އުމުރު ހަމަނުވެގެން ކަމަށް ބުނެ، މި އަހަރުގެ ދިރާސީ އައު އަހަރު އެލްކޭޖީއަށް ނުވެއްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅި ކުއްޖަކު 15 ދުވަހުގެ ތެރޭގައި ނާސަރީން އެލްކޭޖީއަށް ބަދަލު ކުރުމަށް އަންގައި ހައިކޯޓުން މިދިޔަ މަހު ކުރި އަމުރު، ސުޕްރީމް ކޯޓުން ހުއްޓުވައިފިއެވެ.
ނާސަރީގައި ކިޔަވަމުންދާ ދަރިވަރަކު، އެލްކޭޖީއަށް ޕްރޮމޯޓް ކުރުމާ ގުޅޭ މި މައްސަލަ ޝަރީއަތަށް ހުށަހެޅީ އެ ކުއްޖާގެ މަންމަގެ ފަރާތުންނެވެ. މި މައްސަލަ ފެންމަތިވީ، އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި މިދިޔަ އަހަރުގެ ދިރާސީ އަހަރު ސުކޫލުތަކަށް ކުދިން ވެއްދުމާ ގުޅޭ އުމުރުފުރާތައް ކަނޑައެޅިއިރު، އެ ކުއްޖާ ޕްލޭ ސުކޫލުން ބޭބީ ނާސަރީއަށް ބަދަލުވުމަށް ކަނޑައަޅާފައިވާ އުމުރު ހަމަނުވާ ކަމަށާއި ޕްލޭ ސުކޫލުގައި ރިޕީޓު ކުރަން ޖެހޭ ކަމަށް ކެންގަރޫ ކިޑްސްއިން އެންގުމުންނެވެ.
އެހެންވެ، އެ ނިންމުން މުރާޖާކޮށްދިނުމަށް ކުއްޖާގެ މަންމަ މިނިސްޓްރީއަށް ހުށަހެޅުމުން ވަނީ، ނިންމުން ބަދަލު ކުރެވެން ނެތް ކަމަށް ނިންމާފައެވެ. އެ ނިންމުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ތައުލީމުގެ ގާނޫނާއި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކުއްޖާގެ މަންމަ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.
އެ ކޯޓުން ހުކުމްކޮށްފައި ވަނީ، މިނިސްޓްރީގެ ސާކިއުލާ ކުއްޖާގެ މައްޗަށް ތަންފީޒުކުރުމުގައި ތައުލީމުގެ ގާނޫނާއި ޚިލާފުވެފައިނުވާ ކަމަށާއި ކުއްޖާގެ މަންމަ އެދުނު އެއްވެސް ކަމެއް ފުރިހަމަ ކޮށްނުދެވޭނެ ކަމަށެވެ. އެ ނިންމުމާ ގުޅިގެން ޖޫން މަހުގެ 17ގައި އެ ކުއްޖާގެ މަންމަ ވަނީ އޭނާގެ ދަރިފުޅު މި އަހަރު އެލްކޭޖީގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދި ހައިކޯޓަށް ހުށަހަޅާފައެވެ.
ކުއްޖާގެ މަންމަގެ ފަރާތުން ހައިކޯޓުގައި ފާހަގަ ކުރީ، އެއް ގްރޭޑުން އަނެއް ގްރޭޑަށް ކުދިން ޕްރޮމޯޓު ކުރުމަށް ބަލަން ޖެހޭ އުމުރުގެ ކަޓް އޮފް ޑޭޓު ކަނޑައަޅާފައިވާ ގޮތުން، އެލްކޭޖީއަށް ބަދަލުވުމުގެ ފުރުސަތު ނުލިބި، އޭނާގެ ދަރިފުޅު ނާސަރީގައި ރިޕީޓުކުރުމަކީ ކުއްޖާއަށް ލިބޭ ގެއްލުމެއް ކަމަށެވެ. އަދި އެ ކުއްޖާއަކީ ނާސަރީއާއި އެލްކޭޖީގައި ކިޔެވުމުގެ ފެންވަރު ހުރި ކުއްޖެއް ކަމާމެދު ބަހުސެއް އުފެދިފައިނުވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
ކުއްޖާގެ މަންމަގެ ހުށަހެޅުމާ ގުޅިގެން ހައިކޯޓުގައި އެ މައްސަލަ ބެއްލެވި، ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނެރުނު އަމުރުގައި ވަނީ، އެ ކޯޓުން އެހެން ގޮތަކަށް އަންގަންދެން ނުވަތަ ގޮތެއް ކަނޑައަޅަންދެން ވަގުތީ އަމުރު ނެރޭތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި އެ ކުއްޖާ އެލްކޭޖީއަށް ބަދަލުކޮށްދިނުމަށެވެ. އަދި، ބަދަލުގެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާއަކަށް އަންގަން އެ އަމުރުގައިވެއެވެ.
ހައިކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ، ފަނޑިޔާރު ދީބާނާޒް ފަހުމީއާއި ފަނޑިޔާރު ފާތިމަތު ފަރްހީޒާއާއި ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ. އަދި ކުއްޖާ އެލްކޭޖީއަށް ޕްރޮމޯޓްކުރަން އަމުރުކުރެއްވީ ފަނޑިޔާރު ދީބާނާޒްއާއި ފަނޑިޔާރު ފަރްހީޒާއެވެ.
ހައިކޯޓުގެ އެ އަމުރު ނެރެފައިވަނީ ސްކޫލް ބަންދުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އެހެންކަމުން، މިހާރު މިއޮތް ސްކޫލު ބަންދަށް ފަހު ދެން ސްކޫލު ހުޅުވޭއިރު، އެ ކުއްޖާ އެލްކޭޖީއަށް ޕްރޮމޯޓްވާ ގޮތަށް އޮތް ނަމަވެސް ހައިކޯޓުގެ އެ އަމުރު ސުޕްރީމް ކޯޓުންވަނީ މިހާރު ހުއްޓުވާފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ވަގުތީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ހަމީދު، ހުސެއިން ޝަހީދު އަދި ޑރ. މުހައްމަދު އިބްރާހީމްއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.