މަރުކަޒީ ބޭންކު، އެމްއެމްއޭގެއިން ދޫކުރާ ލައިސެންސް ނެތި ޕޭމަންޓް ސިސްޓަމްގެ ޚިދުމަތް ދީފިނަމަ، އެއްލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް (ފަވަރަ) ތަރައްގީކުރުމުގެ ޒިންމާ މަތިކޮށްފައި ވަނީ އެމްއެމްއޭއާއެވެ.
'ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް' ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަފީގު ހުށަހެޅުއްވި އިސްލާހުގެ ބޭނުމަކީ، ޕޭމަންޓް ސިސްޓަމްތައް ހިންގުމަށާއި، ޕޭމަންޓް ޚިދުމަތްތައް ދިނުމުގެ ބޭނުމަށް، ކުންފުންޏާއި އެ ނޫންވެސް ގާނޫނީ ޝަޚުސުތައް އުފެއްދުމުގެ ބާރު އެމްއެމްއޭއަށް ދިނުމެވެ. އަދި ޕޭމަންޓް ޚިދުމަތްތައް ސޮލިސިޓްކުރުން މަނާކޮށް، އަދަބު ކަނޑައެޅުމާ ބެހޭ އުސޫލުތައް ގާނޫނުގައި ހިމަނަން ބޭނުންވާ އިސްލާހުތައް ގެނައުމެވެ.
އެ އިސްލާހުގައި ވަނީ އެމްއެމްއޭއަށް ކުރެވޭނެ ކަންކަން ބަޔާންކޮށްފައެވެ. އެއީ:
- ސިސްޓަމްތަކުގެ މިލްކުވެރި ފަރާތަކަށްވުން، ނުވަތަ ސިސްޓަމްތައް ގާއިމުކޮށް ހިންގުން، ނުވަތަ ސިސްޓަމްތަކުގެ މިލްކުވެރިކަމުގައާއި ހިންގުމުގައި ބައިވެރިވުން.
- ސިސްޓަމްތަކަށް ހަދާ ޓްރާންސްފާތަކުގެ ކްލިއަރިން އަދި ސެޓްލްމަންޓް ހެދުމަށްޓަކައި އޮޕަރޭޓަރުންނަށާއި ބައިވެރިންނަށް އެކައުންޓް ހުޅުވައިދިނުމާއި ބެހެއްޓުން.
- އޮޕަރޭޓަރުންނާއި ބައިވެރިންގެ ކޮލެޓަރަލް ބެހެއްޓުން.
- އެކަށީގެންވާ ކޮލެޓަރަލްއެއް ނެގުމަށްފަހު ބައިވެރިންނަށް އިންޓްރާޑޭ ލިކުއިޑިޓީ ފޯރުކޮށްދިނުން.
ހަމައެއާއެކު ސިސްޓަމެއް ހިންގައި ޕޭމަންޓް ޚިދުމަތެއް ދިނުމަށްޓަކައި ކުންފުންޏެއް ނުވަތަ ޖޮއިންޓް ވެންޗާއެއް އުފެއްދިދާނެ ކަމަށް އިސްލާހުގައިވެއެވެ.
ވަކިން ޚާއްސަކޮށް އެ ގާނޫނުގެ 50 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުގައި އެމްއެމްއޭއިން އިސްތިސްނާކޮށްފައިވާ ފަރާތަކުން، އެ ގާނޫނުގެ ދަށުން ދޫކުރާ ލައިސެންސް ނުވަތަ ހުއްދަ ލިބިގެން މެނުވީ ރާއްޖޭގައި ޕޭމަންޓް ޚިދުމަތެއް ދީގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ އޮތޯރިޓީން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި ބޭންކުތައް ފިޔަވައި އެހެން ފަރާތްތަކުން، އެ ފަރާތެއް އަމިއްލައަށް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކޮށްގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ސޮލިސިޓްކުރުމަކީ އާންމުންނަށް ޕޭމަންޓްގެ ޚިދުމަތެއް ދިނުމަށް ހުށަހެޅުން، ނުވަތަ އެފަދަ އިޝްތިހާރެއް ކުރުން ނުވަތަ ދައުވަތެއް ދިނުމެވެ.
