތުތަކުގައި މޯބައިލް ޑިވައިސްތައް ބޭނުންކުރުން މަނާކުރުމަށާއި ބްރޭކްތަކުގައި ބޭނުންކުރުން ހަނިކުރުމަށް ލަފާދީ، ގާނޫނުގައި ބަޔާންކޮށްފައިވާ ވަރަށް ވުރެ ހަރުކަށި އުސޫލުތަކެއް އެކުލަވާލުމަށް ވެސް ގޮވާލާފައެވެ.

ތައުލީމީ ފެންވަރު ރަނގަޅު ގައުމެއްގެ ގޮތުގައި ފާހަގަވެފައިވާ އޮންނަ ފިންލޭންޑުގައި ފަހަކަށް އައިސް ވަނީ އޯއީސީޑީ ރޭޓިން ދަށްވެފައެވެ. އޯއީސީޑީ އަކީ 15 އަހަރު ކުދިންގެ ހިސާބާއި، ލިޔަންކިޔަން ދަސްކުރުމާއި، ސައިންސްގެ ފަންނުވެރިކަން ވަޒަންކުރާ ރޭޓިންއެކެވެ.

އެގޮތުން 2022 ވަނަ އަހަރު ބޭއްވި އޯއީސީޑީގެ އެންމެ ފަހުގެ ބުރުގައި ފިންލޭންޑްގެ 41 ޕަސެންޓް ދަރިވަރުން ބުނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުން ހިސާބު ލެސަންތައް ދޭހަވުން ކުޑަވި ކަމަށެވެ.

ފިންލޭންޑުގެ އިތުރުން ޑެންމާކުން ވެސް ވަނީ ސްކޫލްތަކުގައި ފޯނު ބޭނުންކުރުން މަނާކޮށްފައިވާ ކަމަށް މި އަހަރުގެ ކުރީކޮޅު އިއުލާނުކޮށްފައެވެ.

ފްރާންސްގައި ވެސް 2018 ވަނަ އަހަރުން ފެށިގެން ސްކޫލްތަކުގައި ފޯނު ބޭނުންކުރުން އޮންނަނީ މަނާކޮށްފައެވެ.

ނޯވޭއިން ވެސް 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންނުކުރެވޭ އުސޫލެއް އިއުލާނުކޮށްފައިވާއިރު، ހަންގޭރީން މިދިޔަ އަހަރު ވަނީ ދަރިވަރުންނަށް ކްލާސްރޫމްތަކުގައި ފޯނު ބޭނުން ނުކުރެވޭނެ ކަމަށް ބުނެ ހަރުކަށި ފިޔަވަޅުތަކެއް ތައާރަފްކޮށްފައެވެ.

ބެލްޖިއަމްގައި ފްރާންސް ބަހުން ވާހަކަ ދައްކާ ސަރަހައްދުތަކާއި ވެރިރަށް ބްރަސެލްސްގެ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގެ ދަރިވަރުންނަށް ސްމާޓްފޯނު ބޭނުންކުރުން މި ފެށުނު އާ ދިރާސީ އަހަރު ވަނީ މަނާކޮށްފައެވެ.

އިނގިރޭސިވިލާތުގައިވެސް ގާތްގަނޑަކަށް ހުރިހާ ޕްރައިމަރީ ސްކޫލްތަކާއި ގިނަ ސެކަންޑަރީ ސްކޫލްތަކުގައި ފޯނު ބޭނުންކުރުން މަނާކޮށްފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް