އިންސާނީ ހައްގުތަކުގެ ނަމުގައި ދެން ޔޫރަޕަށް ދެއްކޭނެ ވާހަކައެއްނެތް: ކާޔާ ކަލާސް

ޔޫރަޕިޔަން ކޮމިޝަންގެ ނައިބު ރައީސް ކާޔާ ކަލާސް

ބްރަސަލްސް (02 އޮގަސްޓް 2025) : އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ޔޫރަޕްގެ އިއްތިޙާދަށް ފިޔަވަޅު ނޭޅުމަކީ އިންސާނީ ހައްގުތަކުގެ ނަމުގައި ޔޫރަޕްގެ ގައުމުތަކުން އެހެން ގައުމުތަކާ ދެކޮޅަށް ބަސްބުނެ ފާޑުކިޔުމުގެ ބާރު ގެއްލިގެންދާކަމެއްކަމަށް ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ކާޔާ ކަލާސް ވިދާޅުވެއްޖެއެވެ.

ބްރަސަލްސްގައި ދެއްވި ބަޔާނެއްގައި ކާޔާ ކަލާސް ވިދާޅުވީ އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ ސޮފްޓް ޕަވާ ގެއްލި އިންސާނީ ހައްގުތަކުގެ ނަމުގައި ޔޫރަޕްގެ ގައުމުތަކުން ދައްކާ ވާހަކަތަކުގެ އިތުބާރު ގެއްލެމުން ދާ ކަމަށާއި މިއީ ވަރަށް ދެރަ ކަމެއްކަމުގައެވެ.

އިސްރާއީލުގެ ޖަރީމާތަކަށް ޔޫރަޕްވަނީ ބީރުކަންފަތެއް ދީފައި

ކާޔާ ވިދާޅުވީ ޣައްޒާގެ މަދަނީ ތަންތަނަށް ބޮންއަޅައިގެންނާ އަދި އާންމުން ބަނޑަށް ޖައްސައި މެރުމުގައި އެއްވެސް ގާނޫނަކަށް ގަވައިދަކަށް އަދި ޕްރިންސިޕަލް އަކަށް އިސްރާއީލު ނުބަލާއިރު އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ޔޫރަޕްގެ އިއްތިޙާދު ނާކާމިޔާބު ވެފައިވާކަމީ ދުނިޔެއަށް ހާމަވެފައިވާ ހަގީގަތެކެވެ.

މިކަމަށް ޔޫރަޕް ލޯމަރާލައިގެން އޮތްއިރު ދެން ޔޫރަޕުން އިންސާނީ ހައްގުތަކުގެ ވާހަކަ ދެއްކުމުން ޖަހާނީ ޖޯކު ކަމަށް ކާޔާ ވިދާޅުވިއެވެ.

މި ހަގީގަތް މިގޮތަށް އޮތްއިރު އިސްރާއީލުން އާދަޔާ ޚިލާފަށް އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާއިރު އެކަމަށް ބީރު ކަންފަތެއް ދީގެން އޮވެފައި ދެން އިންސާނީ ހައްގުތަކުގެ ދިފާއުގައި ޔޫރަޕްގެ ގައުމުތަކަށްވެސް އަދި ޔޫރަޕްގެ އިއްތިހާދަށްވެސް ދެއްކޭނެ ވާހަކައެއް އަދި ދޭނެ ފިލާވަޅެއް އޮތްކަމަށް ނުލެވޭކަމަށް ކާޔާ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާ ޖަރީމާތަކަށް ޔޫރަޕް ވަނީ ލޯމަރާލައި ބީރުކަންފަތެއް ދީފައި

"މި ހާލަތުގައި ޔޫރަޕަށް ލިބޭނީ މަލާމާތް، ދެން އިންސާނީ ހައްގުތަކުގެ ނަމުގައި ޔޫރަޕަށް ދެއްކޭނެ ވާހަކައެއް އޮންނާނެކަމަކަށް ނުބެލެވޭ," ކާޔާ ކަލާސް ވިދާޅުވިއެވެ.

މިއީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި އިންސާނީ ހައްގުތަކުގެ ނަމުގައި ޔޫރަޕް ފެއިލްވެފައިވާކަން ޔޫރަޕްގެ އިއްތިހާދުގެ އިސްވެރިއަކު އެއްބަސްވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޔޫރަޕްގެ ގައުމުތަކަކީ އަބަދުވެސް އިންސާނީ ހައްގުތަކުގެ ނަމުގައި މުނާފިގުކަމާއި ޑަބަލް ސްޓޭންޑަޑް ގެންގުޅޭ ގައުމުތަކެއްކަމަށް ތުހުމަތު ކުރެވޭ އަދި އެކަމަށް ފާޑުވެސް ކިޔޭ ގައުމުތަކެވެ.

