ޖެހިޖެހިގެން ތިން ދުވަހު، ދިރާގުން ސޯޝަލް މީޑިއާއަށް މި ދޫކޮށްލީ ކޮން ކަަހަލަ ފޮޓޮއެއް ހެއްޔެވެ؟
ކޮންމެއަކަސް، މިދިޔަ ބުރާސްފަތި ދުވަހު ދެ އަތުން ދެ އައިސްކްރީމެއް ހިފަހައްޓައިގެން ހުރި ފޮޓޮއެއް ދޫކޮށްލިއިރު، އިއްޔެ އޮރެންޖް ކުލައިގެ ދެ ކޭކުގެ ފޮޓޮއެއް، އަދި މިއަދު ދެ ބުޅަލެއް ގާތްގާތުގައި ހުއްޓި ހުންނަ ތަން ދައްކުވައިދޭ ފޮޓޮއެއް، ދިރާގުން މި ވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފައެވެ.
އާއްމުކޮށް ޕްރޮމޯޝަންތަކާއި އިވެންޓްތަކުގެ ފޮޓޯތައް ހިއްސާ ކުރާ ދިރާގުން ތަފާތު ފޮޓޯތަކެއް އާއްމު ކުރާތީ އާއްމުންގެ ސަމާލުކަން ވެސް އެކަމަށް ވަނީ ވަރަށް ބޮޑަށް ލިބިފައެވެ. އޭގެ ތެރޭގައި ހެއްވާ, މަޗާ ކޮމެންޓްތައް ވެސް ހިމެނެއެވެ.
"މިފަހަރު އެސްއެމްއެސް ކޮށްގެން އަނެއްކާ ބުޅަލެއްތަ ލިބެނީ؟" އެންމެ ފަހުން ދިރާގުން އެ ކުންފުނީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާކުރި ދެ ބުޅަލުގެ ފޮޓޮއަށް މުހައްމަދު ޝިފާޒްގެ ނަމުގައި މީހަކު ކޮމެންޓެއް ލިޔެފައިވެއެވެ. ހަމަ އެއާއެކު ހަސަން ޣައްސާންގެ ނަމުގައި "ދެ ބުޅަލެއްގެ އަރާރުމެއް"ތޯ ސުވާލު އުފައްދާފައި ވެއެވެ.
ދެ ކޭކުގެ ފޮޓޮއަށް އެއްބަޔަކު ކުރި ކޮމެންޓުގައި ދިރާގުން އެފަދަ ވިޔަފާރިއެއް ފަށަނީ ތޯ ވެސް މަޖާޒީ ގޮތެއްގައި ސުވާލު އުފައްދާފައި ވެއެވެ. ރީނާ ރީނުގެ ނަމުގައި ހިންގާ އައިޑީއަކުން ކުރި ކޮމެންޓެއްގައި ވަނީ، "ކޭކު އަޅައިދެނީ" ކިހާ ވަރަކަށްތޯ ސުވާލުކޮށްފައެވެ.
ކޮންމެ ގޮތެއް ވިޔަސް ދިރާގުގެ މި ފޮޓޯތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
އެއާއެކު، ދިރާގުން އާ ޚިދުމަތެއް ނުވަތަ އާ ޕްރޮމޯޝަނެއް ތައާރަފްކުރަނީތޯ؟، ޕެކޭޖުތައް އަޕްގްރޭޑްކުރަނީތޯ؟، ދެ މީހަކަށް ގިވްއަވޭއެއް ދެނީތޯ؟، މިފަދަ ބައެއް ސުވާލުތައް އުފެދިފައިވެއެވެ.
ނަމަވެސް ދިރާގުން ބުނަނީ މި ފޮޓޯތަކުގެ ހަގީގަތް ވަރަށް އަވަހަށް ހާމަވެގެން ދާނެ ކަމަށެވެ. އެހެންކަމުން މި ޕޯސްޓުތަކުގެ ހަގީގަތް ހޯދައި ބެލުމަށްޓަކައި ޖެހޭނީ ކުޑަ އިންތިޒާރެއް ކޮށްލާށެވެ.