މިހާރު އެ މާއްދާ އޮންނަ ގޮތުން ނަމަ، އެ އޮތޯރިޓީން އެކަމަށް ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މެނުވީ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ޕޭމަންޓް ޚިދުމަތެއް ދީގެން ނުވާނެއެވެ.
މިހާރު އެ ގާނޫނު އޮންނަ ގޮތުން ސިސްޓަމްތައް ހިންގުމަށް ލައިސަންސް ހޯދަން ނުޖެހޭނީ:
- އޮތޯރިޓީން ހިންގާ ސިސްޓަމްތައް.
- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން، ސެކިއުރިޓީޒް ކްލިއަރިން އަދި ސެޓްލްމަންޓްގެ އިލްތިޒާމްތައް އަދާކުރުމަށް ހިންގާ ސިސްޓަމްތައް.
- ދިވެހިރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނުގެ ދަށުން ލައިސަންސް ލިބިގެން ހިންގާ ބޭންކުތަކުން އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ބޭންކިން ޚިދުމަތް ދިނުމަށް އެ ބޭންކުތަކުގައި ގާއިމުކޮށްފައިވާ އިން-ހައުސް ޕޭމަންޓް ސިސްޓަމްތައް.
- ތިންވަނަ ފަރާތަކަށް ފައިސާ ފޮނުވުމަށް ނުވަތަ ކްލިއާކުރުމަށް ނުވަތަ ސެޓްލްކުރުމަށް ބޭނުންނުކުރާ ގޮތަށް، އެއްވެސް ފަރާތަކުން ހަމައެކަނި އެ ފަރާތެއްގެ އިދާރީ ކަންކަމަށް ހިންގާ އިން-ހައުސް ސިސްޓަމްތައް.
- އޮތޯރިޓީން ކަނޑައަޅައި އާންމުކުރާ އެހެން ސިސްޓަމްތައް.
މި އިސްލާހުގެ ދަށުން ވަނީ ގާނޫނާ ޚިލާފުވެއްޖެ ހާލަތުގައި އަދަބެއްގެ ގޮތުން ޖޫރިމަނާކުރެވޭނެ ގޮތަށް ކަނޑައަޅާފައެވެ. އެގޮތުން 100،000 ރުފިޔާއާއި، 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެމްއޭއަށް ވަނީ ދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގެ ދުވެލި އިތުރަށް ހަލުވިކޮށް ކުރިޔަށްގެންދިޔުމުގެ މަގުސަދުގައި "ޕޭމަންޓް މޯލްޑިވްސް"ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް އެމްއެމްއޭއިން ވަނީ ފަށައިފައެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، ފަވަރައާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމުގައި މިއަހަރުގެ ޖުލައި 25 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.
އަދި ރާއްޖޭގެ ޕޭމަންޓް ސިނާއަތް ކުރިއެރުވުމަށް އެމްއެމްއޭއިން އިތުރަށް ކުރާ މަސައްކަތްތަކުގެ ދަށުން ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި ސްޓޭންޑަޑް އެކުލަވާލުމުގެ މަގުސަދަކީ ބޭންކްތަކާއި ޕޭމަންޓް ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުމެވެ.
އޭގެ ސަބަބުން ބޭނުންކުރަން ފަސޭހަ އީޖާދީ ޚިދުމަތްތައް ތައާރަފު ކުރުމަށް މަގު ފަހިވާނެއެވެ. އަދި ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގުފަހިވެ، ދެޤައުމުގެ ދެމެދުގައި ކުރާ ބައިނަލްއަގްވާމީ މުއާމަލާތްތަށް ވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ.