ކުނި އުފުލަނިކޮށް ފަރަށް އެރި ދޯންޏެއްގައި ތިބި ތިން މީހުން ސަލާމަތް ކޮށްފި

ރޭ ފަރަށް އެރި ދޯނީގެ ފަޅުވެރިއެއް ސަލާމަތް ކުރަނީ: އެ ދޯނީގައި ތިބި 3 މީހުންގެ ހާލު ވެސް ރަނގަޅު-- ފޮޓޯ: އެމްއެންޑީއެފް

ކުނި ބަރުކޮށްގެން ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުން ކ. ތިލަފުށްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައި, ހާލުގައި ޖެހުނު މީހުން ސިފައިން ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދަތުރުކުރަމުން ދަނިކޮށް "ގުރުވަ 1" ނަމަކަށް ކިޔާ ދޯންޏެއް ނ. ކުޑަރަށް ކިޔާ ފަޅުރަށެއް ކައިރިން ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ ރޭ 11:24 ހާއިރު ކަމަށެވެ.

ފަރަށް އެރި "ގުރުވަ 1" ދޯނި، އެމްއެންޑީއެފުން ވަނީ ދޯނީގައި ތިބި ފަޅުވެރިން ސަލާމަތްކޮށްފައި --- ފޮޓޯ: އެމްއެންޑީއެފް

ދިވެއްސަކާއި ދެ ބިދޭސީއެއް ދަތުރު ކުރަމުން ދިޔަ އެ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފްގެ އުތުރު ސަރަހައްދުގެ ކޮމާންޑުގެ ކޯސްޓްގާޑުގެ ހާބާކްރާފްޓުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށް ތިން ފަޅުވެރިން ސަލާމަތްކޮށްފައެވެ.

އެ ތިން ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، އެ ދޯނީގައި ތިބި ފަޅުވެރިން މިއަދު 8:45 ހާއިރު ނ. ހޮޅުދުއަށް ގެންގޮސްފައިވާ ކަމަށެވެ.

ފަރާއި ގިރިތައް ގިނަ މި ރާއްޖޭގެ ކަނޑުތަކުގައި ދަތުރުކުރާ އުޅަނދު ފަހަރު ފަރަށް އެރުމަކީ ވަރަށް ގިނައިން ހިނގާ ކަމެކެވެ. މި ހާދިސާ ރޭ ހިނގާފައިވާއިރު މިދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް އެހާ މޫސުން ރަނގަޅު ދުވަސްވަރެއް ނޫނެވެ.

comment ކޮމެންޓް