ކުރިއަށް އޮތް އެމްބީއޭ ވިމެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ސައިކްލޯން ބާސްކެޓްބޯލް ކުލަބުން ލަންކާގައި ކޭމްޕުކޮށްފިއެވެ.
މި މަހުގެ 1-7 ގެ ނިޔަލަށް ކުރިއަށްގެންދާ މި ކޭމްޕުގައި ލަންކާގައި އެކުވެރިކަމުގެ ހަ މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.
މި މަހުގެ 10 ވަނަ ދުވަހު ފަށާ އެމްބީއޭ ވިމެންސް ޑިވިޝަނަށް ތައްޔާރުވާ ސައިކްލޯން ޓީމުގައި މި ފަހަރު އެ ކުލަބުގެ އެކަޑަމީ ކުޅުންތެރިން ވެސް ހިމެނެއެވެ. މީގެ އިތުރުން, ސީނިއާ ބައެއް ކުޅުންތެރިން ވެސް ހިމެނެއެވެ. ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ހަނގު ކުޅުންތެރިޔާގެ އުމުރަކީ 14 އަހަރެވެ.
"ސަން"އަށް މައުލޫމާތުދެމުން ޓީމުގެ ކޯޗު އަހުމަދު ނަޒީފު ބުނީ، މި ދަތުރުގެ އެންމެ ބޮޑު އަމާޒަކީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ދިނުން ކަމަށާއި ޓީމުގެ ސީނިއާ ކުޅުންތެރިންނާއި ޖޫނިއާ ކުޅުންތެރިންނަށް އެމްބީއޭ ވިމެންސް ޑިވިޝަނުގެ ކުރިން ރަނގަޅު މެޗުތަކެއް ދިނުން ކަމަށެވެ.
މި ދަތުރުގައި ސައިކްލޯން ކުޅުމަށް ހަމަޖެހިފައިވާ ހަ މެޗުގެ ތެރެއިން މި މަހުގެ ހަތަރުވަނަ ދުވަހު ގައުމީ ޓީމާ އެކު ވެސް މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ.
ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މަރިޔަމް ސޮފްވާއެވެ. އަދި، ވައިސް ކެޕްޓަނަކީ ފާތިމަތު ޝައިލާންއެވެ. ދެން މި ޓީމުގައި އެ ކުލަބުގެ އެކަޑަމީ ކުޅުންތެރިންތަކެއް ހިމެނޭއިރު، މިއީ ބައިނަލްއަޤުވާމީ މައިދާނުގައި އެ ޓީމާއެކު އެ ކުޅުންތެރިންގެ ފުރަތަމަ ތަޖުރިބާއެވެ.
އެކުވެރިކަމުގެ މެޗުތައް ކުޅޭ ލަންކާގެ ހަ ޓީމަކީ ވެސް އެ ގައުމުގައި ވަރުގަދަ ހަ ޓީމެވެ. ލަންކާއަކީ ބާސްކެޓުގައި ރާއްޖެއާ ރަނގަޅު ވާދައެއް ކުރަމުން އަންނަ ގައުމެކެވެ.