ނަމަވެސް ޔޫރަޕްގެ ބާރާއި ނުފޫޒު ގަދަވުމުން ޔޫރަޕަށް ފާޑުކިޔަން ކެރެނީ އަދި ޔޫރަޕްގެ ދެފުށްދެގޮތްކަމާއި މުނާފިގުކަމުގެ ކުރިމަތީގައި ކުރިން ބަސްބުނަން ކެރެނީ ޗައިނާ، ރަޝިއާ، އީރާން އަދި ތުރުކީ ފަދަ މަދު ގައުމު ތަކަށެވެ.

ޔޫރަޕްގެ ގައުމުތަކަކީ އަބަދުވެސް އިސްރާއީލުފަދަ ޔޫރަޕްގެ މަސްލަހަތު އޮންނަ ގައުމުތައް ދިފާއުކޮށް އެހެން ގައުމުތަކަށް (ޚާއްސަކޮށް އާރާއި ބާރުނެތް ކުދި ގައުމުތަކަށް) އިންސާނީހައްގުތަކުގެ ނަމުގައި ފާޑުކިޔައި ފިލާވަޅުދެމުން ގެންދާ ގައުމުތަކެކެވެ.

މިކަންކަން ފާހަގަ ކުރައްވައި ފަރަންސޭސިވިލާތަށް ނިސްބަތްވާ ޔޫރަޕްގެ މުފައްކިރެއްކަމަށް ޕްރޮފެސަރ އޮލިވާ ރޮއި ވިދާޅުވެފައިވާ ގޮތުގައި ޔޫރަޕްގެ ގައުމުތަކާ އަދި އެމެރިކާވެސް އެހެން ގައުމުތަކާ ދެކޮޅަށް އިންސާނީ ހައްގުތައް ބޭނުންކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. އިޚްލާސްތެރިކަމުގައެއް ނޫނެވެ.

އެހެން ގައުމުތަކަށް ބަރާއި ނުފޫޒު ހިންގުމަށް ބޭނުންކުރާ ޓޫލެއްގެ ގޮތުގައެވެ. ޚާއްސަކޮށް ތިންވަނަ ދުނިޔޭގެ ގައުމުތަކަށް ހުޅަނގުގެ ޑޮމިނޭޝަން ފެތުރުމަށް ބޭނުންކުރާ އާލާތެއްގެ ގޮތުގައެވެ.

ހުޅަނގުގެ އިސްތިއުމާރީ ދައުރު ނިމުމަކަށް އައުމަށްފަހުވެސް އެހެން ގައުމުތަކުގެ ކުރިމަތީގައި ހުޅަނގުގެ ބާރާއި ނުފޫޒު ދައްކާލުމަށާއި އެހެން ގައުމުތަކަށްވުރެ ހުޅަނގުގެ ގައުމުތައް މާ މަތިވެރިކަމާއި އެމީހުންނަކީ ފުރިހަމަ ބައެއްކަން ދެއްކުމަށާއި އެހެން ގައުމުތައް ނިކަމެތި ކުރުމަށް ބޭނުންކުރާ އިސްތިއުމާރީ ޓޫލެއްގެ ގޮތުގައިކަން ފަރަންސޭސި ޕްރޮފެސަރ އޮލިވާ ރޮއި އޭނާގެ އޮރޮއެންޓަލް ސްޑަޓީ ތަކުގައި ފާހަގަ ކުރައްވާފައިވެއެވެ.

އޮލިވާ ހުޅަނގުގެ މިއިސްތުއުމާރީ އަދި ސުޕަލޭޓިވް ނުވަތަ މަވެތި ކަމުގެ ދަލުގައި ނުޖެހި ހުޅަނގަށް ބަރޯސާވުން ކުޑަކޮށް އެމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރުމަށް ކުރިއަރަމުން އަންނަ ގައުމުތަކަށް އޭނާގެ ދިރާސާތަކުގައި އިލްތިމާސް ކުރައްވާފައެވެ.

ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޗް މާޒް ވަނީ އިސްރާއީލަކީ ހުޅަނގުގެ ގައުމުތަކަށް ކުރަން ނުކެެރޭ މުޑުދާރު ކަންކަން ކުރުމަށް ހުޅަނގުން އުފައްދާފައިވާ ގައުމެއްކަމަށް ދާދިފަހުން ސިފަކުރައްވައިފައެވެ. މިވާހަކަތަކުން އިސްރާއީލާ އަދު މުޅި ހުޅަނގުގެ ހަގީގަތްވަނީ ވަރަށް ބޮޑަށް ބޭޒާރުވެފައިކަމަށް ޚުދު ހުޅަނގުގެ މުހައްލިލުން ވެސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް