ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް, މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް މިއަދު މަގާމުން ދުރުކޮށްފިއެވެ.
ސިފައިންގެ ވެލްފެއާ ކޯޕަރޭޓިވް (ސިވެކް) މެދުވެރިކޮށް ޝުޖާއަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި ގޮތުގެ ތަފުސީލުތައް ހިމެނޭ އެފްއައިޔޫގެ ރިޕޯޓު މި ފަހުން ވަނީ މީސްމީޑިއާގައި ލީކުކޮށްލައިފައެވެ. އެ ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކްސް އެކައުންޓް 'ހަސަން ކުރުސީ'އެވެ.
ފުލުހުން މިއަދު ވަނީ ޝުޖާއަށް ތުހުމަތު ކުރެވޭ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައެވެ.
މި ރިޕޯޓް ލީކް ވެފައިވަނިކޮށް, "ސަން" އަށް އެނގިފައިވާ ގޮތުގައި އަޝްރަފް ވަނީ, އެފްއައިޔޫގެ ވެރިޔާގެ މަގާމުން ދުރުކޮށް, އެ ބޭންކުގެ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ބަދަލުކޮށްފައެވެ.
އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އަޝްރަފަކީ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ދާއިރާއިން މަތީ ތައުލީމާއި ތަޖުރިބާ ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ.
އަޝްރަފްގެ ބަދަލުގައި އެމްއެމްއޭއިން ވަނީ އެފްއައިޔޫގެ ވެރިއަކަށް އެހެން ބޭފުޅަކު އައްޔަން ކުރައްވައިފައެވެ.
އެމްއެމްއޭގެ ގަވަރުނަރަކަށް އަހުމަދު ނަސީރު ހުންނެވިއިރު ވެސް އަޝްރަފް އެފްއައިޔޫގެ ވެރިޔާގެ މާގަމުން ދުރުކުރިއެވެ. އެ މައްސަލަ ޖެހުނީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ގަވަރުނަރަކަށް އައްޔަން ކުރެއްވި ނަސީރު, އެފްއައިޔޫގެ ހިންގުމަށް ނުފޫޒު ފޯރުވާ ކަމަށް އަޝްރަފް ތުހުމަތު ކުރައްވައި މަޖިލީހަށް ސިޓީއެއް ފޮނުވި ހިސާބުންނެވެ. އެ ދެ ބޭފުޅުން އޭރު މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރު ކުރުމުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވެއެވެ.
ނަސީރު, އެފްއައިޔޫ ހިންގުމަށް ހުރަސް އެޅުއްވި ކަމަށް ތުހުމަތު ކުރާ މައްސަލަ އަޝްރަފް ފުލުހުންނަށް ހުށަހެޅުމުން އޭރު ފުލުހުން ވެސް އެ މައްސަލަ ބެލިއެވެ.
ޝުޖާއަށް ބޮޑެތި ތުހުމަތުތަކެއް
ލީކުވެފައިވާ ރިޕޯޓުގައި ވަނީ ނޮވެންބަރު އެކެއް، 2022 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: -- ފޮޓޯ/ މަޖިލިސް
އެ ގޮތުން، ނޮވެންބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތާ ބެހޭ މުއާމަލާތް ވެސް ހިމެނެއެވެ. އެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ މަޖިލީހުގެ އިދާރާއިންނެވެ. ލީކުވެފައިވާ ރިޕޯޓުގައި ވާގޮތުން މަޖިލީހުން ސިވެކްއާ އެ މަސައްކަތް ހަވާލުކުރީ 22.9 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން 19.7 މިލިއަން ރުފިޔާ ވަނީ ތިން ކުންފުންޏަކަށް ޖަމާކޮށްފައެވެ. އެއީ:
- ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސްއަށް 13 މިލިއަން ރުފިޔާ
- ޑީޖީ ހޯލްޑިންސްއަށް ހަތަރު މިލިއަން ރުފިޔާ
- ޝުޖާއުގެ ދެބެއިންގެ ދެދަރި ކޮއްކޮ މުހައްމަދު ނާފިޒްގެ ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ
ރިޕޯޓުގައި ވާގޮތުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން އަށް މިލިއަން ރުފިޔާ ޚަރަދުކުރީ އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ޝުޖާއާއި ދައުލަތުގެ މީޑިއާގެ ބޯޑް މެންބަރެއް ކަމަށްވާ އަހުމަދު އަދުހަމަށް ރެއިންބޯއިން ދެ ލަގްޒަރީ އެޕާޓްމަންޓް ގަންނާށެވެ. އެއީ، ޖުމުލަ 20 މިލިއަން ރުފިޔާގެ އެޕާޓްމަންޓްތަކެއް ކަމަށް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން، ނޮވެންބަރު ދޭއް، 2022 އިން ފެށިގެން ނޮވެންބަރު ހަތެއް، 2023 އާ ހަމައަށް ކުއިކް ޝުއާއަށް މާލޭ ސިޓީ ކައުންސިލުން ވެސް 10.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އެއީ، އެކި މަސައްކަތްތަކުގެ އަގުގެ ގޮތުގައެވެ. އޭރު ޝުޖާ ހުންނެވީ ކައުންސިލްގެ ހުޅުމާލޭ މެންބަރެއްގެ ގޮތުގައެވެ. މޭޔަރަކަށް ހުންނެވީ ރައީސް މުއިއްޒެވެ.
ރިޕޯޓުގައި ވާގޮތުން މި ސަރުކާރުގައި ވެސް އެކި ކުންފުނިތަކާއި ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ފައިސާ އޮފިޝަލް އިވެންޓްސްއަށް ޖަމާކޮށްފައެވެ. އެ މުއާމަލާތްތަކުގެ އަދަދު 16 މިލިއަން ރުފިޔާއަށްވުރެ އިތުރެވެ.
ބެލެވޭ ގޮތުގައި އެއީ އެކިއެކި އިވެންޓްތައް ބާއްވަން ސަރުކާރުން ޖަމާކުރި ފައިސާއެވެ. އޮފިޝަލް އިވެންޓްސްއަކީ އެންމެ ފުޅާ ދާއިރާއެއްގައި އެ ވިޔަފާރިކުރާ އެއް ކުންފުންޏެވެ.
މި ރިޕޯޓާ ގުޅިގެން ބާރަށު ދާއިރާގެ މެންބަރުކަން ކުރައްވާ ޝުޖާއު ވިދާޅުވީ، އެ ރިޕޯޓާ ގުޅޭ ސައްހަ މައުލޫމާތު މިހާތަނަށް އެއްވެސް އިދާރާއަކުން އޭނާއާ ހިއްސާކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އޭޕްރީލް މަހުން ފެށިގެން ފުލުހުން އެ މައްސަލަ ތަހުގީގުކުރި ނަމަވެސް ޝުޖާއާ ސުވާލުކުރިކަމާ މެދު ސުވާލު އުފެދެއެވެ.
އޭނާ ވިދާޅުވީ، ކުންފުނި އުފެއްދުމަށް ފަހު ކޮންމެ ސަރުކާރެއްގައި ވެސް ކާމިޔާބުކަމާ އެކު މަޝްރޫއުތައް ހިންގާފައިވާ ކަމަށެވެ. އެއީ، ކުންފުނީގެ ތަޖުރިބާއާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ތުހުމަތުތައް ވަނީ ދޮގުކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އޭނާ ވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރުގައި ހުޅުމާލެއިން 9.4 މިލިއަން ރުފިޔާއަށް ބިމެއް ވެސް ބައްލަވައިގެންފައެވެ. އެއީ، 2،000 އަކަފޫޓަށްވުރެ ބޮޑު ބިމެކެވެ. އޭނާ ވަނީ އެ ފައިސާ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކާ ޚަލާސްކޮށްފައެވެ.